އަންނަ އަހަރު ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން މަދުވެގެން 15 ބިލިއަން ރުފިޔާގެ ފައިނޭންސިން ހަމަޖައްސަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވާ ގޮތުން އަންނަ އަހަރު ހުށަހަޅަން ނިންމާފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި މިހާރުވެސް ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން ދަތިވެފައިވާތީ، އަންނަ އަހަރުގެ ބަޖެޓު ބޮޑު ކުރުން ރަނގަޅު ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ފިނޭންސް މިނިސްޓްރީގެ "ފިސްކަލް އެންޑް ޑެޓް ސްޓްރެޓަޖީ" ރިޕޯޓު ބުނާގޮތުން އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ، 23.6 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން، 37 ބިލިއަން ރުފިޔާގެ ބަޖެޓު ހަމަޖައްސަން 15.4 ބިލިއަން ރުފިޔާ ބޭނުންވެ އެވެ.
13 ބިލިއަން ރުފިޔާގެ ދަރަނި ނަގަން ޖެހޭ
ބަޖެޓަށް ބޭނުންވާ ފައިސާގެ ބޮޑު ޕަސަންޓެއް ހަމަޖައްސަން ފިނޭންސުން ވިސްނަނީ ދަރަނި ނަގައިގެންނެވެ. މި ފައިސާ ހޯދާނީ އެތެރޭގެ ބާޒާރުގައި ޓީ-ބިލާއި ޓީ-ބޮންޑު ވިއްކައިގެންނާއި، ބޭރުގެ ބާޒާރުގައި ސޮވަރިން ބޮންޑާއި ސުކޫކް ވިއްކައިގެންނާއި، ބޭރުގެ ލޯނުގެ އެހީގެ އިތުރުން ސީދާ ޕްރޮޖެކްޓްތަކަށް ލޯނު ނަގައިގެންނެވެ.
ބަޖެޓުގެ ފައިނޭންސިން ގެޕް ހަމަޖައްސަން ރާވާ ގޮތް
- ރާއްޖޭގެ ބާޒާރުގައި ސެކިއުރިޓީސް ވިއްކައިގެން: 4.7 ބިލިއަން ރުފިޔާ
- ބޭރުގެ ބާޒާރުގައި ބޮންޑާއި ސުކޫކް ވިއްކައިގެން: 3 ބިލިއަން ރުފިޔާ
- ޕްރޮޖެކްޓު ލޯނުގެ ގޮތުގައި: 4.3 ބިލިއަން ރުފިޔާ
- ބޭރުގެ ލޯނު އެހީގެ ގޮތުގައި: 1.5 ބިލިއަން ރުފިޔާ
ފައިނޭންސިން ގެޕްގެ ބާކީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑާއި ސަރުކާރު ކުންފުނިތަކުން
ބަޖެޓުގެ ބާކީ ގެޕް ހަމަޖައްސަން ފިނޭންސުން ވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ން 771 މިލިއަން ރުފިޔާ ބޭނުންކުރަން ހަމަޖައްސާފަ އެވެ. ފިނޭންސުން އެންމެ ފަހުން އާންމުކުރި ފިސްކަލް ރިޕޯޓުގައި ބުނާ ގޮތުން އެސްޑީއެފް ފަންޑު ޖުމްލަ އަދަދަކީ 3.5 ބިލިއަން ރުފިޔާ އެވެ. އެކަމަކު ބޭންކު ބެލެންސްގައި ހުރީ 860 މިލިއަން ރުފިޔާ އެވެ.
ބާކީ ފައިނޭންސިން ހަމަޖައްސަނީ ސަރުކާރު ކުންފުނިތައް ޕްރިވެޓައިޒްކޮށްގެން ނޫނީ އެ ކުންފުނިތަކުގެ ހިއްސާ ވިއްކައިގެންނެވެ. މިގޮތަށް ޕްރައިވެޓައިޒްކޮށްގެން ވެސް 771 މިލިއަން ރުފިޔާ ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ. މިއި މި އަހަރުގެ ބަޖެޓުގައި ވެސް އާމްދަނީ ހޯދަން ހިމެނި ކަމެކެވެ. އެކަމަކު މިހާތަނަށް ކުންފުންޏެއް ނޫނީ ކުންފުންޏެއްގެ ހިއްސާއެއް ވިއްކައިގެން ސަރުކާރަށް އެއްވެސް އާމްދަނީއެއް ނުލިބެ އެވެ.
ފައިނޭންސިންގެ 33 ޕަސެންޓު ހަމަޖެހިއްޖެ
ފިނޭންސް މިނިސްޓްރީން ބުނަނީ މިހާރުވެސް އަންނަ އަހަރަށް ބޭނުންވާ ފައިނޭންސިންގެ ތެރެއިން 5.1 ބިލިއަން ރުފިޔާ ހަމަޖެހިފައިވާ ކަމަށެވެ. މީގެ ބޮޑު އިންސައްތައަކީ، އަންނަ އަހަރު ބަޖެޓު ކުރެވިފައިވާ މަޝްރޫއުތަކަށް ހަމަޖެހިފައިވާ ފައިސާ އެވެ.











