ޓެރަރިސްޓުން ރާއްޖެ ހިފުމަށް ނޮވެމްބަރު 3، 1988 ގައި ދިން ވަރުގަދަ ހަމަލާގައި ޝަހީދުވި ހދ. ކުޅުދުއްފުށީ، މާވާގޭ، ހުސެއިން އާދަމްގެ ފޮޓޯ، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އިންޑިއާ އައުޓް ކެމްޕެއިނުގައި ބޭނުން ކުރުމުން ކުޅުދުއްފުށީ ސިޓީގެ ބައެއް ވެރިން އެކަމާ ނުރުހުން ފާޅު ކުރީ އިއްޔެ އެވެ.
ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ، އިންޑިއާ އައުޓް ކެމްޕެއިނުގެ ބެނާއެއްގައި ޖެހީ އެ ޕާޓީން ފުވައްމުލަކުގައި ބޭއްވި އިވެންޓެއްގަ އެވެ. އެ ފޮޓޯތައް އާންމުވުމާއެކު ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވަނީ ޕީޕީއެމަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފަ އެވެ.
"މިހާރު އެ ކުޅެވެނީ އަޅުގަނޑުމެންގެ ލެޔާ. ވަކި ގައުމަކާ ދެކޮޅު ހާރިޖީ ސިޔާސަތެއް ޕްރޮމޯޓް ކުރަމުންގެންދާ ޕާޓީއެއް ޕީޕީއެމްއަކީ. އެފަދަ ކެމްޕެއިނެއްގައި އަޅުގަނޑުމެންގެ ކުޅުދުއްފުށީގެ ފަހުރެއް ކަމުގައިވާ މި ރަށު މާވާގޭ ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ އެގޮތަށް ބޭނުން ކުރެވިގެންނުވާނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" މި ނޫހާ ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވި އެވެ.
ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޔާސިރު އެކަމާ ގުޅޭ ގޮތުން ވިދާޅުވީ ސިޔާސީ ހަރަކާތެއްގައި ދިވެހިރާއްޖޭގެ ބަތަލެއްގެ ނަން ބޭނުން ކުރެވޭނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން ސިޔާސީ ގޮތުން ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ ބޭނުން ކުރެވިދާނެ ކަމަކަށް. އަޅުގަނޑުމެން ވަރަށް ބޮޑު އިހްތިރާމެއް އަދި ގަދަރެއް އޮންނަ ބޭފުޅެއް ޝަހީދު ހުސެއިން އާދަމްއަކީ. ސިޔާސީ ކެމްޕެއިނުތަކުގައި ހުސެއިން އާދަމްގެ ފޮޓޯ ބޭނުން ނުކުރެއްވުން އަޅުގަނޑުމެން އެދެނީ،" ޔާސިރު ވިދާޅުވި އެވެ.


ފުވައްމުލަކުގައި ބޭއްވި އިވެންޓުގައި ޝަހީދު ހުސެއިންގެ ފޮޓޯއެއް ބޭނުން ކުރަނީ: ޕީޕީއެމް ދެކޭ ގޮތުގައި އެއީ މައްސަލައެއް ނޫން -- ފޮޓޯ: ސޯޝަލް މީޑިއާ
އެކަމަކު ޕީޕީއެމުން ބުނީ ޝަހީދު ހުސެއިންގެ ފޮޓޯ އިންޑިއާ އައުޓް ކެމްޕެއިނުގައި ބޭނުން ކުރުމަކީ މައްސަލައެއް ކަމަށް އެ ޕާޓީން ނުދެކޭ ކަމަށެވެ. އަދި ބުނީ އެ ކެމްޕެއިނަކީ ގައުމީ މަސައްކަތެއް ކަމަށާއި އެފަދަ ކަމެއްގައި ބަތަލުންގެ ޒިކުރާ އާ ކުރަން ވެސް ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން ސިޔާސީ ގޮތުން ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ ބޭނުން ކުރެވިދާނެ ކަމަކަށް. އަޅުގަނޑުމެން ވަރަށް ބޮޑު އިހްތިރާމެއް އަދި ގަދަރެއް އޮންނަ ބޭފުޅެއް ޝަހީދު ހުސެއިން އާދަމްއަކީ. ސިޔާސީ ކެމްޕެއިނުތަކުގައި ހުސެއިން އާދަމްގެ ފޮޓޯ ބޭނުން ނުކުރެއްވުން އަޅުގަނޑުމެން އެދެނީ،" ޔާސިރު ވިދާޅުވި އެވެ.
"އިންޑިއާ އައުޓް ކެމްޕެއިނަކީ ސިޔާސީ ކަމެއް ނޫން. އެކަން ފެށީ ވެސް ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން. ޕާޓީތަކަށް އެކަމުގައި ބައިވެރިވާން ދައުވަތު ދިނީ ވެސް ގައުމީ ކަމެއްގެ ގޮތުގައި. އަޅުގަނޑުމެންނެއް ނުދެކެން ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ ބޭނުން ކުރުމަކީ މައްސަލައެއް ކަމަށް. އެއީ ގައުމީ ބަތަލެއް. ގައުމު ދިފާއު ކުރެއްވި ބޭފުޅެއް. އަދި ގައުމަށްޓަކައި ޝަހީދުވި ބޭފުޅެއް. އެހެންވީމަ އެފަދަ ބަތަލުންގެ ޒިކުރާ އާ ކުރަންޖެހޭ ގައުމުގެ މިނިވަންކަމާ ގުޅިފަ އޮތް މިފަދަ މަސައްކަތެއްގައި. އެއީ ސިޔާސީ ކަމެއް ނޫން،" މި ނޫހާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.
އިންޑިއާ އައުޓް ކެމްޕެއިން
އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅު ކޯލިޝަނުން ކުރަން ފެށީ އުތުރުތިލަފަޅު އެއްބަސްވުމާއި މުޅި ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭއެއް ހެދުމަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއި ކުރި އެގްރިމެންޓުގެ ތަފްސީލު ހާމަ ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމުންނެވެ.
އެގްރިމެންޓުތައް ހާމަ ކުރަން ދެކޮޅު ހެދުމުން އިދިކޮޅަށް ނިސްބަތްވާ މެމްބަރުން ވަނީ އެކި މަސައްކަތް ކުރައްވައިގެން އެންމެފަހުން މަޖިލީހުގެ ކޮމެޓީއެއްގައި އެގްރިމެންޓް ބައްލަވައިފަ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުވާ ދެކޮޅު ކަމަށް ބުނެ ޕެޓިޝަނެއްގައި ސޮއި ކުރަން ފެށީ އެ ހިސާބުންނެވެ.
ދިވެހިންގެ މިނިވަންކަން ގެއްލެމުންދާ ކަމަށް ބުނެ އެންމެ ފުރަތަމަ ޕީޕީއެމުން ޖުލައި 30، 2021 ގައި ކެމްޕެއިނެއް ފެށީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގަ އެވެ. ކެމްޕެއިނުގެ ނަން "އިންޑިއާ އައުޓް" އަށް ބަދަލުވީ އޭގެ ފަހުންނެވެ.
އެ ކެމްޕެއިނުގައި ބައިވެރިވުމަށް ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީއަށް ޕީޕީއެމުން ފޮނުވި އެވެ. ނަމަވެސް އެއްވެސް ޕާޓީއަކުން ދައުވަތު ގަބޫލުކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ހުރިހާ ޕާޓީތަކަކުން ބަޔާން ނެރުނީ އެ ކެމްޕެއިން ކުށްވެރިކޮށްފަ އެވެ. އިދިކޮޅު މޯލްޑިވްސް ނެޝަނަލް ޕާޓީން ވެސް އެ ކެމްޕެއިން ކުށްވެރި ކުރި އެވެ.
ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައި އޮތް މަނީ ލޯންޑަރިންގެ ހުކުމް ނޮވެމްބަރު 30، 2021 ގައި ބާތިލް ކުރުމާއެކު އެންމެ ފުރަތަމަ ބޭއްވި ރަސްމީ ޖަލްސާގައި އެމަނިކުފާނު ވަނީ "އިންޑިއާ އައުޓް" ގެ ޒިންމާ ނަންގަވައިފަ އެވެ.
ޝަހީދު ހުސެއިން އާދަމް
ކޯޕްރަލް ޝަހީދު ހުސެއިން އާދަމް، 20، ޝަހީދުވެވަޑައިގެެންނެވީ ސިފައިންގެ ހެޑްކުއާޓާޒްގެ މައި ގޭޓުގެ ގާޑަކަށް ހުންނަވަނިކޮށް ލިބުނު ހަމަލާތަކުންނެވެ. ޝަހީދުވީ ގޭޓުގައި ފޯރިމަރާ ސިފައިން ގާޑުކޮށްފައި ހުންނަ ޕޯސްޓުގަ އެވެ.
ސިފައިންގެ ގޭޓު ނައްތާލުމަށްފަހު ޓެރަރިސްޓުންނަށް އެ މަރުކަޒަށް ނުވަދެވުނީ ހުސެއިން އާދަމް އާއި އޭނާއާއެކު ގޭޓު ހިމާޔަތް ކުރަން ތިބި ސިފައިން ކުރި މަސައްކަތާއި ގަދަ ހިތްވަރުންނެވެ.
ހުސެއިން އާދަމް ޝަހީދުވީ، އެކަނި އޭނާގެ އޭކޭ-47 ބަޑިން ޓެރަރިސްޓުންނަށް ވަރަށް ގިނަ ހަމަލާތަކެއް ދިނުމަށްފަހު އެވެ. އަވަހާރަވިއިރު ބަޑިން ހުރީ ވަޒަން ހުސްވެފަ އެވެ. އޭގެ ކުރިން ހުސެއިން އާދަމް ގޮވަމުން ދިޔައީ ޓެރަރިސްޓުން ހަމަލާދިނުމަށްޓަކައި އޭނާއަށް ވަޒަން މެގެޒިނެއް ދިނުމަށެވެ.
ޝަހީދު ހުސެއިން އާދަމް ގައުމަށްޓަކައި ވީ ގުރްބާނީއަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން އޭނާއަށް ވަނީ ތިން މެޑެލެއް އަރުވައިފަ އެވެ. އެއީ މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ އާއި ޕާޕަލް ހާޓް އާއި ނޮވެމްބަރު ތިނެއްގެ ހާއްސަ މެޑެލެވެ.
ބައެއް މުހިންމު ހަބަރުތައް
- ށ. ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮންނަ މަތި ކޮމަންޑޫ ގުޅާލުމަށް މަޝްރޫއެއް ފެށީ ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ ބައި-އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވަން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާކަން ހާމަވީ އިއްޔެ އެވެ.
- ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި މިއުޒިއަމެއް އެޅުމަށް ނިންމައި އެކަމަށް ޝައުގުވެރިވާ މީހުން ބީލަން ހުށަހަޅަން ހުޅުވާލީ އިއްޔެ އެވެ.
- ހއ. ދިއްދޫގެ މީހުން ވަޅުލާ ސަހަރާ ފުރިގެން އެ ތަން ސާފު ކުުރުމުގެ މަސައްކަތް ކުރިއަށްގެންދިޔަ އިރު ވަރަށް ދުވަސްތީ މަހާނަ ގާތަކެއް ތަޅާލައިފި އެވެ. އޭގެ ތެރެއިން ބައެއް ގަލަކީ 50 ނުވަތަ 200 އަހަރުވެފައިވާ ގާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ މޫސާ ފަތުހީގެ ކެމްޕެއިނުގެ ފަރާތުން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ:
"2023 ގައި އަޅުގަނޑުމެންގެ ސަރުކާރެއް، ރައްޔިތުންގެ ކަންތައްތައް ކުރުމަށް ފަހިވެގެން ހިނގައްޖެ ކަމަށް ވަންޏާ، ހިންގާ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ކަމަށްވިޔަސް އަދި މުއައްސަސާތަކުގެ ވަޒީފާތައް ކަމަށް ވިޔަސް، މި ތަންތަނަށް (ސަރުކާރު ވަޒީފާތަކަށް) އަޅުގަނޑުމެން ނަގާނީ ޕީޕީއެމްގެ ކުދިން. އެހެން ބަޔަކަށް ޖާގައެއް ނޯންނާނެ. އަދި އޭގެން ޖާގަ ދޭނަން މިހާރު އަޅުގަނޑުމެންނާ އެކު މަސައްކަތްކުރާ މީހުނަށް."
ދުވަހުގެ ފޮޓޯ

ދިއްދޫ ސަހަރާ ފުރިގެން ސާފު ކުރިއިރު ގެއްލުންވި މަހާނަ ގާތައް: އެ ރަށު ކައުންސިލުން ބުނީ މަހާނަ ގާތަކަށް ގެއްލުންވީ ސަހަރާ ފުރިގެން އިތުރަށް ބޭނުން ކުރުމަށްޓަކައި ސާފު ކުރުން ނޫން އެހެން ގޮތެއް ނެތިގެން ކުރި މަސައްކަތުގެ ތެރެއިން ކަމަށް -- ފޮޓޯ: ސޯޝަލް މީޑިއާ
ދިރާސާތަކުން ކިޔާލުމަށް
އެއީ ނިއުޒިލެންޑުގެ ޔުނިވާސިޓީ އޮފް ކެންޓަބަރީގައި ޕީއެޗްޑީއަށް ކިޔަވަމުންގެންދެވި ދަރިވަރު އަލީ ހަލީލު އޭނާގެ ތީސިސްއަށްޓަކައި ކޮށްފައި އޮތް ދިރާސާއެކެވެ. އެ ދިރާސާ ޝާއިއުކޮށްފައި ވަނީ 1999 ވަނަ އަހަރެވެ.
އެ ދިރާސާގައި ބަލާފައި ވަނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ފޮރިން ޕޮލިސީއަށެވެ. އެގޮތުން ގުދުރަތީ ގޮތުން ދިމާވެފައިވާ މައްސަލަތަކަށް ބޭރުގެ އެހީ ހޯދުމަށް ޕޮލިސީ ބައްޓަން ކުރާ ގޮތް ކިޔައިދީފައިވެ އެވެ. އަދި ކުދި ގައުމުތަކުން ވަކި އެއް ގައުމާމެދު ބާއްވާ ގުޅުންތަކާ ގިނަ ގައުމުތަކަކާއެކު އެއްފަހަރާ ބާއްވާ ގުޅުމުގެ މައްޗަށް ވެސް އެ ދިރާސާގާއި ބަލާފައިވެ އެވެ.













