މާދަމާ ސްރީ ލަންކާގައި ފަށާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ހާއްސަ މެހެމާނަކީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކަމަށް ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.
ލަންކާ އާއި ރާއްޖޭގެ އިތުރުން ސީޝެލްސް އާއި ބަންގްލަދޭޝް ވާދަކުރާ ފޯ ނޭޝަންސް ކަޕްގެ ފައިނަލް އެންމެ ފުރަަތަމަ ކުޅެން ރޭވީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އެކަމަކު، ޝެޑިއުލަށް މިއަދު ގެނައި ބަދަލާ އެކު ފައިނަލް މެޗު މިހާރު ކުޅޭނީ މި މަހު 19 ވަނަ ދުވަހު އެވެ. އެއީ ފީފާގެ ރައީސް އިންފަންޓީނޯ އަށް ދައުވަތުދީގެން މެޗު ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި ގެނައި ބަދަލެއްކަން އެނގިފައިވެ އެވެ.
މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތާ އެކު މާދަމާރޭ ލަންކާ އާއި ރާއްޖެ ބައްދަލުކުރާ މެޗު އޮންނާނެ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ކުޅޭނީ ބަންގްލަދޭޝް އާއި ސީޝެލްސް އެވެ.
ކުލަގަދަކޮށް މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވަން ނިންމާފައިވާއިރު، ލަންކާގެ ބޮޑުވަޒީރު ރާޖަޕަކްސަ އާއި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެެެވެ.
ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ މިއީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ފީފާ ކަލަންޑަރު ތެރޭގައި ކުޅޭ މުބާރާތް ކަމަށެވެ. އަދި މި މުބާރާތުގެ ނަތީޖާ އިން ފީފާ ރޭންކިން އަށް ޕޮއިންޓް ގުނާނެ ކަމަށް މައުލޫމާތުދީފައިވެ އެވެ.
ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ އޭއެފްސީ އާއި ސާފް އިން ވެސް ދާދި ފަހުން އަމަލުކޮށްފައިވާ އުސޫލުން ފޯ ނޭޝަންސް ކަޕްގައި ވެސް ޓީމުތަކުން ތިބެން ޖެހެނީ ބަބަލްއެއްގެ ތެރޭގައި ކަމަށެވެ. މާނަ އަކީ ކުޅުންތެރިންނަށް ނުކުމެވޭނީ ޓްރެއިނިން އާއި މެޗުތަކަށެވެ.
މެޗުތައް ބަލަން ސަޕޯޓަރުން ވައްދަން ހަމަޖެހިފައިވަނީ ދަނޑުގެ ޖާގައިގެ 50 ޕަސެންޓް އަށެވެ. އަދި ދަނޑަށް މެޗު ބަލަން ވަންނަ ސަޕޯޓަރުންނަކީ ކޮވިޑް-19 ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވުން ވަނީ ޝަރުތެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 30،000 ޑޮލަރުގެ ފައިސާގެ އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ލަންކާ އިން އެންމެ ފުރަތަމަ ރާޖަޕަކްސަ ޓްރޮފީގެ ނަމުގައި މުބާރާތެއް ބޭއްވީ 2012 ވަނަ އަަހަރު އެވެ. އެ ފަހަރު މުބާރާތް ކުރިއަށްގެންދިޔައީ 23 އަހަރުން ދަށަށް ހާއްސަކޮށްގެންނެވެ. އެ ފަހަރު ތަށި އުފުލާލީ ރާއްޖޭގެ ޒުވާން ޓީމުންނެވެ.
ލަންކާ މުބާރާތުގައި މާދަމާ ރާއްޖޭން ލަންކާއާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި 11 ވަނަ ދުވަހު ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. އަދި ތިން ވަނަ މެޗުގައި ސީޝެލްސްއާ ކުޅޭނީ މި މަހު 14 ވަނަ ދުވަހު އެވެ. ފައިނަލަށް ގޮސްފިނަމަ މިހާރު އޮތްގޮތުން އެ މެޗު ކުޅޭނީ މި މަހު 19 ވަނަ ދުވަހު އެވެ.












