23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް، ސީނިއާ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ހަމަޖައްސައި އެފްއޭއެމުން އެކަން އިއުލާންކޮށްފި އެވެ.
އެ ޓީމުގެ ކޯޗަކަށް ކުރިން ހުރީ ނެދަލެންޑްސްގެ ރެނޭ ހިޑިންކް އެވެ. އޭނާ އަކީ ސުޒޭނާ އެކު ކުރިން ސީނިއާ ޓީމުގެ އެސިސްޓަންޓަކަށް މަސައްކަތްކުރި ކޯޗެކެވެ.
23 އަހަރުން ދަށުގެ ޓީމުގެ އެސިސްޓަންޓް ކޯޗުންނަށް ހަމަޖެއްސީ ނިއު ރޭޑިއަންޓުގެ ކުރީގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހީމާއި ވެލެންސިއާ އާއި އައިއެފްސީގެ ކުރީގެ އެސިސްޓަންޓް ކޯޗު މުހައްމަދު ޝާހިދު (ޝާޑު) އެވެ. މީގެ ތެރެއިން ސޮބާ އަކީ ސުޒޭނާ އެކު ވިކްޓްރީ އަށް ކުޅެ އަދި ސުޒޭނުގެ ކޯޗުކަމުގައި އެ ޓީމަށް ކުޅެފައިވާ ހުނަރުވެރި ޑިފެންޑަރެކެވެ.
ސުޒޭނާއި ސޮބާ އަދި ޝާޑުގެ މަސައްކަތަކަށް އޮންނާނީ، އަންނަ އަހަރު އުޒްބެކިސްތާނުގައި އޮންނަ 23 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައިކޮށްދިނުމެވެ. އޮކްޓޫބަރު މަހު 23 އިން 31 އަށް އޮންނަ ކޮލިފައިންގައި ރާއްޖެ ހިމެނެނީ އިރާގް، ބަހުރޭން އަދި އަފްގާނިސްތާނާ އެއް ގްރޫޕެއްގަ އެވެ. މުބާރާތަށް ކޮލިފައިވާނީ ގްރޫޕްތަކުގެ އެއް ވަނަ ހޯދާ ޓީމުތަކަށާއި 11 ގްރޫޕުގެ ދެ ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ގައުމަކަށެވެ.
ސުޒޭން ބުނީ 23 އަހަރުން ދަށުގެ ޓީމާ ހަވާލުވިޔަސް ސީނިއާ ގައުމީ ޓީމުގެ މަގާމުގައި ދެމި ހުންނާނެ ކަމަށެވެ. ސީނިއާ ޓީމަށް ދެން އޮތީ އޮކްޓޫބަރު 1-15 އަށް ރާއްޖޭގައި އޮންނަ ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގެ ތައްޔާރީތައް އަންނަ ސެޕްޓެމްބަރު މަހު ފަށާނެ އެވެ. ސީނިއާ ޓީމުގައި 23 އަހަރުން ދަށުގެ ގިނަ ކުޅުންތެރިން ހިމެނޭތީ ސާފް ވެގެންދާނީ ކޮލިފައިންގެ ކުރިން ޒުވާން ކުޅުންތެރިންނަށް މަތީ ފެންވަރުގެ ތަޖުރިބާ ހޯދަން ލިބޭނެ ފުރުސަތަކަށެވެ.
ސުޒޭން ވަނީ 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސްގެ ކޮލިފައިންގައި ވާދަކުރި 23 އަހަރުން ދަށުގެ ޓީމަށް 2007 ގައި ކޯޗުކޮށްދީފަ އެވެ. އެ ފަހަރު ޕްރިލިމިނަރީ ބުރުގައި އިންޑޮނީޝިއާއާ ކުޅެ ފުރަތަމަ މެޗުން 1-0 އިން ބަލިވެ ދެ ވަނަ މެޗު 0-0 އިން އެއްވަރުވީ އެވެ. އެގްރިގޭޓުން ކުރި ހޯދީ އިންޑޮނީޝިއާ އެވެ.
ކްލަބް ލެވެލްގައި ވިކްޓްރީ އާއި މާޒިޔާއާ އެކު ބޮޑެތި ކާމިޔާބީތައް ހާސިލްކޮށްފައިވާ ސުޒޭން ވަނީ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފަ އެވެ.












