ބޭންކް އޮފް މޯލްޑިވްސް އަށް މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފި އެވެ.
ބީއެމްއެލް އިން މިއަދު އާންމުކުރި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުގައިވާ ގޮތުން 3.8 ބިލިއަން ރުފިޔާގެ ވިޔަފާރި ބޭންކުން މިދިޔަ އަހަރު ކުރިއިރު، ޓެކްސް އަށް ކެނޑުމުގެ ކުރިން 2.6 ބިލިއަން ރުފިޔާ ހިންގުމުގެ ފައިދާ ގެ ގޮތުގައި ލިބިފައިވެ އެވެ.
އެ ފައިދާ އިން 646 މިލިއަން ރުފިޔާ އިންކަމް ޓެކްސް އަށް ކަނޑާފައިވާއިރު، ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ ނުލިބޭނެ ކަމަށް ބަލައި ޕްރޮވިޝަން ހަދާފައިވެ އެވެ. މިދިޔަ އަހަަރު ބޭންކުގެ ހިންގުމަށް ހަރަދުވެފައި ވަނީ 580 މިލިއަން ރުފިޔާ އެވެ.
މީގެ ދެ އަހަރު ކުރިން 2020 ގައި، 2.7 ބިލިއަން ރުފިޔާގެ އާމްދަނީއަކުން ބޭންކަށް ފައިދާވީ 325 މިލިއަން ރުފިޔާ އެވެ. އެ އަހަރު ނުލިބޭނެ ކަމަށް ބަލައި 1.2 ބިލިއަން ރުފިޔާގެ ޕްރޮވިޝަނެއް ބޭންކުން ހެދި އެވެ.
ބީއެމްއެލްގެ މިދިޔަ އަހަރުގެ ސާފު ފައިދާ އާދަޔާ ހިލާފަށް ބޮޑުވީ، އެ ބޭންކަށް ދައްކަން ޖެހޭ ބޮޑު ލޯނަކަށް މިދިޔަ އަހަރުގެ ތެރޭގައި އެއް ފަހަރާ ފައިސާ ލިބިފައިވާތީ އެވެ. އެ ލޯނު ދެއްކުމުން މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވެ އެވެ.
"މި ނިމިގެންދިޔަ އަހަރުގެ ނަތީޖާއަށް ބަލާއިރު މިއީ ބޭންކުގެ ތާރީހުގައި މިހާތަނަށް އެެންމެ ބޮޑު ކާމިޔާބެއް ހޯދުނު އަހަރު. ކޮވިޑްގެ ހާލާތާ ގުޅިގެން ހިންގުމުގައި ދަތި އުނދަގޫތަކެއް ކުރިމަތިވި ކަމުގައިވީ ނަމަވެސް، 2021 ވަނަ އަހަރު ވިޔަފާރިން ހަރުދަނާ ނަތީޖާއެއް ހޯދިފައި ވަނީ ރާއްޖޭގެ އެކިކަންކޮޅު ތަކުގައި މަސައްކަތް ކުރަމުންދާ އަޅުގަނޑުމެންގެ ޓީމު ތަކުން ވަރުބަލި ކަމެއްނެތި ކުރި ބުރަ މަސައްކަތުން," މިދިޔަ އަހަރުގެ ފައިދާ އާ ގުޅޭ ގޮތުން ނެރުނު ބާޔާނުގައި ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވެފައިވެ އެވެ.
ސޯޔާ ވިދާޅުވީ ބޭންކުން ދޫކުރާ ލޯނުގެ ނިސްބަތް އިރުތުވެފައިވާއިރު އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ރަނގަޅުވެ، 2.5 ޕަސެންޓުގައި ހިފެހެއްޓިފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 3.3 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި ހޯދުނު ނަތީޖާއާއެކު ސީދާ ގޮތުން އެންމެ ބޮޑު މަންފާއެއް ލިބިގެން ދާނީ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރަށް، މި ގޮތުން ރާއްޖޭގެ އިގްތިސާދަށް އެހީތެރި ވުމަށް ވަރަށް ރަނގަޅު އަދަދެއް ސަރުކާރަށް ލިބިގެންދާނެ،" ބަޔާނުގައި އޭނާ ވިދާޅުވެފައިވެ އެވެ.
ކޮވިޑް-19 ގެ ސަބަބުން 2020 ވަނަ އަހަރު ބީއެމްއެލްގެ ވިޔަފާރި އަށް ވަރަށް ބޮޑަށް އަސަރުކުރި އެވެ. މިދިޔަ އަހަރުގެ ފައިދާ އަދާޔާ ހިލާފަށް ރަނގަޅު ވުމަކީ، 40 އަހަރު ފާހަގަ ކުރަމުންދާ ބޭންކަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ސަބަބެއް ކަމަށް ބޭންކުން ބުނެވެ.










