މެޑްރިޑް (23 ސެޕްޓެމްބަރު) - މާކޯ އަސެންސިއޯގެ ހެޓްރިކާއެކު، ސްޕެނިޝް ލަލީލާގާއި ރޭ މަޔޯކާ އަތުން 6-1 އިން މޮޅުވެ، ރެއާލް މެޑްރިޑް ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
މި މެޗުން މޮޅުވެ، ރެއާލް ތާވަލްގެ އެއްވަނަ އަށް ޖެހިލީ 16 ޕޮއިންޓާއެކު އެވެ. ސާދަ ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ތިން ވަނައިގައި 11 ޕޮއިންޓާއެކު ސެވިއްޔާ އޮތްއިރު، ހަތަރު ވަނައިގައި 10 ޕޮއިންޓާއެކު އޮތީ ވެލެންސިއާ އެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގެ ތިން ވަނަ މިނިޓުގައި ރެއާލަށް ލީޑު ހޯދައިދިނީ ފްރާންސްގެ ފޯވަޑް ކަރީމް ބެންޒެމާ އެވެ.
ރެއާލް އިން ފުރަތަމަ ހާފުގައި ލީޑު ފުޅާކުރީ ފަސް މިނިޓުގެ ތެރޭގައި އަސެންސިއޯ ޖެހި ދެ ލަނޑުންނެވެ. މަޔޯކާ އަށް ކުރިން ކުޅުނު އަސެންސިއޯ ހެޓްރިކް ހެދީ ދެވަނަ ހާފުގައި އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މެޗުގައި ރެއާލްގެ ބެންޒެމާ ދެވަނަ ލަނޑެއް ޖެހިއިރު، މިޑްފީލްޑަރު އިސްކޯ ވެސް ވަނީ ލަނޑު ޖަހައިފަ އެވެ.
ފުރަަތަމަ ހާފުގައި މަޔޯކާ އަށް ލަނޑު ޖަހައިދިނީ ލީ ކާންގެވެ.
ސްޕެއިން ލީގުގައި ރޭ ވެލެންސިއާ އަތުން ސެވިއްޔާ މޮޅުވީ 3-1 އިންނެވެ. އަލަވޭސް އަތުން އެސްޕަންޔޯލް 1-0 އިން މޮޅުވިއިރު، އެލްޗޭ އަތުން ވިޔަރެއާލް މޮޅުވީ 4-1 އިންނެވެ. -- ބީބީސީ












