ކުނިން ހަކަތަ އުފައްދަން ސަރުކާރުން ހިންގާ ބިޔަ މަޝްރޫއުގެ ބީލަން މަރުހަލާގައި ކޮރަޕްޝަނެއް ނުހިނގާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފި އެވެ.
ގްރޭޓާ މާލެ ވޭސްޓް-ޓު-އެނާޖީގެ ނަމުގައި ހިންގާ މި ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީއާއެކު، ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރަން ހިންގާ މަޝްރޫއެކެވެ.
މި ޕްރޮޖެކްޓުގެ ދަށުން ތިލަފުށީގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކޮށް، މިހާރަށް ވުރެ ރައްކާތެރި ގޮތެއްގައި އެއްތަނުން އަނެއް ތަނަށް ކުނި އުފުލުމާއި ކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމުކުރެވިގެން ދާނެ އެވެ.
ފިނޭންސް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، މި ޕްރޮޖެކްޓުގެ ޕްރީ-ކޮލިފިކޭޝަން މަރުހަލާގައި ހޮވުނު ހަ ކުންފުނީގެ ތެރެއިން ބިޑު ހުށަހެޅީ ފަސް ކުންފުންޏަކުންނެވެ. މީގެ ތެރެއިން ޓެކްނިކަލް ބިޑް އިވެލުއޭޝަން މަރުހަލާއިން ހޮވުނީ ތިން ކުންފުންޏެއްގެ ބިޑެވެ.
މި ޕްރޮޖެކްޓް ހަވާލުކުރުމުގައި ފިނޭންސް މިނިސްޓްރީން ކޮރަޕްޝަން ހިނގާފައިވާ ކަމަށް ތުހުމަތުކުރީ ބިޑުން ނާކާމިޔާބުވި ދެކުނު ކޮރެއާގެ ޓެކްކްރޮސް ކުންފުނިންނެވެ.

އެ ކުންފުނިން އޭސީސީއަށް ހުށަހެޅި ޝަކުވާގައި ބުނީ މި ޕްރޮޖެކްޓަށް އެންމެ ކުޑަކޮށް އަގު ހުށަހެޅީ އެ ކުންފުނިން ނަމަވެސް ޕްރޮޖެކްޓް ހަވާލުކުރީ އެހެން ކުންފުންޏަކާ ކަމަށެވެ. އަދި އެ ކުންފުންޏާ ޕްރޮޖެކްޓް ހަވާލުކުރުމުގައި ބެލި ކަންކަން ހިއްސާކުރަން ފިނޭންސްގައި އެދުމުން އެއްބާރުލުން ލިބިފައި ނުވާ ކަމަށް ވެސް އެ ކުންފުނިން ވަނީ މީޑިއާތަކަށް ބުނެފަ އެވެ.
އެކަމަކު އޭސީސީއަށް ހުށަހެޅުނު ޝަކުވާ ބެލުމަށް ފަހު އެ ކޮމިޝަނުން ވަނީ، އެ ޝަކުވާއާ ގުޅިގެން އިތުރަށް ތަހުގީގުކުރަން ޖެހޭ ކަމެއް ނެތްކަމަށް ނިންމާފަ އެވެ. މިކަން އޭސީސީ އާއި ފިނޭންސް މިނިސްޓްރީން ކަށަވަރުކޮށްދެ އެވެ.
ފިނޭންސުގެ ރައްދު: ކަންބޮޑުވުމެއް ނެތް، ބީލަން މަރުހަލާ އޭޑީބީން ބަލައިގަތް
މި މައްސަލައިގައި ފިނޭންސުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި ޕްރޮޖެކްޓުގެ ބީލަމާ ގުޅޭ ހުރިހާ މަރުހަލާއެއްގައި އަމަލުކުރީ އޭޑީބީގެ ބިޑިން އަދި ޕްރޮކިއުމަންޓް އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން މި ބިޑުގެ މަރުހަލާތަކުގައި ކުރި މަސައްކަތްތައް އޭޑީބީން ރިވިއުކޮށްފައިވާއިރު، އެއްވެސް ކަންބޮޑުވުމެއް ހިއްސާކޮށްފައި ނުވާކަމަށް ބުންޏެވެ.
އަދި މި ބިޑާ ގުޅިގެން ފިނޭންސަށް ބިޑު ހުށަހެޅި ކުންފުންޏަކުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން، އޮންނަ އުސޫލުގެ ތެރެއިން ޖަވާބު ދީފައިވާނެ ކަމަށާއި، ޑީބްރީފް ވެސް ލިޔުމުން ދީފައިވާނެ ބުންޏެވެ.
މިކަމުގެ މައުލޫމާތު އެނގޭ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވީ، ލިޔުމުން ޑީބްރީފް ދިނުމުން ކުންފުނިން ފޭސް-ޓު-ފޭސް ބައްދަލުވުމަކަށް އެދިފައިވާތީ، އެކަން ވެސް މިނިސްޓްރީން ކުރާނެ ކަމަށެވެ.
އަދި ވިދާޅުވީ، ބިޑަކީ ވަރަށް ޓެކްނިކަލް ބިޑެއް ކަމަށާއި، އެހެންކަމުން ކޮންޓްރެކްޓަރަކު ހޮވުމުގައި ބަލަނީ އަގަށް އެކަނި ނޫންކަން އެ ކުންފުންޏަށް ވެސް އެނގޭނެ ކަމަށެވެ.
"މިނިސްޓްރީން ކަންކުރީ ދެ ފުށް ފެންނަ އުސޫލަކުން. ހުށަހެޅި ހުރިހާ ޝަކުވާއަކާ ގުޅިގެން ކަންކުރީ ވެސް ހަމަ އެ އުސޫލުން" އޭނާ ވިދާޅުވި އެވެ.
ފިނޭންސުން އިތުރަށް ބުނި ގޮތުގައި، މި ޕްރޮޖެކްޓުގެ ބީލަން މަރުހަލާއާ މެދު ޝައްކު އުފައްދަން މަސައްކަތް ކުރި ނަމަވެސް، މި މަސައްކަތުގައި ހަރަކާތްތެރިވި ޓީމުތަކުން ކުރި މަސައްކަތްތަކާ މެދު އިތުބާރާއި ޔަގީންކަން އެބައޮތް ކަމަށެވެ.













