ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަނުގެ މެމްބަރު މަރިޔަމް މުނާ އަދި ނައިބު ރައީސަކަށް ޑރ. އަހުމަދު އަދުހަމް އަބްދުﷲ އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އައްޔަނުކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވައި، މަޖިލީހުން ފާސްކޮށްގެންނެވެ.
ނަމަވެސް، ކޮމިޝަނުގެ މެމްބަރުން ތިބެންޖެހޭ އަދަދަށް މެމްބަރުން އައްޔަނުނުކުރެވި އޮތުމުގެ ސަބަބުން، އެކަން ނުކުރެވި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.
އެގޮތުން، 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެޗްއާރްސީއެމަށް ހަތަރު މެމްބަރުން އައްޔަނުކުރުމަށްފަހު، ފަސްވަނަ މެމްބަރުގެ ގޮތުގައި ސަމާއު އަހުމަދު ނަޖީބު އައްޔަނުކުރައްވާފައިވަނީ މި މަހުގެ ތިން ވަނަ ދުވަހެވެ.

އެ ކޮމިޝަނަށް މެމްބަރުން ހަމަވުމާއެކު، ރައީސް ސޯލިހު ވަނީ އެޗްއާރްސީއެމްގެ ރައީސަކަށް މުނާ އަދި ނައިބު ރައީސަކަށް އަދުހަމް އައްޔަނުކުރަން މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
ރައީސްގެ އެ ހުށަހެޅުއްވުން ދިރާސާކޮށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމި ގޮތަށް އެޗްއާރްސީއެމްގެ ރައީސަކަށް މުނާ އަދި ނައިބު ރައީސަކަށް އަދުހަމް އައްޔަނުކުރަން މަޖިލީހުން ރުހުންދީފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.













