ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގެ އޮފިސަރުންނަށް އަމިއްލަ ދިރިއުޅުމުގެ ވަގުތުތަކުގައި ފުރައްސާރަ އާއި ނުރައްކާ ކުރިމަތިވަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ ފްރަންޓްލައިނުގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ފުލުހުން އަދި އެމީހުންގެ އާއިލާއަށް ވެސް ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށެވެ.
"މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލު ގެނައުމަށް ހުރި ގޮންޖެހުންތަކާއެކީގައި ރައްޔިތުންނާއި، ހާއްސަކޮށް ފްރަންޓްލައިންގައި މަސައްކަތް ކުރާ ފުލުހުންނަށް ކުރިމަތިވާ އެތައް ނުރައްކަލެއް ކުރިމަތިވަމުންދާއިރު، ފުލުހުންގެ އާއިލާތަކަށާއި ފުލުހުންގެ އޮފިސަރުން އަމިއްލަ ދިރިއުޅުމުގެ ވަގުތުތައް ހޭދަކުރަމުންދާއިރު ކުރިމަތިވަމުންދާ ފުރައްސާރައާ، މި ހުރިހާ ކަމެއްގެ ތަކުލީފު ތަހައްމަލް ކުރަމުން ވެސް ފުލުހުން މަސައްކަތް ކުރޭ އެބަ،" ހަމީދު ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ މަސްތުވާތަކެތި ވިއްކާ މީހުން ދޫވަނީ ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް އެއީ ފުލުހުންގެ ތެރެއިން ދިމާވާ މައްސަލައެއް ނޫންކަމުގެ ޔަގީންކަން ހަމީދު ދެއްވި އެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ފުލުހުންގެ ތެރޭގައި، އެއްވެސް ފުލުހަކު، މިހާތަނަށް އަޅުގަނޑުގެ ލީޑާޝިޕުގަ ފާހަގަ ކުރެވިފައެއް ނެތް [ތުހުމަތު ކުރެވޭ މީހަކު ދޫވެދާނެ ފަދަ އަމަލެއް ގަސްދުގައި ކޮށްފައިވާ މައްސަލައެއް]. ޑްރަގް އެންފޯސްމަންޓުގެ ދާއިރާއަށް ލާފައި ތިބޭނީ ފުލުހުންގެ މުއައްސަސާގައި ތިބި އެންމެ އިންޓެގްރިޓީ ހައި އޮފިސަރުން. ކުރިއަށް އޮތް ތަނުގައި ވެސް ލާނީ އެފަދަ އޮފިސަރުން،" ހަމީދު ވިދާޅުވި އެވެ.

މި ފާއިތުވި ތިން އަހަރުގެ ތެރޭގައި 1000 ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ވަނީ އަތުލައިގަނެފަ އެވެ. އަދި އެ ތަކެއްޗާ ގުޅުން ހުރި، މަސްތުވާތަކެތި ވިއްކާ ނެޓްވޯކުތަކުގެ ވެރިންގެ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ވެރިއެއްގެ މައްޗަށް ކުށް ސާބިތުވެފައެއް ނެތެވެ.
ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ 7،496 މީހުން އުޅޭ ކަމަށް އެކުވެރި ދައުލަތްތަކުގެ ކުށްކުށާއި މަސްތުވާތަކެއްޗާ ބެހޭ އޮފީހުން 2011 ވަނަ އަހަރު ކުރިއަށްގެންދިޔަ ސާވޭއަކުން އޮތީ ހޯދާފަ އެވެ. އަދި ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ 2500 ވަރަކަށް މީހުން އުޅޭއިރު އޭގެ ތެރެއިން 80 ޕަސެންޓު މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގައި ޖަލަށްލާފައި ތިބި މީހުން ކަމަށް އެ ދިރާސާތަކުން ދައްކަ އެވެ.












