ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގައި ވާދަކުރާ ހަތަރު ޓީމަށް ބަލާއިރު، ޓެކްނިކަލީ އެންމެ ރަނގަޅީ ރާއްޖެ ކަމުގައި ވިޔަސް ދެން އޮތް ޓީމުތަކަށް ވެސް މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ބަންގްލަދޭޝަށް މި މުބާރާތުގައި ކޯޗުކޮށްދޭ ޕޯޗުގަލްގެ ކޯޗު މާރިއޯ ލެމޯސް ބުނެފި އެވެ.
އިއްޔެ ހަވީރު ސްރީ ލަންކާ އިން ވަނީ ރާއްޖޭން ހަތަރު ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް 4-4 އިން އެއްވަރުކޮށްފަ އެވެ. ދެ ވަނަ މެޗުގައި މިއަދު ހަވީރު ބަންގްލަދޭޝް އިން ފުރަތަމަ ހާފުގައި ލީޑުނަގާފައި ވަނިކޮށް މެޗުގެ 88 ވަނަ މިނިޓްގައި ސީޝެލްސް އިން ވަނީ އެއްވަރުކޮށްފަ އެވެ.
މިއަދުގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަންގްލަދޭޝްގެ ކޯޗު ލެމޯސް ބުނީ ރާއްޖެ އާއި ލަންކާ މެޗު އެ ދިޔައީ ވަރަށް އާދަޔާހިލާފު ގޮތަކަށް ކަމަށެވެ. އަދި ލެމޯސްގެ ނަޒަރުގައި މި ވަގުތު ކޮންފިޑެންސަށް ބަލާއިރު އެންމެ ކުރީގައި އޮންނާނީ ލަންކާ ކަމަށް ވަނީ ބުނެފަ އެވެ.
"އަހަރެންގެ ނަަޒަރުގައި ރާއްޖެ އަކީ ވަރަށް ކޮލިޓީ ހުރި ޓެކްނިކަލީ ވަރަށް މޮޅު ޓީމެއް. އެ މީހުންނަށް ރަނގަޅު ފުޓްބޯޅަ އެއް ކުޅެވޭނެ. އެކަމަކު ރަނގަޅު ވިސްނުމެއްގައި ބުނާނަމަ ބުނެވޭނީ (ފޯ ނޭޝަންސް ކަޕްގައި ވާދަކުރާ) މި ޓީމުތައް މި އޮތީ ހަމަހަމަކޮށް. އެއީ ދަނޑުގެ ގޮތުން ވެސް ވިސްނާފައި ބުނާ އެއްޗެއް. މި ލެވަލްގައި މެޗުތައް ކުޅޭއިރު ވަރަށް ކުޑަ ފަރަގަކުން މީގެ ގޮތްތަކެއް މި ވަނީ،" ލެމޯސް ބުންޏެވެ.
މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކުން ވެސް ސީޝެލްސް އަތުން މޮޅުވާނެ ކަމަށް ބެލެވޭއިރު، ބަންގްލަދޭޝް އިން މި ގެއްލުވާލީ ބޮޑު ފުރުސަތެއް ނޫންތޯ އެހުމުން ލެމޯސް ބުނީ މެޗުން މޮޅުނުވެވުމުގެ މާޔޫސްކަން ހުރި ނަމަވެސް ދެން އޮތް ދެ މެޗަށް ޕޮޒިޓިވްކޮށް ކުރިމަތިލާން ޖެހޭ ކަމަށެެވެ.
"ކޮންމެ ޓީމެއް އަތުގައި މި އޮތީ އެެއް ޕޮއިންޓް. ކޮންމެ ޓީމަކަށް ވެސް ދެ މެޗު އެބައޮތް. އަހަރެމެން ޖެހޭނެ މޮޅުވާން. އެކަން ކުރަން ފަށަން ޖެހޭނީ ދެން އޮތް ރާއްޖެ މެޗުން،" ހޮނިހިރު ދުވަހު ހަވީރު ރާއްޖެއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް އިޝާރާތްކޮށް ލެމޯސް ބުންޏެވެ.
"މި މެޗުން (ސީޝެލްސް އަތުން) މޮޅުވި ނަމަވެސް އަހަރެމެން ސީދާ ފައިނަލަކަށް ނުދާނެއޭ އަހަރެން ކުޅުންތެރިން ގާތުގައި ވެސް ބުނިން. އެކަމަކު، މި މެޗުން މޮޅުވިނަމަ އެޑްވާންޓޭޖެއް ނެގެން އޮތް. އަހަރެމެން މުބާރާތެއް ކާމިޔާބު ކުރާނަމަ ޖެހޭނީ ފަހަރަކު މެޗަކުން ކުރިއަށްދާން،"
ސީޝެލްސް އަތުން ބަންގްލަދޭޝަށް މޮޅުނުވެވުނު ސަބަބެއްގެ ގޮތުގައި ލެމޯސް ފާހަގަކުރީ ފުރަތަމަ ހާފުގައި ގޯލު ޖަހަން ލިބުނު ރަނގަޅު ފުރުސަތުތަކުގެ ބޭނުން ނުހިފުމެވެ. ލެމޯސް ބުނީ ލިބުނު ފުރުސަތުތަކަށް ބަލާއިރު ބަންގްލަދޭޝް އޮންނަން ޖެހޭނީ ފުރަތަމަ ހާފުގައި ދެ ގޯލު ނޫނީ ތިން ގޯލު ކުރީގައި ކަމަށެވެ. އެކަމަކު، އެކަން ނުވުމުން ދެ ވަނަ ހާފުގައި ސަމާލުވެގެން ކުޅެން ކުޅުންތެރިން ގާތުގައި ބުނި ނަމަވެސް ހެދުނު އެއް ގޯހުން ސީޝެލްސް ގޯލު ޖަަހައި ބަންގްލަދޭޝް އޭގެ އަގުދައްކަން ޖެހުނީ އެވެ.
ލެމޯސް ބުނީ ފުރަތަމަ ހާފުގައި ސީޝެލްސް އިން ޑިފެންސިވްކޮށް ކުޅުނު ނަމަވެސް ދެ ވަނަ ހާފްގައި ފޯމޭޝަން 4-4-2 އަށް ބަދަލުކޮށް ރަނގަޅަށް ކުޅުނު ކަމަށެވެ. އަދި ހަގީގަތަކީ ބަންގްލަދޭޝަށް ޕްރެޝަރުގައި ނުކުޅެވުނީކަން ލެމޯސް ފާހަގަކޮށްފައިވެ އެވެ.
"އަހަންނަށް އެނގޭ ކުޅުންތެރިން އެހާ ފިޓެއް ނޫންކަން. އެކަމަކު، އެ ކަހަލަ ގޮތަަކަށް ފަހު ވަގުތު ގޯލެއް ވަދެގެން ނުވާނެ. ލީޑު ސަލާމަތްކުރަން ބޭނުންވާ މެންޓަލިޓީގައެއް ނޫން އަހަރެމެން ކުޅުނީ،" ލެމޯސް ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝަށް އިރުޝާދުދިން ކޯޗު އޮސްކާ ބްރުޒޮން ވަނީ އަލުން އޭނާގެ ކްލަބް، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްގެ ޒިންމާތަކާ ހަވާލުވެފަ އެވެ. ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް ޓީމަށް ކޯޗުކޮށްދޭން އޮސްކާ އަށް ހުށަހެޅި ނަމަވެސް އޭނާ ނިންމީ އެ ފުރުސަތު ދޫކޮށްލާށެވެ.
ބަންގްލަދޭޝްގެ ކޮންޓްރެކްޓްގައި ހުރި ހެޑްކޯޗު އިނގިރޭސިިވިލާތުގެ ޖޭމީ ޑޭއާ އަލުން ޓީމު ހަވާލުކުރުމުގެ ބަދަލުގައި ބަންގްލަދޭޝް އިން ފޯ ނޭޝަންސް ކަޕަށް އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ބަންގްލަދޭޝްގެ ލީގުގައި ވާދަކުރާ ޑާކާ އަބަހާނީގެ ކޯޗު ލެމޯސް އެވެ. މިއަދު ސީޝެލްސްއާ ކުޅުނީ ލެމޯސް ބަންގްލަދޭޝަށް ރަސްމީކޮށް އިރުޝާދުދިން ފުރަތަމަ މެޗެވެ.
ލެމޯސް ބުނީ ސާފް ޗެމްޕިއަންޝިޕްގައި ވެސް ފާއިތުވި ގިނަ މެޗުތަކުގައި ވެސް ބަންގްލަދޭޝަށް ދިމާވެފައިވަނީ މެޗުތަކުގެ ފަހުކޮޅުގައި ގޯސްތައް ހެދި ބޭނުންވާ ނަތީޖާ ނުނެރެވުމުގެ މައްސަލަ ކަމަށެވެ. އަދި މިކަމަށް ބަދަލެއް ގެންނަން ބޭނުންވާ ކަމަށާއި ރާއްޖެ މެޗަކީ އެކަން ކުރަން ފަށަން ރަނގަޅު މެޗެއްގެ ގޮތުގައި ލެމޯސް ގަބޫލުކުރެ އެވެ.
"އަހަރެން ގިވް އަޕެއް ނުކުރާނަން. މި ޓީމަށް ރަނގަޅު މަސައްކަތެއް ކޮށްދޭން ބޭނުން،" ލެމޯސް ބުންޏެވެ.
މުބާރާތުގައި ބަންގްލަދޭޝް ކުޅޭ ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހު ހަވީރު ރާއްޖެއާ ކުޅޭނެ އެވެ. ލީގު ބުރުގެ ފަހު މެޗުގައި ބަންގްލަދޭޝާއި ލަންކާ ބައްދަލުކުރާނީ އަންނަ އަންގާރަ ދުވަހުގެ ރޭ އެވެ.













