ފާއިތުވި ހަފުތާގެ ތެރޭގައި އެކި ފަހަރު މަތިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޭންކިން ހިދުމަތްތައް މެދުކެނޑި ބުރޫއަރަން މެދުވެރިވީ ބޭންކުން މައި ސިސްޓަމް އަޕްގްރޭޑަކަށްފަހު އަދި މުޅިން ހަމައަކަށް ނޭޅޭތީ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ބީއެމްއެލްގެ މި އަޕްގްރޭޑާ ގުޅިގެން ބުރޫއަރާފައިވާ ހިދުމަތްތަކުގެ ތެރޭގައި އިންޓަނެޓް ބޭންކިން، އެޕް އަދި އޭޓީއެމްތައް ވެސް ހިމެނެ އެވެ. ދޭތެރެއަކުން މި ހިދުމަތްތައް ބޭނުންކުރެވުނު ނަމަވެސް، އިއްޔެ އާއި މިއަދު ގިނަ ކަސްޓަމަރުންތަކަކަށް މި ހިދުމަތްތައް ނުލިބެ އެވެ.
މި މައްސަލައިގައި ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ބޭންކުގެ މައި ސިސްޓަމް (ކޯ ސިސްޓަމް) މި މަހުގެ 21 ވަނަ ދުވަހު އަޕްގްރޭޑް ކުރި ފަހުން މައްސަލަތައް ދިމާވަމުން އަންނަ ކަމަށެވެ.
އެގޮތުން ބޭންކެއްގެ ކޯ ސިސްޓަމް އަޕްގްރޭޑް ކުރުމަކީ ބުރަ އަދި އުނދަގޫ މަސައްކަތެއް ކަމުން، އަޕްގްރޭޑުކުރުމުގެ މަސައްކަތާ ގުޅިގެން ބޭންކުތަކުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުންޏެވެ.
ބޭންކުގެ އޮޕަރޭޝަނަލް ރެޒިލިއެންސީ ވަރުގަދަކޮށް، ކަނޑައެޅިފައިވާ ސެކިޔުރިޓީ އާއި ޓެކްނޮލޮޖީގެ މިންގަނޑުތަކުގެ ތެރޭގައި ސިސްޓަމްތައް ހިފެހެއްޓުމަށް އަބަދު އަޕްގްރޭޑްތައް ކުރެ އެވެ.
އެކަމަކު މި އަޕްގްރޭޑާ ގުޅިގެން ކުރިން ހީކުރި ވަރަށް ވުރެ ބޮޑަށް ހިދުމަތަށް ބުރޫއަރަމުން އަންނަކަން ފާހަގަކުރެވިފައިވާ ބޭންކުން ބުންޏެވެ.
ގިނަ ބަޔަކު ބޭނުންކުރާ ބީއެމްއެލްގެ ހިދުމަތްތައް މެދުކެނޑުމާ ގުޅިގެން އާންމުންގެ ޝަކުވާތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ބޭންކުން ބުނީ މި މައްސަލަ ހައްލުކުރަން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި މީގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ބޭންކުން މާފަށް އެދުނެވެ.
ބޭންކުގެ ހިދުމަތްތަކަށް ބުރޫއެރުމާ ގުޅިގެން، އާންމުންގެ އިތުރުން ގިނަ ވިޔަފާރިތަކަށް ވެސް ވަނީ ދަތިވެފަ އެވެ. ވަކިން ހާއްސަކޮށް ކޮވިޑުގެ ތެރޭގައި ޑިޖިޓަލް ޕޭމަންޓުތަކަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން، މިކަމުގެ ކަންބޮޑުވުން އެބަހުއްޓެވެ.











