ވޮޝިންޓަން, ޔުނައިޓެޑް ސްޓޭޓްސް (ޑިސެމްބަރު 7) – ޗައިނާގައި 2022 ވަނަ އަހަރު ބާއްވާ ވިންޓަ އޮލިމިކްސް ބޮއިކޮޓްކުރަން އެމެރިކާގެ ސަރުކާރުން ނިންމައިފި އެވެ.
ވައިޓް ހައުސް އިން ބުނީ ޗައިނާގައި އިންސާނީ ހައްގުތަކާ ހިލާފަށް ހިންގަމުންދާ އެކި ކަންތައްތަކާ މެދު ކަންބޮޑުވާތީ، އެމެރިކާގެ ރަސްމީ ޑެލިގޭޝަނެއް އޮލިމްޕިކްސްގައި ބައިވެރިނުވާނެ ކަމަށެވެ.
އެކަމަކު، އެމެރިކާގެ އެތުލީޓުންނަށް މުބާރާތުގައި ބައިވެރިވެވޭނެ ކަމަށާއި ސަރުކާރުގެ ފުރިހަމަ ސަޕޯޓް އެތުލީޓުންނަށް ލިބޭނެ ކަމަށެވެ. އެއީ ކުޅިވަރުގެ ކަންކަމުގައި އެމެރިކާ އިން އެއްބާރުލުން ދޭން އެކުލަވާލާފައިވާ ސިޔާސަތަށް ބޯލެނބުމުގެ ގޮތުންނެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ޕްސާކީ ވިދާޅުވީ ޗައިނާގައި ލާއިންސާނީ އަމަލުތަކެއް ހިންގަމުންދާއިރު، އެ ގައުމުގައި ބާއްވާ މުބާރާތެއްގައި އެމެރިކާ އިން ބައިވެރިވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
އެކަމަކު، އެތުލީޓުންނަށް މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ޕްސާކީ ވިދާޅުވި އެވެ.
"މި މުބާރާތަށް ތައްޔާރުވަމުންދާ އެތުލީޓުންނަށް އެ ފުރުސަތު ބަންދުކުރާކަށް ބޭނުމެއް ނޫން. އެކަމަކު އެމެރިކާގެ ރަސްމީ ޑެލިގޭޝަނެއް މުބާރާތުގައި ބައިވެރުމަކީ ލިބޭނެ ގެއްލުމެއް،" ޕްސާކީ ވިދާޅުވި އެވެ.
އެމެރިކާ އަށް ރައްދު ދެމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ އެމެރިކާގެ މުބާރާތް ބޮއިކޮޓްކުރުމަކީ އޮލިމްޕިކްގެ ރޫހާ ހިލާފު ކަމެއް ކަމަށެވެ.
"އެމެރިކާ އިން އެބަޖެހޭ ކުޅިވަރު ސިޔާސީ ކުރުވަން ކުރާ މަސައްކަތައް ހުއްޓާލަން. ޗައިނާ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ގޯސްކުރުމަކީ ދެރަކަމެއް." ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުގެ ނުފޫޒާ އެކު އުއިގޫރް މުސްލިމުންނާ މެދު އަމަލުކުރާ ލާއިންސާނީ ގޮތްތަކުގެ ސަބަބުން ޗައިނާ ސަރުކާރަށް ބައިނަލްއަގުވާމީ ޕްރެޝަރު އަންނަނީ ބޮޑުވަމުންނެވެ. ހާއްސަކޮށް ވިންޓަ އޮލިމްޕިކްސް ބޮއިކޮޓްކުރަން ގޮވާލާ ޝުއޫރުފާޅުކުރަން ގިނަ ގައުމުތަކެއްގައި އަންނަނީ އެއްވުންތަކެއް ބާއްވަމުންނެވެ. – ބީބީސީ












