މިލާން (ޖެނުއަރީ 10) - އިޓާލިއަން ލީގުގައި ރޭ އެއް ވަނައިގައި އޮތް އިންޓަ މިލާނާއި ދެ ވަނައިގައި އޮތް އޭސީ މިލާން ކުޅުނު މެޗުތަކުން މޮޅުވިއިރު، ރަށުންބޭރުގައި ޔުވެންޓަސް އިން ރޯމާއާ ވާދަކޮށް 4-3 އިން މުހިންމު މޮޅެއް ހޯދައިފި އެވެ.
ލާޒިއޯ އަތުން 2-1 އިން މޮޅުވި އިންޓަ އެއް ވަނައިގައި އޮތީ 20 މެޗުން 49 ޕޮއިންޓާ އެކު އެވެ. ވެނެޒިއާ ދަނޑުގައި 3-0 އިން މޮޅުވި މިލާނަށް ވަނީ 21 މެޗުން 48 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ނަޕޯލީ އޮތީ ރޭ 1-0 އިން ސަމްޑޯރިއާ ބަލިކޮށް 21 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް އެޓަލަންޓާ އަށް ވަނީ 20 މެޗުން 41 ޕޮއިންޓް ލިބިފަ އެވެ. ރޭ އުދިނޭޒީ ދަނޑުގައި އެޓަލަންޓާ މޮޅުވީ 6-2 އިންނެވެ. ފަސް ވަނައިގައި ޔުވެންޓަސް އޮތީ 21 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ.
އިންޓަ އިން މެޗުގެ 30 ވަނަ މިނިޓްގައި އަލެސަންދްރޯ ބަސްޓޯނީގެ ގޯލުން ލީޑުނެގިތާ ފަސް މިނިޓް ފަހުން ލާޒިއޯގެ ޗީރޯ އިމޯބިލޭ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. މެޗުގެ 67 ވަނަ މިނިޓްގައި އިންޓަ މޮޅުކޮށްދިން ގޯލު ޖެހީ މިލާން ސްކްރީނިއޭ އެވެ.
ވެނެޒިއާ ދަނޑުގައި ކުޅުނު މެޗުގެ ދެ ވަނަ މިނިޓްގައި ޒްލަޓާން އިބްރަހިމޮވިޗް ވަނީ މިލާނަށް ލީޑުނަގައިދީފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި ތިއޯ ހެނާންޑޭޒް ވަނީ މިލާންގެ ލީޑުފުޅާކޮށްދީފަ އެވެެ. އަދި އޭގެ 10 މިނިޓް ފަހުން ޕެނަލްޓީ އަކުން ހެނާންޑޭޒް ވަނީ މިލާންގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ރޯމާ އިން 11 ވަނަ މިނިޓްގައި ޓެމީ އަބްރަހަމް ޖެހި ގޯލުން ލީޑުނެގި އެވެ. އެކަމަކު، ރޯމާ އަށް ލީޑުހިފަހައްޓައިލެވުނީ ހަތް މިނިޓެވެ. މެޗުގެ 18 ވަނަ މިނިޓްގައި ޕައޮލޯ ޑިބާލާ ވަނީ ޔުވެންޓަސް އަށް އެއްވަރުކޮށްދީފަ އެވެ. ދެ ވަނަ ހާފްގެ ފުރަތަަމަ އަށް މިނިޓް ތެރޭ ރޯމާ އިން ދެ ގޯލު ޖަހައި، ރަނގަޅު ލީޑެއް ނެގި އެވެ. މެޗުގެ 48 ވަނަ މިނިޓްގައި ރޯމާގެ ހެންރިކް މިކިތާރްޔަން އެ ޓީމުގެ ދެ ވަނަ ގޯލު ޖެހިއިިރު، އޭގެ ހަ މިނިޓް ފަހުން ލޮރެންޒޯ ޕެލެގްރީނީ ވަނީ ރޯމާގެ ތިން ވަނަ ގޯލު ޖަަހައިފަ އެވެ.
ރޯމާ ލީޑުގައި އޮއްވައި މެޗުގެ މުޅި މަންޒަރު ބަދަލުވީ ހަތް މިނިޓް ތެރޭ ޔުވެންޓަސް އިން ދެއްކި ތަފާތު ހިތްވަރުންނެވެ. މެޗުގެ 70 ވަނަ މިނިޓްގައި ޔުވެންޓަސްގެ މެނުއަލް ލޮކަޓެލީ އެ ޓީމުގެ ދެ ވަނަ ގޯލު ޖެހި އެވެ. އޭގެ ދެ މިނިޓް ފަހުން ޔުވެންޓަސްގެ ޑޭޖާން ކުސުލެވްސްކީ އެ ޓީމަށް އެއްވަރުކޮށްދިނެވެ. މި ގޯލު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ. އަދި ޔުވެންޓަސް އިން އެއްވަރުކުރިތާ ފަސް މިނިޓް ފަހުން އެ ޓީމުގެ ފުލްބެކް މަޓިއާ ޑި ޝީލިއޯ ވަނީ މެޗުން މޮޅުވި ގޯލު ޖަހައިފަ އެވެ.
ރޯމާ އަށް އެއްވަރުކޮށްދޭން އެ ޓީމުގެ ޕެލެގްރީނީ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެޗުގެ 80 ވަނަ މިނިޓްގައި އަބްރަހަމް ޖެހި ޝޮޓަކަށް ޔުވެންޓަސްގެ ޑިފެންޑަރު މަތައިސް ޑި ލިޓް އަތްލުމުން އޭނާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. ރޯމާގެ ޕެލެގްރީނީ ނަތީޖާ ހަމަހަމަކުރަން ފޮނުވާލި ޕެނަލްޓީ ޔުވެންޓަސްގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފަ އެވެ.
މެޗަށް ފަހު ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ޔުވެންޓަސް އިން ހަތް މިނިޓް ތެރޭ ތިން ގޯލު ޖެހި ގޮތުން ރޯމާ ކުޅުންތެރިންނަށް ނަފްސާނީ ގޮތުން އަސަރުކުރި ކަމަށެވެ. އެހެންވެ، މެޗުން ޕޮއިންޓެއް ހޯދަން ކުރި މަަސައްކަތް ވެސް ކާމިޔާބުނުވީ ކަމަށް މޮރީނިއޯ ބުންޏެވެ.












