ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ މި ފަހަރުގެ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލް ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފި އެވެ.
މުބާރާތުގެ ގުރުއަތުލުން ކުރިއަށް ގޮސްފައިވަނީ ރޭ ޓީވީއެމްގަ އެވެ. މި ފަހަރުގެ މުބާރާތް ވެސް ކުރިއަށްގެންދަނީ ޔޫތު މިނިސްޓްރީ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެހީތެރިކަމާ އެކު އެވެ.
މި މަހު 20 ވަނަ ދުވަހު ފަށާ މުބާރާތުގައި ބީއެމްއެލް ހިމެނިފައިވަނީ ގްރޫޕް ޑީގަ އެވެ. މި ގްރޫޕްގައި ދެން އޮތީ ކްލަބް އެޗްޑީސީ އާއި މި ފަހަރުގެ މުބާރާތަށް ވަރުގަދަ އަށް ތައްޔާރުވަމުން އަންނަ އާރްޑީސީގެ އިތުރުން ފެން ކްލަބް އެވެ.
އެންމެ ފަހުގެ ރަނަަރަޕް، ކްލަބް ވެމްކޯ ހިމެނުނީ ވެސް ވަރުގަދަ ގްރޫޕެއްގަ އެވެ. އެއީ ސްޓެލްކޯ، ޔޫތު މިނިސްޓްރީ އަދި ސިޓީ ކައުންސިލާ އެކު ގްރޫޕް ސީގަ އެވެ.
ކްލަބް މޯލްޑިވްސް ކަޕް 2021 ގެ ގްރޫޕްތައް:
ގްރޫޕް އޭ: އުރީދޫ، ކަސްޓަމްސް، މީޑިއާނެޓް، އެމްއޭސީއެލް
ގްރޫޕް ބީ: ޕޮލިސް ކްލަބް، އެލައިޑް، ޓްރޭޑް ކްލަބް، އެޗްއާރްސީ
ގްރޫޕް ސީ: ކްލަބް ވެމްކޯ، ސްޓެލްކޯ، ޔޫތު މިނިސްްޓްރީ، ސިޓީ ކައުންސިލް
ގްރޫޕް ޑީ: ޔުނައިޓެޑް ބީއެމްއެލް، ފެން ކްލަބް، އާރްޑީސީ، ކްލަބް އެޗްޑީސީ
ގްރޫޕް އީ: އިމިގްރޭޝަން، ދިރާގު، އެފްއެސްއެމް، ޓީމް އެމްއެންޕީއެޗްއައި
ގްރޫޕް އެފް: ޕްރިޒަން ކްލަބް، އޭވިއޭޝަން ސެކިއުރިޓީ، ޓީމު ފެނަކަ، އާރްއޯއެލް
ގްރޫޕް ޖީ: އެމްޕީއެލް، ޑީއެސްސީ، ސިވިލް ކޯޓު، ކްލަބް 220
ގްރޫޕް އެޗް: އެސްޓީއޯ، އެމްޓީސީސީ، އެމްއެމްއޭ ސޯޝަލް ކްލަބް، މޯލްޑިވް ގޭސް
މި ފަހަރުގެ މުބާރާތަށް ގިނަ ޓީމުތަކުން ވަނީ ޕްރެކްޓިސްތައް ފަށައިފަ އެވެ. ކޮންމެ ޓީމަކުން ރަނގަޅު ކޯޗެއް ހަމަޖައްސައި ތަމްރީންތައް ބަހާލައިގެން ކުރިއަށް ގެންދާއިރު، ގިނަ ޓީމުތަކަކުން އަންނަނީ ގިނަ ޕްރެކްޓިސް މެޗުތައް ކުޅުމުގެ އިތުރުން ރަށްރަށުގައި ކޭމްޕް ޖަހަމުންނެވެ.
ގަވާއިދުން އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ކްލަބް މޯލްޑިވްސް ކަޕް މިދިޔަ އަހަރު ކޮވިޑް-19ގެ ސަބަބުން ނުބޭއްވުނެވެ.
މި އަހަރު ވެސް މުބާރާތް ބާއްވަން އެންމެ ފުރަތަމަ ކަނޑައެޅި ތާރީހުގައި ނުބޭއްވި ޖެހުނީ ފަސް ކުރާށެވެ. މެދުކެނޑުމަކަށް ފަހު ބާއްވާ މި އަހަރުގެ މުބާރާތް ވެސް އޮންނާނީ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގަ އެވެ.
ރޭ ޓީވީއެމްގައި ކުރިޔަށް ގެންދިޔަ މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ވަނީ ކްލަބް މޯލްޑިވްސްގެ އާ ލޯގޯ ވެސް ލޯންޗްކޮށްފަ އެވެ.
ވިމެންސް ފުޓްސަލް ފިއެސްޓާގައި 8 ޓީމު
ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، "ވިމެންސް ފުޓްސަލް ފިއެސްޓާ" ގައި މި ފަހަރު ބައިވެރިވެފައިވަނީ އަށް ޓީމެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ކްލަބް އިމިގްރޭޝަން މި ފަހަރު ވާދަނުކުރެ އެވެ. އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް ހިމެނެނީ ގްރޫޕް ބީގަ އެވެ.
ގްރޫޕް އޭގައި ހިމެނެނީ ޕޮލިސް ކްލަބާއި، ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)، ސިޓީ ކައުންސިލް އަދި ޓްރޭޑް ކްލަބް އެވެ. އަދި ގްރޫޕް ބީގައި އޮތީ އެމްޕީއެލް، ޓީމް ފެނަކަ، ޔޫތު މިނިސްޓްރީ އަދި ކްލަބް ވެމްކޯ އެވެ.
އޮފީސްތަކުގެ މެދުގައި ބޭއްވޭ މި ކުޅިވަރު ކާނިވަލް، ކްލަބް މޯލްޑިވްސް ކަޕްގެ މި ފަހަރުގެ މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ދިވެހި ކުޅިވަރަށް އަބަދަށްފެހި ސްޕޮންސަރެއް ކަމަށްވާ މައިލޯގެ އިތުރުން ކުޅިވަރުގެ ގިނަ މުބާރާތްތަކުގައި ޕާޓްރަނަރުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އުރީދޫ މޯލްޑިވްސް އާއި އެމްޓީސީސީ އަދި އެލައިޑް އިންޝިއުރެންސް އެވެ.












