މާލެ ސަރަހައްދުގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ހުއްޓުވަން ފުލުހުން ކުރިޔަށް ގެންދާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން އެފަދަ ތަންތަނުގައި ފުލުހުން 24 ގަޑިއިރު ޑިއުޓީ އަދާކުރަން ނިންމައި، އެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަން ފަށާފައިވަނީ މިއަދު ހެނދުނު 7:00 ގަ އެވެ. އަދި އެ އޮޕަރޭޝަންގެ ދަށުން ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާކަމަށް ފާހަގަކުރެވިފައިވާ ތަންތަނަށް މީހުން ވަނުން ހުއްޓުވާނެކަމަށް ފުލުހުން ބުންޏެވެ.
މިހާތަނަށް އެގޮތަށް ފާހަގަކުރެވިފައިވާ 25 ތަނެއްގެ ވެރި ފަރާތަށް ގާނޫނީ ގޮތުން އިންޒާރުދީފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަނާ ގުޅުން ހުރި އަށް މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް (ޕީޖީ އޮފީހަށް) ފޮނުވާފައިވާކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން ހަތަރު މައްސަލައެއްގެ ތަހުގީގު ނިމި، ޕީޖީއަށް ފޮނުވަން މަސައްކަތް ކުރަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ. އެފަދަ އެއް މައްސަލައެއްގައި ޕީޖީ އޮފީހުން ވަނީ މިހާތަނަށް ދައުވާ އުފުލައިފަ އެވެ.













