އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑެމީ (އަރްބާ) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ އަންހެން ޓީމު އިވެންޓް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ޑަބްލިއުއެންޑްޑީ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ސީއެސް ސްޕޯޓްސް އިން ހޯދައިފި އެވެ.
ހަތަރު ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލުން ޑަބްލިއުއެންޑްޑީ އާއި ސީއެސް ޖާގަ ހޯދީ ލީގު ބުރުގައި ގަދަ ދެ ޓީމުގެ ގޮތުގައި ހިމެނިގެންނެވެ. މި ދެ ޓީމުގެ އިތުރުން ދެން މި މުބާރާތުގައި ވާދަކުރީ ވިކްޓްރީ ސްޕޯޓްސް ކްލަބް އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ.
ފައިނަލް މެޗުގެ ފުރަތަމަ ޑަބަލްސްގައި ވާދަކުރީ ޑަބްލިއުއެންޑްޑީ ނީލާ އަހުމަދު ނަޖީބާއި ޝަފާތު އަހުމަދު ޒާހިރުގެ ޕެއާ އާއި ސީއެސްގެ އާމިނަތު ޝާހުރުނާޒު މޫސާ އާއި ފާތިމަތު އަމާނީ ރަޝީދުގެ ޕެއާ އެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކުރީ ސީއެސްގެ ޝަހުރުނާޒާއި އަމާނީގެ ޕެއާ އެވެ. އެއީ 10-15، 14-15 އިންނެވެ.
ދެ ވަނަ އަށް ކުޅުނު ސިންގަލްސްގައި ޑަބްލިއުއެންޑްޑީގެ ނީލާ ވަނީ ފަސޭހަކަމާ އެކު 15-5، 15-1 އިން ސީ އެސްގެ ޝަހުރުނާޒް ބަލިކޮށްފަ އެވެ.
ދެ ވަނަ ޑަބަލްސްގައި ޑަބްލިއުއެންޑްޑީގެ އަމިނަތު ނަސީމާ އާއި ރާބިއާ ނައީމްގެ ޕެއާ ނިކުތީ ސީއެސްގެ އާމިނަތު ހުދާ އާއި ފާތިމަތު ޝައްނަގެ ޕެއާއާ ދެކޮޅަށެވެ. މި މެޗު 15-13، 15-5 އިން ކާމިޔާބުކޮށް ފައިނަލްގައި 2 ގޭމް 1 ގޭމްގެ ލީޑެއް ނެގި އެވެ.
'ޗެމްޕިއަންކަން ހޯދަން ބާކީ އޮތް ދެ ގޭމުން ޑަބްލިއުއެންޑްޑީ ބޭނުންވަނީ އެންމެ މޮޅެކެވެ.
އެކަމަކު، އާ ހިތްވަރަކާ އެކު ނުކުމެ ސީއެސް އިން ދެ ވަނަ ސިންގަލްސް ކާމިޔާބު ކުރުމާ އެކު މެޗުގެ ފޯރިގަދަވި އެވެ. ޑަބްލިއުއެންޑްޑީގެ އާމިނަތު ނަސީމާ އަތުން ސީއެސްގެ ޝިފްނާ ހުސައިން މޮޅުވީ 8-15، 15-5 އިންނެވެ.
ފައިނަލް މެޗުގެ އެންމެ ފޯރިގަދަކޮށް ދިޔައީ ފަހު ޑަބަލްސް އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ޗެމްޕިއަންކަން ކަށަވަރުވާއިރު، ދެ ޓީމުންވެސް ޕްރެޝަރުގައި ގިނަ މިސްޓޭކްތަކެއް ވެސް ހެދި އެވެ. ޑަބްލިއު އެންޑް ޑީގެ ޝަފާތު އާއި ރާބިއާގެ ޕެއާއާ ދެކޮޅަށް މި މެޗުގައި ނިކުތީ ސީއެސްގެ ޝިފްނާ އާއި އަމާނީގެ ޕެއާ އެވެ. މިމެޗު ސީއެސް އިން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ދެ ސެޓު 9-15 ،14-15 އިން ހޯދައިގެންނެވެ.
ސީއެސް އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްގެންނެވެ. އެޓީމުން ވަނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން މިދިޔަ މަހު ކުރިޔަށް ގެންދިޔަ ބެޑްމިންޓަން މިކްސް ޓީމް ޗެމްޕިއަންޝިޕް ވެސް ކާމިޔާބުކޮށްފަ އެވެ.
ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުފެއްދި އަފްނާން ބެޑްމިންޓަން އެކަޑެމީ އަކީ އާ ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި މިދިޔަ އަހަރު އުފެއްދި އެކަޑެމީ އެކެވެ. އަންހެން ކުދިންނަށް ހާއްސަކޮށްގެން ބޭއްވި އަންހެން ޓީމް ޗެމްޕިއަންޝިޕަކީ އެ އެކަޑެމީން ކުރިއަށް ގެންދިޔަ މި ފަދަ ފުރަތަމަ މުބާރާތެވެ.












