އެއްފަހަރާ 10،000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން ފަށައިފި އެވެ.
ކުރީގެ ސަރުކާރުގައި ފެށި މިސްކިތް ނުހުޅުވި ލަސްވެފައިވާތީ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. ކުރިން ނިންމާފައި އޮތީ އަންނަ މަހު ސައުދީން އިސް އޮފިޝަލުންތަކެއް އައިސް މިސްކިތް ހުޅުވާނެ ތާރީޚެއް ކަނޑައެޅުމަށެވެ. އެކަމަކު މިދިޔަ މަހުގެ ތެރޭގައި އެ ޓީމެއް ނާދެ އެވެ.
ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ އެ ވަފުދު ރާއްޖެ އައުން މަޑުޖައްސާލީ ޝާހީ ބޭފުޅަކާ އެކު އައިސްގެން ތާރީޚެއް ހަމަޖައްސާށެވެ.
އެ މިސްކިތަށް 30 އަށް ވުރެން ގިނަ މުވައްޒަފުން ހޯދަން ނިންމާފައިވާ އިރު މިހާރު އިއުލާންކޮށްފައި ވަނީ 10 ސަޕޯޓް ސްޓާފުންނާއި ހަތަރު ޓެކްނިޝަނުން ހޯދުމަށެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ވިދާޅުވީ ޓެކްނިކަލް މުވައްޒަފުންގެ ގޮތުގައި ނަގާ މީހުން ބޭނުންކުރަނީ ސަލްމާން މިސްކިތަކީ ހައި ސެކިއުރިޓީ ތަނަކަށްވާނީ އެ ކަންކަން ބެލެހެއްޓުމަށް ކަމަށެވެ.

މުވައްޒަފުން ނެގިއަސް މިސްކިތް ހުޅުވާނެ ސީދާ ތާރީހެއް އިސްލާމިކް މިނިސްޓްރީ އާއި ރައީސް އޮފީހަކަށް ވެސް އަދި ނޭނގެ އެވެ.
ސައުދީ ރަސްގެފާނުގެ އެހީގައި އިމާރާތްކުރި އެ މިސްކިތުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ. އެ ކުންފުންޏާ އެކު ކުރީގެ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ފެބުރުއަރީ 28، 2017ގަ އެވެ.
ތިން ބުރީގެ އެ މިސްކިތުގައި ނަމާދުކުރުމުގެ އިތުރުން ލައިބްރަރީއަކާއި ކްލާސްރޫމްތަކާއި ސެމިނާ ރޫމްތައް ވެސް ހުރެ އެވެ.











