ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ ފެނީ ކޮވިޑުގައި އަޑިއަޅާލި އިގުތިސޯދަށް ދިރުން އައިސް ނިމުނު އަހަރުގެ ތެރޭގައި ގައުމީ އުފެއްދުންތެރިކަމުން ބޮޑު ބަޔެއް އިޔާދަކުރެއްވިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މިދިޔަ އަހަރު ގައުމީ އުފެއްދުންތެރިކަން ހުރީ 31.6 ޕަސެންޓާ 38.5 ޕަސެންޓާ ދެމެދުގައި ކަމަށެވެ.
މިއީ އަހަރު ފެށުމުގެ ކުރިން ބައިނަލްއަގުވާމީ މާލީ އިދާރާތައް ކަމުގައިވާ ވާލްޑް ބޭންކާއި އައިއެމްއެފްގެ ލަފާކުރުންތަކަށް ވުރެ މަތީ މިންވަރެކެވެ. މިއާއެކު ރާއްޖެ ހިމެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު އުފެއްދުންތެރިކަން އެންމެ ބޮޑަށް އިތުރުވީ ފަސް ގައުމުގެ ތެރޭގަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ މި ކުރިއެރުންތަކާއެކު މި އަހަރު ވެސް އިގުތިސޯދު 12 ޕަސެންޓު އިތުރުވާނެ ކަމަށް ލަފާކުރެވޭކަމަށް ރައީސް ވިދާޅުވި އެވެ. އަދި، 2023 ވަނަ އަހަރަށް ކޮވިޑުގެ ކުރީގެ ހާލަތަށް އިގުތިސޯދު ރުޖޫއަކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މިއަހަރަށް މަޖިލިސް ހުޅުވައި ދެއްވުމަށް ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ. -ފޮޓޯ: މަޖިލިސް

"އަންދާޒާ ކުރެވިފައިވާ އިގުތިސޯދީ އަމާޒު ހިފެހެއްޓުމަކީ ސަރުކާރުގެ އަޒުމް. ކޮވިޑް-19 ގެ ކުރިން އޮތް ހިސާބަށް އިގުތިސޯދު އަނބުރާ ގެންދެވޭނެ ކަމުގެ ފާހަގަ ސަރުކާރުން ޖަހާ އަހަރަކީ އިރާދަ ކުރެއްވިއްޔާ 2023" ރައީސް ސޯލިހު ވިދާޅުވި އެވެ.
މިދިޔަ އަހަރު އިގުތިސޯދު ކުރިއެރި އެންމެ ބޮޑު ސަބަބަކީ ހީކުރި ވަރަށް ޓޫރިސްޓު ނަމްބަރުތައް މަތިވުމެވެ.
އެގޮތުން މިދިޔަ އަހަރު އެއް މިލިއަން ފަތުރުވެރިން ގެންނަން އަމާޒު ހިފިނަމަވެސް އަހަރު ނިންމާލީ 1.3 މިލިއަން ފަތުރުވެރިންގެ އަމާޒާށް ވާސިލުވުވެފަ އެވެ. މި ކާމިޔާބީ ފާހަގަކުރައްވަމުން ރައީސްގެ އުއްމީދަކީ މި އަހަރަށް ލަފާކުރާ 1.6 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސް ސަރުކާރުން އަމާޒުކުރާ އިގުތިސޯދީ ދުވެލި ދެމެހެއްޓުމެވެ.
އިގުތިސޯދު ދުޅަހެޔޮ، ލޯނުތައް ދެއްކޭނެ
ކޮވިޑުގެ އިގުތިސޯދީ އަސަރުތައް ކުޑަކުރަން ސަރުކާރުން ގިނަ އަދަދެއްގެ ލޯނު ނެގުމާ ގުޅިގެން މިހާރު ގައުމުގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 100 ޕަސެންޓާ ގާތްކުރާ އަދަދެއްގަ އެވެ. ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ އެއް ދާއިރާއަކީ ވެސް މިއީ އެވެ.
މިކަމަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ ދައުލަތެއް ހިންގޭނީ މާލީ ލޭންދޭނުތަކާ އެކީގައި ކަމަށާއި ދަރަންޏަށް ފައިސާ ހޯދައި، އެ ފައިސާ އަދާކުރުމުގެ ގާބިލިއްޔަތުކަން ސަރުކާރުގެ އެބަހުރި ކަމަށެވެ.
މިދިޔަ އަހަރުގެ ތެރޭގައި ރިޒާވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސްޓޮޕް ފެސިލިޓީ ވަނީ އެއްކޮށް ހަލާސްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުރީ ސަރުކާރުން ނަގާފައިވާ ލޯނުތައް އަދާކުރަން އިތުރު 447 މިލިއަން ޑޮލަރު ހޭދަވީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ދަރަނިތައް އަދާކުރުމަށް ފަހު ވެސް މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގެ ގޮތުގާ 791.2 މިލިއަން ޑޮލަރު ހުރި ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.












