ސަރުކާރުން ހިންގާ ޕްރޮޖެކްޓުތައް ހިންގުމާ ހަވާލުވެގެން ތިބޭ ޕްރޮޖެކްޓް މެނޭޖްމަންޓު ޔުނިޓް (ޕީއެމްޔޫ)ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތާވަލާ އެއްގޮތަށް ޕްރޮޖެކްޓުތައް ނުހިންގި ލަސްވާނަމަ މަގާމުން ވަކިކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ބޭންކުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތަކާ ގުޅިގެން ހިންގި "މޯލްޑިވްސް ޕޯޓްފޯލިއޯ ފާފޯމަންސް ރިވިއު" ރެޕް-އަޕް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ރިވިއުގެ ހޯދުންތަކަށް އަލިއަޅުވާލާ އަމީރު ވިދާޅުވީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ޕްރޮޖެކްޓުތައް ހިންގުން މުހިންމު ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތަކުން ރައްޔިތުންނަށް ލިބެންޖެހޭ ހަގީގީ މަންފާ ނުލިބެނީ ޕްރޮޖެކްޓުތައް ތަންފީޒު ނުކުރެވި ލަސްވާތީ ކަމަށެވެ.
އޭގެ އިތުރުން އަމީރު ވިދާޅުވީ ޕްރޮޖެކްޓުތައް ކުރިޔަށް ގެންދަން މިހެން ބަދަލު ގެންނަން މުހިންމު ކަމަށެވެ. އަދި ޕްރޮޖެކްޓު ކުރިޔަށް ދާ މުއްދަތުގައި މުސާރަ ލިބޭތީ ތާވަލާ އެއްގޮތަށް ޕްރޮޖެކްޓުތައް ކުރިޔަށް ގެންދަން "މޮޓިވޭޝަނެއް" ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިތަނަށް ހުށަހެޅި ރެކޮމެންޑޭޝަންތަކުން ވެސް އިނގެނީ ޕްރޮޖެކްޓް ޓައިމްލައިން ހިފަހައްޓަން ޖެހޭ ކަން. ކަނޑައެޅިފައިވާ ޓައިމްލައިނަށް ޕްރޮޖެކްޓު ނުނިމެނީ ނަމަ ޕީއެމްޔޫ ބަދަލުކުރާނަން. އެހެން ނޫނީ އާ މުވައްޒަފުން ހޯދާނަން،" އަމީރު ވިދާޅުވި އެވެ.
ވާލްޑް ބޭންކުގެ ޕްރޮޖެކްޓުތައް ތަންފީޒުކުރުމުގެ މަރުހަލާގައި ފާހަގަކުރެވުނު އެންމެ ބޮޑު އެއް މައްސަލައަކީ ޕްރޮޖެކްޓުތައް ތަންފީޒުކުރުމުގައި ހުރި މައްސަލަތަކެވެ.
އަމީރު ވިދާޅުވި މި މައްސަލަ ހައްލުކުރަން ޕްރޮޖެކްޓުތަކުގެ ބެލެނިވެރި ވުޒާރާގެ ހައިސިއްޔަތުން ފިނޭންސް މިނިސްޓްރީން މި މައްސަލަތައް ހައްލުކުރަން ތަންފީޒީ ވުޒާރާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ތާވަލާ އެއްގޮތަށް ޕްރޮޖެކްޓުތައް ނިންމަން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
މި މައްސަލަ ހައްލުކުރުމުގެ ގޮތުން ފިނޭންސުން ވަނީ މި އަހަރުގެ ނިޔަލަށް ޕީއެމްޔޫތައް އުވާލަން ނިންމާލާފަ އެވެ. އަދި މިހާރު ޕޭ ކޮމިޝަނުން ކުރަމުންދާ މުސާރަ އެއްހަމަކުރުމުގެ އޮނިގަނޑުގެ މަސައްކަތް ނިމުމާއެކު، ޕީއެމްޔޫތަކުގެ މުވައްޒަފުންގެ މުސާރަ ވެސް ކަނޑައަޅަން ޖެހޭނީ ދައުލަތުގެ މުސާރަތަކާ އެއްހަމައިގައި ކަމަށް އަމީރު ހާމަކުރެއްވި އެވެ.











