ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ކްރެޑިޓް ފެސިލިޓީއަކަށް ފައިސާ ނުދެއްކިގެން ވިއްކާލަން މަސައްކަތްކުރަމުން އަންނަ ތ. ކަޅުދިޔަފުށި ވިއްކާލަން ބޭންކުން ދެވަނަ ފަހަރަކަށް އިއުލާންކޮށްފި އެވެ.
ތ. ގާދިއްފުށި ކައިރީގައި އޮންނަ މި ރަށަކީ ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މަނިކު ދޮން މަނިކުގެ ހިއްސާ އޮންނަ ހުރަވީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް 2015 ވަނަ އަހަރު 50 އަހަރަށް ދޫކުރި ރަށެކެވެ. އަދި އެ ކުންފުނިން އައީ ސްޕެއިންގެ ހޮޓެލް ޗެއިން "މެލިއާ ހޮޓެލްސް" އާ ގުޅިގެން "ގްރެން މެލިއާ ހުރަވީ މޯލްޑިވްސް"ގެ ނަމުގައި ރިސޯޓު ހުޅުވަން މަސައްކަތް ކުރަމުންނެވެ.
އޭރު 2017 ވަނަ އަހަރު ރިސޯޓު ހުޅުވާނެ ކަމަށް ބުނި ނަމަވެސް، އެ ތާރީހަށް ރިސޯޓް ހުޅުވާފައެއް ނުވެ އެވެ. އަދި ރިސޯޓު ކޮންސްޓްރަކްޝަންގެ ބޮޑު ބަޔެއް ނިމިފައި އޮތަސް، މިއަދާ ހަމައަށް ވެސް އެ މަސައްކަތް އެއްކޮށް ނުނިމެ އެވެ.
ކަޅުދިޔަފުއްޓާ ގުޅޭ މައްސަލަ ބީއެމްއެލްއިން ސިވިލް ކޯޓަށް ހުށައެޅީ، އެ ރަށް ރަހުނުކުރުމަށް ފަހު 2016 ވަނަ އަހަރު ހުރަވީ އިންޓަނޭޝަނަލްއިން ނެގި ލޯނަކަށް ފައިސާ ނުދައްކައިގެންނެވެ.
މި ރަށް ވިއްކާލަން ސިވިލް ކޯޓުން ހުއްދަ ދިނުމުން 2019 ވަނަ އަހަރު ފުރަތަމަ އިއުލާނުކުރީ 29.5 މިލިއަން ޑޮލަރު (454 މިލިއަން ރުފިޔާ) އަށް ރަށް ވިއްކާލާށެވެ. ނަމަވެސް މިފަހަރު ބޭންކުން ރަށް ވިއްކާލަން ހުޅުވާލީ ބީލަން ހުށައަޅާ ފަރާތުން އަގު ހުށައެޅުމުން، އެންމެ ބޮޑު އަގު ހުށައަޅާ ފަރާތަކަށް ވިއްކާލާ ގޮތަށެވެ.
އެގޮތުން ބޭންކުން ވަނީ އަންނަ އޮކްޓޫބަރު 10 ވަނަ ދުވަހުގެ މެންދުގެ 12:00 ގެ ކުރިން ބިޑު ހުށައަޅަން ހުޅުވާލާފަ އެވެ. އަދި ހަމަ އެ ދުވަހު ބީލަން ހުށައެޅި ފަރާތްތަކުގެ ހާޒިރުގައި ބީލަންތައް ކެނޑުމަށް ހަމަޖެހިފައިވާ ކަމަަށް ބޭންކުގެ އިއުލާނުގައި ބުންޏެވެ.
ކަޅުދިޔަފުއްޓަކީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ވެސް ހިމެނޭ ރަށެކެވެ. އެގޮތުން މި ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ރިޕޯޓުގައިވާ ގޮތުގައި، މި ރިސޯޓުގެ އެކުއިޒިޝަން ކޮސްޓަށްވާ 150،000 ޑޮލަރު (2.3 މިލިއަން ރުފިޔާ) ދެއްކީ ހިޔާނާތުގެ ފައިސާއިންނެވެ. ނަމަވެސް މިހާތަނަށް މި މައްސަލައިގައި އެއްވެސް ފަރާތެއްގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެ އެވެ.










