ފުލުހުންގެ ބޯޑުގެ ނިންމުން މަޖިލީހުން ބަލަން އެދިއްޖެ

ދަގެނތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

ދަގެނތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމުގެ ސައްހަކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމެޓީ) މެދުވެރިކޮށް ކަށަވަރު ކުރަން މަޖިލީހަށް ހުށަހަޅައިފި އެވެ.

ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން ފުލުހުންގެ އިސް ސަފުގެ އޮފިސަރުންނަކީ ގާބިލް ބައެއްތޯ ކަށަވަރުކުރަން ފުލުހުންގެ ބޯޑަށް އޮތީ ލާޒިމްކޮށްފަ އެވެ. އެގޮތުގެ މަތިން އެ ބޯޑުން މިދިޔަ ހޯމަ ދުވަހު ވަނީ ހަތް އޮފިސަރަކު މަގާމުން ވަކިކުރުމަށް ނިންމައިފަ އެވެ.

އަދި، އެ ނިންމުން ތަންފީޒުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފައްޓަވައިފަ އެވެ.

އަލަށް އުފެއްދި ބޯޑުގެ ނިންމުމާމެދު އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ ނިންމުން ރިވިއު ކުރަން ގޮވާލާފަ އެވެ.

ނިންމުމާމެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެކަން 241 ކޮމިޓީން ބަލައިދިނުމަށް އެދިވަޑައިގެން މަޖިލީހުގެ ދަގެނތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ފުލުހުންގެ ގާނޫނުގެ ދަށުން ވިޔަސް، އެއްވެސް ފުލުހަކާމެދު ފިޔަވަޅެއް އެޅޭނީ އެހެން ގާނޫނުތަކުގައި ބަޔާންކުރާ ދުސްތޫރީ ހަމަތަކުގެ މަތިން ކަމަށެވެ.

ނަމަވެސް، ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރަން ނިންމާފައިވަނީ އެމީހުން ވަޒީފާގެ ރައްކާތެރިކަން ގެއްލޭގޮތަށް، ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ ކަމަށް އެ ސިޓީގައި ބުނެފައި ވެ އެވެ.

އެހެންކަމުން ފުލުހުންގެ ބޯޑުގެ އެ ނިންމުމަކީ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބަޔާންކުރާ ގޮތުގެ މަތިން ސައްހަ ނިންމުމެއްތޯ ކަށަވަރުކޮށްދިނުމަށް ސަލާމަތީ ހިދުމަތްތަކުގެ ކަންކަން ބެލުމުގެ އިހުތިސޯސް އޮންނަ މަޖިލީހުގެ 241 ކޮމިޓީ މެދުވެރިކޮށް ބަލައި ދިނުމަށް އެ ސިޓީގައި ނާޒިމް ވަނީ އެދިވަޑައިގެންފަ އެވެ.

ފުލުހުންގެ ބޯޑުގެ ނިންމުމުގައި މަގާމުން ވަކިކުރަން ނިންމާފައިވަނީ ކޮން އޮފިސަރުންތަކެއް ކަމެއް އެ ބޯޑުން މީޑިއާއަށް އަދި ހާމައެއް ނުކުރެ އެވެ.

ނަމަވެސް، މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ވަކިކުރަން ނިންމާފައިވާ ހަތް އޮފިސަރުންނެވެ. އެއީ ތިން އެސިސްޓެންޓް ކޮމިޝަނަރުން ކަމަށްވާ ފަރުހާދު ފިކުރީ އާއި އަހުމަދު މުހައްމަދު (ޓޫފޯ) އަދި މުހައްމަދު ޖަމްޝީދެވެ.

އޭގެއިތުރުން ވަކިކުރަން ނިންމާފައިވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލައާ ގުޅިގެން ސަސްޕެންޑްކުރި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ. މީގެތެރެއިން ރާއްޖޭން ބޭރުގައި ހުންނެވި ޝުހާދަކީ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝުކޫރުގެ ދަރި އެވެ.

ފުލުހުންގެ ބޯޑުން ދެން ވަކިކުރަން ނިންމީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ. މީގެތެރެއިން އަބްދުﷲ ޝަރީފަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި އިސްކޮށް ފުލުހުންގެ ފަރާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝާނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބޯޑުން ބަލަން ޖެހެ އެވެ.

އެފަދަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކޮށްފައިވާ އޮފިސަރުންނަކީ އެ މަގާމުތަކަށް ގާބިލު އަދި މަގާމާ އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާއާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުންކަމާމެދު ޕޮލިސް ބޯޑުން ގޮތެއް ކަނޑައަޅަންޖެހެ އެވެ.

އާ ގާނޫނުގެ ދަށުން އާއްމު ހަތް މެމްބަރެއްގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑު އައްޔަންކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. ވަޒީރަށް ލަފާ ދޭ އެންމެ އިސް ފަރާތެއްގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައިވާ ބޯޑަށް މަތިކޮށްފައިވާ މުހިއްމު ޒިންމާއަކީ އައްޔަންކުރާ ތާރީހުން ފެށިގެން ހަތަރު މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ އިސް ސަފަށް ހަރުދަނާ ބަދަލުތައް ގެނައުމެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ގާނޫނުގައި ބުނާ މުއްދަތުގައި ފުލުހުންގެ އިސް ސަފަށް ހެޔޮ ބަދަލެއް ގެނައުމަކީ މުއައްސަސާގެ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox