މިދިޔަ އަހަރު ވުޖޫދަށް އައި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން، ހޯމް މިނިސްޓަރު މިވަނީ އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ކަނޑައަޅަން ލާޒިމުކުރާ ސްޓްރޭޓީޖިކް ޕޮލިސިން ރިކުއަޔަމަންޓް (އެސްޕީއާރު) މިދިޔަ ބުރާސްފަތި ދުވަހު ކަނޑައަޅައިފި އެވެ.
އެކަމަކު އެ އެސްޕީއާރަކީ އަދި މިހާތަނަށް ރާއްޖޭގައި އަލަށް ކުރި ކަމެއްކަމުން، އޭގައި ވަނީ ކޮން އެއްޗެއްތޯ، އެއީ ކިހާ މުހިންމު ކަރުދާހެއްތޯ، އަދި އެ ކަރުދާސް މުހިންމު ވަނީ ކީއްވެގެންތޯ ކަމާމެދު ގިނަ ބައެއްގެ ސުވާލަކަށްވި އެވެ.
އެންމެ ފުރަތަމަ ކަމަކަށް އެސްޕީއާރުގެ ކަރުދާސް މުހިންމު ވަނީ މިނިސްޓަރު އެ ކަރުދާހަށް އަމަލުކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސްއަށް އެންގިކަން އިއުލާންކުރައްވައި ނެރުނު ބަޔާން ނިންމާލަމުން ގެނައި ޖުމުލައިގެ ސަބަބުންނެވެ.
"ގާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތަށް ޒިންމާ މަތިކުރެވިފައިވާ ވަޒީރަކު "ސްޓްރޭޓީޖިކް ޕޮލިސިން ރިކުއަޔަމަންޓް" މުރާޖައާކުރައްވަންދެން ނުވަތަ މުޅިން އާ "ސްޓްރޭޓީޖިކް ޕޮލިސިން ރިކުއަޔަމަންޓް" ތަކެއް ކަނޑައަޅުއްވަންދެން ފުލުހުންގެ މަސައްކަތާ ގުޅޭގޮތުން ސަރުކާރުންދޭ އަސާސީ އިރުޝާދުކަމުގައި ބަލަންވާނީ މިއަދު ކަނޑައެޅުއްވި "ސްޓްރޭޓީޖިކް ޕޮލިސިން ރިކުއަޔަމަންޓް" ގައި ބަޔާންކުރާ ކަންކަމެވެ،
މާނައަކީ، މިއީ ކުރިޔަށް އޮތްތަނުގައި ފުލުހުން އަމަލުކުރަން ޖެހޭ އަދި ފުލުހުންގެ ހިދުމަތުގެ ލަޑުދަނޑިތަކާއި އަމާޒުތައް ކަނޑައަޅައި ބަޔާންކޮށްދޭ ކަރުދާސް ކަމެވެ.

މިހާރު އެ ކަރުދާސް ތައްޔާރުކޮށް އެޔަށް އަމަލުކުރަން ކޮމިޝަނަރަށް އަންގާފައިވުމާއެކު، ފުލުހުންގެ ގާނޫނުގައި ދެން ބުނާ ފިޔަވަޅަކީ އެސްޕީއާރުގައި ބަޔާންކުރާ އަމާޒުތައް ހާސިލުކުރަން، މަދުވެގެން ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލާ ޕްލޭނެއް ކޮމިޝަނަރު އޮފް ޕޮލިސް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.
އަދި އެ ޕްލޭނުގައިވާ ލަނޑުދަނޑިތައް ހާސިލުވަމުންދާ މިންވަރު ވެސް ގަވާއިދުން ކޮމިޝަނަރު ބައްލަވަމުން ގެންދަވަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކުރެ އެވެ.
ވުމާއެކު އެސްޕީއާރުގައި ހިމެނެނީ ކޮން ކަމެއްތޯ ބަލާލުމަކީ މުހިންމު ކަމެކެވެ; އެގޮތުން އެސްޕީއާރުން އެންމެ ފާހަގަކޮށްލެވޭ ދެ ކަމަކީ ކޮމިއުނިޓީ ޕޮލިސިން އަދި ފުލުހުންގެ ހިދުމަތް ލާމަރުކަޒީ ކުރުވުމެވެ. މިއީ ފުލުހުންގެ ގާނޫނުގައި ވެސް ބާރުއަޅާފައިވާ ދެ ކަމެކެވެ.
އެސްޕީއާރުގައި ބަޔާންކުރާ ކަންކަން ހާސިލުކުރުމަށް ޖުމްލަ ނުވަ ނުކުތާއެއްގައި ހަމަތަކެއް ކަނޑައަޅާފައިވާއިރު، އިސްވެ ދެންނެވުނު ދެ ނުކުތާގެ އިތުރުން އެއްވެސް ފަރާތެއް ބާކީނުކޮށް އަދި ތަފާތުނުކޮށް ފުލުހުންގެ ހިދުމަތް ދިނުމާއި އެހެން ގައުމުތަކުގެ ފުލުހުންގެ އިދާރާތަކާއި، ފުލުހުންގެ މަސައްކަތާ ގުޅުންހުރި ބައިނަލްއަގްވާމީ ޖަމާއަތްތަކާ ގުޅުން ބަދަހިކުރުން ވެސް އެއީ ފާހަގަކޮށްލެވޭ ހަމަތަކެކެވެ.
ފުލުހުންގެ އާ އެސްޕީއާރުގެ ފުރާނަ އާއި މުދަލާއި ވެށީގެ ރައްކާތެރިކަމާއި ގުޅޭ ދެވަނަ މާއްދާގެ ހަތަރު ވަނަ ނުކުތާގައި ވަނީ ބިން ބޮޑެތި ސަރަހައްދުތަކުގެ މަގުތަކާއި މީހުން އެއްވެއުޅޭ ތަންތަނުގެ ސަލާމަތާއި ރައްކަތެރިކަމަށް ހާއްސަކޮށް ސަމާލުކަން ދޭން ބަޔާންކޮށްފަ އެވެ. އަދި ދިވެހި މުޖުތަމައާއި ގުދުރަތީ ވެއްޓާއި، ވެށީގެ ގުރުރަތީ މުއްސަނދިކަން ހިމާޔަތްކުރަން ވެސް ފުލުހުންގެ މައްޗަސް ލާޒިމުކުރެ އެވެ.
ކުށްމަދުކުރުމާ ގުޅޭ ތިން ވަނަ މާއްދާގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ޓެރަރިޒަމްގެ ހަރަކާތްތަކާއި މަސްތުވާތަކެތީ ވަގުފާރިއާއި ޓްރާންސްނޭޝަނަލް ކުށްތައް ހުއްޓުވަން ކަނޑުމަތީގައި ހަރަކާތްތެރިވުމުގެ ގާބިލުކަން ދަނެގަނެ އެ ގާބިލުކަން އިތުރުކުރުމަށް ވެސް ބަޔާންކުރެ އެވެ.
އެސްޕީއާރުގެ ހަވަނަ މާއްދާގައި ޓެރަރިޒަމް ރެސްޕޮންސްއާ ގުޅޭގޮތުން ބުނަނީ ހަރުކަށި ފިކުރު ފެތުރުމާއި، ޓެރަރިސްޓު ޖަމާއަތްތަކުގައި ދިވެހިން ބައިވެރުވުމާއި، ޓެރަރިޒަމަށް ފަންޑުކުރުން އަދި އެފަދަ ޖަމާއަތްތަކަށް މީހުން ރިކްރޫޓުކުރުން ފަދަ ކަންކަން ހުއްޓުވަން ވެސް ލާޒިމުކުރެ އެވެ. އަދި ޓެރަރިސްޓު ހަމަލާތަކުގައި ދިވެހިން ބައިވެރުވުމާއި، ރާއްޖޭގައި ޓެރަރިސްޓު ހަމަލާތައް ރާވައި ހަމަލާދިނުން އަދި އެހެނިހެން ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވައި އެފަދަ ނުރައްކާތަކުން ގައުމު ސަލާމަތްކުރުން ވެސް އެއީ އެ މާއްދާގެ ދަށުން ފުލުހުންގެ ޒިންމާއެކެވެ.
އަދި މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅޭ ހަތްވަނަ މާއްދާގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެވާ ދޮރުތައް ހުއްޓުވައި އެ ވިޔަފާރިން މާލީ އަދި އިގްތިސޯދީ ނަފާ ހޯދުން ހުއްޓުވުން ވެސް ފުލުހުންގެ ޒިންމާތަކުގެ ގޮތުގައި ބަޔާންކުރެ އެވެ.
އަދި ރާއްޖޭގެ މުހިންމު އުމްރާނީ ވަސީލަތްތަކާއި، ޑިޕްލޮމެޓުން އަދި ޒިޔާރަތްކުރަ އިއްޒަތްތެރިނަށް ވެސް ފޯރުކޮށްދޭން ޖެހޭ ހާއްސަ ސެކިއުރިޓީގެ ކަންކަން ހާއްސަ ސަމާލުކަމެއް ދީގެން ފޯރުކޮށްދިނުމަށް ވެސް ފުލުހުންގެ މައްޗަށް ލާޒިމުކުރެ އެވެ. އަދި ބޭރުފައިސާގެ ވަގުފާރިއާއި މަނީ ލޯންޑަރިން އަދި ކޯޕަރޭޓް ފްރޯޑް ފަދަ ކުށްތައް މަދުކޮށް އޭގެން އިގްތިސޯދަށް ކުރާ ނޭދެވޭ އަސަރުތައް ވެސް ކުޑަކުރުމަށް އެސްޕީއާރުގައި ބަޔާންކުރެ އެވެ.
އެސްޕީއާރު މިހާރު ތައްޔަރުކޮށް ކޮމިޝަނަރާ ހަވާލުކޮށްފައިވުމުން، ދެން އޮންނާނީ މިކަންކަން ތަންފީޒުކުރުމަށް މަދުވެގެން ހަތަރު އަހަރަށް ކަނޑައަޅާ ތަފްސީލީ ޕްލޭނެއް ކޮމިޝަނަރުގެ ފަރާތުން ތައްޔަރުކުރުމެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް މިފަދަ އެސްޕީއާރެއް ތައްޔާރުކުރިއިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކަމާ ވިދިގެން ވިދާޅުވީ އެސްޕީއާރުގެ ސަބަބުން ފުލުހުންނަށް ދާންވީ މިސްރާބު ސާފުވެގެންދާނެ ކަމަށެވެ. އަދި އެސްޕީއާރަކީ ފުލުހުންގެ ތަރައްގީއަށް އިތުރުވި ބޮޅެއްކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ. ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް އެސްޕީއާރު ސިފަކުރެއްވީ ފުލުހުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގަ އެވެ.













