މާލޭގައި އުޅޭ ގޭންގުތައް ކޮންޓްރޯލްކޮށް، ހަރަކާތްތައް ހުއްޓުވާލުމުގެ ބޭނުމުގައި 30 ދުވަހުގެ އޮޕަރޭޝަނެއް ދިވެހި ސަލާމަތީ ބާރުތަކުން ފެށީ ހޯމަ ދުވަހެވެ.
"ގުޅިގެން" ނަމުގައި ސިފައިންނާއި ފުލުހުން އެކީގައި ކުރިއަށްގެންދާ އެ އޮޕަރޭޝަނުގައި، މާލޭގައި ހަރަކާތްތެރިވާ ހިސާބުކާއި ގޭންގުތަކަށް ނިސްބަތްވާ ވެހިކަލްތައް މޮނީޓާ ކުރަމުންދާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ވިދާޅުވި އެވެ.
"ގޭންގުތައް އާންމުކޮށް އެއްވެ ތިބޭ ތަންތަނާއި ސަރަހައްދުތަކުގައި ފުލުހުންގެ ޕްރެސެންސް އިތުރުކުރުން މި އޮޕަރޭޝަންގެ ބޭނުމަކީ. އެކަމުގައި ފުލުހުންނާއެކީ ސިފައިން ވެސް ހަރަކާތްތެރިވާ ގޮތަށް ގުޅިގެން މި އޮޕަރޭޝަން ހިންގަނީ،" ހަމީދު ވިދާޅުވި އެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ އެ އޮޕަރޭޝަނަކީ ގޭންގު ކުށްތައް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ޓާސްކް ފޯހުގެ ފުރަތަމަ މަސައްކަތް ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.
އޭގެ އިތުރުން، "ގުޅިގެން" އޮޕަރޭޝަން ފެށީ ގޭންގުތަކުން ކުށްކުރުން އިތުރުވެފައިވާ ދުވަސްވަރެއްގައި ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

ހަމީދު ކުރިން ވިދާޅުވެފައި ވަނީ މާލޭގައި މަސްތުވާތަކެތި ވިއްކުމުގައި ވެސް ހަރަކާތްތެރިވަނީ ގޭންގުތައް ކަމަށާއި އެމީހުންގެ މެދުގައި މާލެ ފަޅިފަޅިއަށް ބަހައި، ހިސާބުތަކުގެ ކޮންޓްރޯލް ނެގުމުގެ ބޭނުމުގައި މާރާމާރީ ހިންގަމުންދާ ކަމަށެވެ.
"މާލެތެރޭ ދޭތެރެެ ދޭތެރެ އިން މަގުމަތީގައި ގްރޫޕުތަކުން ސައިކަލުގައި ނުކުމެ، ފުރޯ ހިފައިގެން، ކަތިވަޅި ހިފައިގެން، މަރުތެޔޮ ހިފައިގެން މި ހިންގާ މާރާމާރީ އަކީ، އެ ގްރޫޕެއް ކޮންޓްރޯލުކުރާ ޓާފްގެ ތެރޭގައި ދެން އޮންނަ ގްރޫޕަކުން އައިސް ޑްރަގުގެ އެއްވެސް އެއްޗެއް އެ ތަނުގައި އޮންނަ މާކެޓަށް ވިއްކަން އުޅެފިއްޔާ އެކަމާ ގުޅިގެން ޖެހޭ މައްސަލަ،" ހަމީދު ވިދާޅުވެފައިވެ އެވެ.
ގޭންގުތަކާ ދެކޮަޅަށް އެކި ސަރުކާރުތަކުން އެޅި ބައެއް ފިޔަވަޅުތައް
މީގެ 14 އަހަރު ކުރިން ޑިސެމްބަރު 2، 2007 ގައި އަލީ އިޝާރު (ޗޯޓޭ) އަށް ވަޅިން ހަމަލާދީ މަރާލިފަހުން ދިވެހިރާއްޖޭގައި މިއަދާ ހަމައަށް މަދުވެގެން 24 މީހަކު ވަނީ ގޭންގު މާރާމާރީގައި މަރާލައިފަ އެވެ.
ގޭންގު ކުށްތައް ހުއްޓުވުމަށް މީގެ ކުރިން ތަފާތު ސަރުކާރުތަކުން ވަނީ މަސައްކަތްކޮށްފަ އެވެ. އެގޮތުން ގޭންގު ކުށްތައް ވަރަށް ބޮޑަށް އިތުރުވުމުން އެކަން ހުއްޓުވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މާޗް، 2011 ގައި ފަސް މެމްބަރުންގެ ހާއްސަ ކޮމެޓީއެއް އުފެއްދެވި އެވެ. އަދި އެ ކޮމެޓީގެ ދަށުން ޓާސްކް ފޯހެއް އުފައްދަވައި އޭގެ ލީޑިން ޓީމަކަށް ފުލުހުން ހަމަޖެއްސެވި އެވެ.
ކޮމެޓީ އާއި ޓާސްކް ފޯހަށް މައިގަނޑު ގޮތެއްގައި ރައީސް ނަޝީދު މަތިކުރެއްވީ ހަތަރު ޒިންމާއެކެވެ. އެއީ:
- ރާއްޖޭގައި ދިރިއުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ހޯދައިދީ، ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ މާރާމާރީ އާއި ވައްކަމާއި ފޭރުމާއި މީހުން މެރުމާއި ރޭޕްކުރުން ހުއްޓުވުން.
- ފަތުރުވެރިކަމާއި އެހެނިހެން އިގްތިސާދީ ހަރަކާތްތައް ރައްކާތެރިކަމާއެކު ހިންގޭނެފަދަ މުޖުތަމައެއް ރާއްޖޭގައި ގާއިމުކޮށްދިނުން.
- މުޖުތަމައުގެ އަމާންކަން ގެއްލި، އާންމު މަސްލަހަތު ނެތިދާފަދަ އަމަލުތައް ހިންގާ ފަރާތްތައް ހައްޔަރުކޮށް، އެކަހެރިކޮށް، އެމީހުންނަށް ހައްގު ގާނޫނީ އަދަބު ދިނުން.
- ކުށްކުރާ ފަރާތްތަކަށް ކަނޑައެޅާ އަދަބު ތަންފީޒުކޮށް އެބައިމީހުން އިސްލާހުވެގެން، އަލުން އަނބުރާ މުޖުތަމައަށް އައުމުގެ ފުރުސަތު ހޯދައިދީ އެކަމަށްޓަކައި މަސައްކަތް ކުރުން.
އޭގެ އިތުރުން، ގޭންގުތަކުން ހިންގާ ޖަރީމާތަކުން ރައްޔިތުން ސަލާމަތް ކުރުމަށް ފުލުހުންނަށް ލެސް ލީތަލް ވެޕަން ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހުން މާޗް 29، 2011 ގައި ފާސް ކުރި އެވެ.
އޭގެ ކުރިން ސެޕްޓެމްބަރު، 2010 ގައި ގޭންގު ކުށްތައް މަނާ ކުރުމުގެ ގާނޫނު ރައީސް ނަޝީދު ތަސްދީގު ކުރެއްވި އެވެ. އެއީ ގޭންގުތައް ހުއްޓުވުމަށްޓަކައި ރާއްޖޭގައި ހެދި ފުރަތަމަ ގާނޫނެވެ.
ގޭންގުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެމަނިކުފާނުގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވެސް ޓާސްކް ފޯހެއް އުފެއްދެވި އެވެ. ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން މިހާރު ކުރައްވާ ރިޔާޒް މެއި 20، 2013 ގައި އުފެއްދެވި އޭނާގެ ޓާސްކް ފޯހަށް ދެއްވީ މައިގަނޑު ދެ ޒިންމާއެކެވެ. އެއީ:
- އެގޮތުން ގްރޫޕްތަކުން އެއްވާ ސަރަހައްދުތައް ޚާއްސަ ގޮތެއްގައި ބަލަހައްޓައި އެފަދަ ތަންތަން ބަލައި ފާސްކުރުން
- ގޭންގުތަކަށް ނިސްބަތްވާ ފަރާތްތަކާއި ގުޅޭގޮތުން މީގެ ކުރިން ހުށަހެޅިފައިވާ މައްސަލަތައް އަލުން ދިރާސާކޮށް ފުލުހުން އިސްނަގައިގެން އެފަދަ މައްސަލަތައް އަވަހަށް ނިންމައި އެފަރާތްތަކަށް ލިބެންޖެހޭ އަދަބުތައް ދިނުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ގޭންގުތަކާ ދެކޮޅަށް މާލޭގައި ހާއްސަ ހަރަކާތްތަކެއް ވަނީ ހިންގައިފަ އެވެ. އެގޮތުން ސިފައިން މަގުމައްޗަށް ނެރެ، ގޭންގު ހަދައިގެން މީހުން އެއްވާ މައިޒާންތައް އޯގަސްޓް 15، 2014 ގައި ރޫޅާލި އެވެ.
މުހިންމު ބައެއް ހަބަރުތައް
- އިންސާނީވަގުފާރީގެ މައްސަލައެއްގައި މިިދިޔަ ހަފްތާގެ ބުދަ ދުވަހު ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ބުނީ އިއްޔެ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ފުލުހުންގެ ވަޒީފާ އަދާ ކުރާ މީހެއް ހިމެނެ އެވެ. އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތެއް ދީފަ އެވެ.
- ފެލިވަރުގެ ޗެއާމަނަކަށް ހުރި ދުވަސްވަރު 1.5 މިލިއަން ރުފިޔާގެ އަގުހުރި މަސްދަޅު، ކްރެޑިޓް ސްކީމެއްގެ ދަށުން އަމިއްލަ ފިހާރައަށް ދޫކުރި މައްސަލައިގައި އިމްތިޔާޒް މުހައްމަދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އިއްޔެ ކުރިއަށްދިޔަ އެވެ. އެ މައްސަލަ އިއްޔެ ޝެޑިއުލްކޮށްފައި އޮތީ ހުލާސާ ބަޔާން އިއްވުމަށެވެ. ނަމަވެސް ބަޔާން އިއްވަން އިމްތިޔާޒުގެ ވަކީލު ތައްޔާރުނުވުމުން ދިފާއަށް ޝަރީއަތުން ވަނީ އެހެން ފުރުސަތެއް ދީފަ އެވެ.
- "ޕިޗްއަޕް ޔޫތު އޮންޓްޕްރިނިއަރޝިޕް ޗެލެންޖު" ކާމިޔާބު ކުރި 23 ވިޔަފާރިއަކަށް ޖުމްލަ 12 މިލިއަން ރުފިޔާ ސަރުކާރުން ހިލޭ ދޫކޮށްފި އެވެ. އެއީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ދުވަހުގެ ކޯޓޭޝަން
މި މަހު ހުޅުވުމަށް ހަމަޖެހިފައިވާ 271 ކޮޓަރީގެ ކެނެރީފް މޯލްޑިވްސްގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުވުމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ:
އެ ރިސޯޓް ހުޅުވުމުގެ ތަައްޔާރީތަކުގެ ބޮޑު ބައެއް އޮތީ ނިމިފައި. އެބޭފުޅުން [މެނޭޖްމަންޓުން] ޔަގީންކަން ދޭ ކުރިން ދިން ތާރީހަށް [ޖެނުއަރީ 15 ގައި] ހުޅުވޭނެ ކަމުގެ. ފަންސާސް ޕަސެންޓަށް ވުރެ ގިނައިން ތިބޭނީ ދިވެހި މުވައްޒަފުން ކަމަށް މެނޭޖްމަންޓުން ބުނަނީ. އެކަމަކު ދިވެހި މުވައްޒަފުން ލިބުން ދަތިވެގެން އުޅޭ ކަމަށް ވެސް ބުނި. އަޅުގަނޑުމެންނަށް ޔަގީންކަން އެބަ އޮތް ޓުއަރިޒަމްގެ މަސައްކަތްތައް މިތަނުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމުގެ.
ދުވަހުގެ ފޮޓޯ

މާލޭ ސަރަހައްދުން ފުރޭނީ ޕީސީއާރް ޓެސްޓެއް ހައްދައިގެން ކަމަށް އެޗްޕީއޭއިން ބުނުމުން ހިލޭ ޓެސްޓު ހެދޭ މަރުކަޒެއް ކައިރީގައި ހިދުމަތް ހޯދުމަށް މީހުން ކިޔު ހަދައިގެން: އެޗްޕީއޭއިން ބުނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތައް ވަރުގަދަ ކުރީ ޓެސްޓު ކުރާ މީހުންގެ ތެރެއިން ފަސް ޕަސެންޓު މީހުން ބައްޔަށް ޕޮޒިޓިވްވާން ފެށުމުން ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"ރެޕިޑް ސިޓުއޭޝަން އެސެސްމެންޓް އޮފް ގޭންގްސް އިން މާލެ"
އެ ދިރާސާއަކީ ދަ އޭޝިއާ ފައުންޑޭޝަނުން ފަންޑުކޮށްގެން ދަ މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލިޖިކަލް ސާވިސާސް، ޓްރެއިނިން އެންޑް ރިސާޗްގެ ފަރާތުން ކުރިއަށްގެންދިޔަ ދިރާސާއެކެވެ. އެ ދިރާސާ ޝާއިއުކޮށްފައި ވަނީ އޯގަސްޓް، 2012 ގަ އެވެ. އެއީ ގޭންގުތާ ގުޅޭ ގޮތުން ރާއްޖޭގައި ހެދި ފުރަތަމަ ދިރާސާ އެވެ.
އެ ދިރާސާ ކުރުމަށްޓަކައި ގޭންގުތަކުގައި ހަރަކާތްތެރިވާ 150 މީހުންނާ ވަނީ ސުވާލުކޮށްފަ އެވެ. އަދި ގޭންގުތާ ޒުވާނުން ގުޅޭ މައިގަނޑު ސަބަބުތައް އެ ދިރާސާއިން ވަނީ ހޯދައިފަ އެވެ. އޭގެ ތެރޭގައި ވަޒީފާ ނެތުމުގެ ސަބަބުން ގޭންގުތަކާ ދިމާލަށްދާ މީހުންނާއި ދިރިއުޅުމުގެ ލައިފްސްޓައިލް ކަމުގޮސްގެން ގޭންގުތަކާ ގުޅޭ މީހުންނާއި މުޖްތަމައިން ބަލައިނުގަތުމުގެ ސަބަބުން އެފަދަ ގްރޫޕްތަކާ ގުޅޭ މީހުން ހިމެނެ އެވެ. ގޭ ތެރޭގެ މާހައުލުން ރައްކާތެރިކަމާއި އަޅާލުން ނުލިބުމާއި ސްކޫލުގައި ބުލީގެ ޝިކާރައަކަށްވާ މީހުން ގޭންގުތަކަ ގުޅޭ މިންވަރު އިތުރުކަން ވެސް އެ ދިރާސާއިން އޮތީ ހޯދައިފަ އެވެ.













