ބޮޑެތި އުމްރާނީ މަޝްރޫއުތަކާއި އެކްސްޕޯޓު އިންޝުއާކޮށްދޭ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ އިންޝުއަރަންސް އޮފް އިންވެސްޓްމަންޓް އެންޑް އެކްސްޕޯޓް ކްރެޑިޓް (އައިސީއައިއީސީ)އާ ރާއްޖެއިން ގުޅިއްޖެ އެވެ.
އައިސީއައިއީސީއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕުގެ އިސްލާމިކް އިންޝުއަރަންސްގެ ގޮތްޕެވެ. މި ކޯޕަރޭޝަނުން ފޯރުކޮށްދޭ އިންޝުއަރަންސް ހިދުމަތްތަކުގެ ތެރޭގައި ޝަރިއާ-ކޮމްޕްލަޔަންޓް ކްރެޑިޓް، ޕޮލިޓިކަލް ރިސްކް މިޓިގޭޝަންގެ އިތުރުން ކްރެޑިޓް އެންހޭންސްމަންޓް އިންޝުއަރަންސް އާއި ރީއިންޝުއަރަންސް ހިމެނެ އެވެ.
މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޓްވިޓާގައި ވިދާޅުވީ އައިސީއައިއީސީން ފޯރުކޮށްދޭ ހިދުމަތްތައް ބޭނުންކޮށްގެން ރާއްޖޭގެ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީއަށް ބޭނުންވާ އިތުރު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓު ހޯދަން މަސައްކަތްކުރެވޭނެ މަގުފަހިވާނެ ކަމަށެވެ.
އައިސީއައިއީސީގެ މެމްބަރަކަށް ރާއްޖެ ވުމާ ގުޅިގެން ހިއްސާކުރި ތަހުނިޔާގެ މެސެޖެއްގައި އެ ކޯޕަރޭޝަންގެ ސީއީއޯ އޮސާމާ ކައިސީ ވަނީ ރާއްޖެއަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ. އަދި ވިދާޅުވީ އައިސީއައިއީސީގެ ރިސްކް މިޓީގޭޝަން އަދި ކްރެޑިޓް އެންހޭންސްމަންޓް ހިދުމަތްތަކުގެ ސަބަބުން އެކްސްޕޯޓާއި އިންވެސްޓްމަންޓު އިތުރުވާނެ ކަމަށާއި އޭގެ ސަބަބުން އިގުތިސޯދު ސިންދަފާތުވެ ކުރިއަރައިދާނެ ކަމަށެވެ.
އައިސީއައިއީސީގެ ހިދުމަތްތަކުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ފައިދާތަކާ ގުޅިގެން ކައިސީ ވިދާޅުވީ އަދި މި ހިދުމަތްތައް ބޭނުންކޮށްގެން ރާއްޖޭގައި ވިޔަފާރި ކުރާ އެކްސްޕޯޓަރުންނާއި، ބޭންކުތަކާއި، އިންވެސްޓަރުންނަށް ސިޔާސީ، ސިނާއީ، އަދި މޫސުމީ ހިރާސްތަކާ ގުޅޭ އިންޝުއަރަންސް ހިދުމަތްތައް ލިބޭނެ ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެމެމްބަރު ގައުމުތަކާއި މެމްބަރު ނޫން ގައުމުގަތަކުގެ ވިޔަފާރިތަކަށް ވެސް މި ހިދުމަތްތަކަށް އެދެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.










