ބާސެލޯނާ (އޮކްޓޫބަރު 2) - ފަހަކަށް އައިސް ބާސެލޯނާ އިން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން އަށް ޕްރެޝަރު ބޮޑުވެފައިވާއިރު، އަމިއްލަ ދިފާއުގައި އަބަދު ވެސް ވާހަކަ ދައްކަން ޖެހޭތީ ކޫމަން ރުޅިގަދަވެއްޖެ އެވެ.
ސްޕެނިޝް ލީގުގައި ބާސެލޯނާ އަށް ރަނގަޅު ނަތީޖާތަކެއް ނެރެގެން ފޯމު ދަމަހައްޓަން އުނދަގޫވެފައިވާއިރު، ޗެމްޕިއަންސް ލީގުގައި ކުޅުނު ދެ މެޗުން ވެސް ވަނީ 3-0 އިން ބަލިވެފަ އެވެ. ފުރަތަމަ މެޗުން ބަޔާން މިއުނިކް އަތުން އަމިއްލަ ދަނޑުގައި ބަލިވިއިރު، ދެ ވަނަ މެޗުން މި ހަފްތާގައި ބެންފީކާ އަތުން ބަލިވީ ރަށުންބޭރުގަ އެވެ.
ލަލީގާގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް އެ ޓީމު ދަނޑުގައި ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަމުން ކޫމަން ބުނީ ކޮންމެ ފަހަރަކު މީޑިއާ ކުރިމަތީގައި އޭނާ ކުރަން ޖެހިފައި އޮންނަނީ އެއް ކަމެއް ކަމަށާއި އޭނާ މަގާމުން ވަކިކުރަން އުޅޭ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަ އަށް ދޭނެ ޖަވާބެއް ނެތް ކަމަށެވެ.
"އަހަރެންގެ މުސްތަގުބަލާ ބެހޭގޮތުން ވަކި ގޮތެއް ބަދަލުވި ކަމަކަށް އަހަންނާ ހިއްސާކޮށްފައެއް ނެތް. ރައީސް (ލަޕޯޓާ) ވެސް ހުރި އެންމެ ފަހުން ޕްރެކްޓިސްތައް ބޭއްވިއިރު. އެކަމަކު އަހަންނެއް އެ ވާހަކަ ނުދައްކަން އަހަރެން ދިޔައީ މެޗަށް ޓީމު ތައްޔާރު ކުރަމުން،" ކޫމަން ވިދާޅުވި އެވެ.
"އަހަރެން ވަރުބަލިވެއްޖެ. މި ގޮތަށް ކޮންމެ ފަހަރަކު މީޑިއާ ކުރިމަތީގައި އަމިއްލަ ނަފްސުގެ ދިފާއުގައި ވާހަކަ ދައްކަން ޖެހޭތީ ކަންބޮޑުވޭ. ހުރި ޗެލެންޖްތަކުގެ ވާހަކަ ދައްކަން މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން. އެކަމަކު އަހަރެން ވަރަށް ފުޅާކޮށް އެ ވާހަކަ ދައްކާނެ ދުވަހެއް އަންނާނެ،"
މިރޭ އެތުލެޓިކޯ ދަނޑުގައި ބާސެލޯނާ ކުޅޭ މެޗަކީ ކޫމަން އެ ޓީމުގައި ހޭދަކުރާ ފަހު މެޗަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް ސްޕެއިނުގެ މީޑިއާތަކުން އަންނަނީ ރިިޕޯޓްކުރަމުންނެވެ. އެ ވާހަކަ ތަކަށް އިޝާރާތްކޮށް ކޫމަން ބުނީ އޭނާ އަދިވެސް ހުރީ ބާސެލޯނާގައި ކަމަށާއި އެހެންވެ، ވިސްނަނީ އެ ޓީމާ އެކު ކުރިއަށް ދިއުމަށް ކަމަށެވެ.
ބާސެލޯނާއާ އެކު ކޫމަން ކޮންޓްރެކްޓް ހަދައިގެން ހުރީ މި ސީޒަނުގެ ނިޔަލަށެެވެ. ބާސެލޯނާ އާއި އެތުލެޓިކޯ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.












