ރާއްޖޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ދިރިއުޅޭ ހިޔާތަކާ މެދު އާއްމުންގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ. އެއީ ކުދިން ބެލުމަށް ތަމްރީންވެފައިވާ މުވައްޒަފުން ނެތުމާއި، ކުދިންގެ ހެދި ބޮޑުވުމަށް އެންމެ އެކަށޭނަ މާހައުލެއް ނެތް ކަމަށް ގަބޫލުކުރެވޭތީ އެވެ. ނަމަވެސް ފާއިތުވި، ދެ ތިން މަހު އާއްމުންގެ ކަންބޮޑުވުން ހުރީ އެހެން ސަބަބަކާ ހެދި އެވެ. އެއީ ހިޔާގައި ތަކުރާރުކޮށް ރޯވާ މައްސަލައިގަ އެވެ.
މޭ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހަތަރު ފަހަރެއްގެ މަތިން ރޯވި އެވެ. ޖުލައި 29 ވަނަ ދުވަހުގެ ހެނދުނު ހިނގި ހަތަރު ވަނަ އަލިފާނުގެ ހާދިސާގައި ސީއީއޯގެ އޮފީސް ކޮޓަރި އަދި ކައުންސެލިން ރޫމަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ރޯވި ސަބަބު ބަލަމުން އަންނަ ކަމަށް ހިޔާއިން ބުންޏެވެ. އެކަމަކު ފާހަގަކުރަން ޖެހޭ ކަމަކީ ރޯވާ ސަބަބު ކުރިން އެނގިފައިވާ ކަމެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއްގައި މިދިޔަ ޖޫން މަހު ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ އެ ދުވަހާ ހަމައަށް ހިނގި ތިން އަލިފާނުގެ ހާދިސާ ވެސް މެދުވެރިވީ ހިޔާގައި ދިރިއުޅޭ ކުދިންގެ ފަރާތުން ކަމަށެވެ. އެގޮތުން ފުރަތަމަ ހާދިސާ ހިނގީ ދެ ކުއްޖެއްގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިންނެވެ.
ދެ ވަނަ ހާދިސާ ހިނގީ، ހަމަ އެ ދުވަހު، އަންހެން ކުދިން ބައިތިއްބާ އަމާން ހިޔާ އިމާރާތުގަ އެވެ.
"ދެ ކުއްޖަކު އެޑްމިޓް ކުރިން، އެއީ އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުމެއް ވެގެން ނޫން،" ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިންކަން ފާހަގަކުރައްވަމުން އައިޝާ ވިދާޅުވި އެވެ.
އޭގެ ފަހުން ޖޫން މަހު ވެސް ހިޔާގައި އަލިފާން ރޯ ކުރި އެވެ. އެންމެ ފަހުން ރޯ ކުރި ޖުލައި 29 ވަނަ ދުވަހު ވެސް ކުދިން އެ ތަނުގައި ގަސްތުގައި ރޯކުރީ ކަމަށް، މުވައްޒަފުންނާ ހަވާލަދީ ބައެއް ނޫސްތަކުން ހަބަރު ފަތުރާފައި ވެ އެވެ. އެހެންކަމުން ތަކުރާރުކޮށް ރޯވާ ސަބަބު ސާފެވެ.
އަލިފާން ރޯ ކުރަނީ ކޮން ކުދިންނެއް، ކީއްވެ؟
ހިޔާގައި މި ފަހުން ދިމާވި ހުރިހާ އަލިފާނުގެ ހާދިސާއެއް ވެސް ކުރިމަތިވީ ކުދިންގެ ފަރާތުން ކަމަށް ތުހުމަތު ކުރެވެ އެވެ. އަލިފާން ރޯކުރާ ކުދިން އަންނަނީ އެކި "ބެކްގްރައުންޑް" ތަކުންނެވެ. އަދި އެކި ކުދިން އަލިފާން ރޯކުރަނީ ވެސް އެކި ސަބަބުތަކާ ހެދި އެވެ.
ކެލިފޯނިއާ ސްޓޭޓް ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު ޑރ. ވެއިން އެސް ވުޑަން އާދި ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. މާތާ ލޫ ބާކްލީގެ ދިރާސާގެ މައްޗަށް ޝާއިއު ކުރި ފޮތް "ޗިލްޑްރެން އެންޑް އާސަން" ގައިވާ ގޮތުން ހުޅު ޖަހާ ކުދިން ބެހެނީ ހަތަރު ބަޔަކަށެވެ.
އެއީ އަލިފާނާ މާ ގިނައިން ކުޅުމުގެ ތެރެއިން އޮޅިގެން ރޯވާ ކުދިންނާއި، އެހީއަށް އެދި ހުޅު ޖަހާ ކުދިންނާއި، ގަސްތުގައި ގެއްލުން ދިނުމުގެ ގޮތުން ރޯކުރާ ކުދިން އަދި ޕައިރޮމޭނިއެކްސް ނުވަތަ އަމިއްލަ ބާރެއް ނެތި ރޯކުރުމަށް ދެވިހިފާފައިވާ ކުދިންނެވެ.
"ޗިލްޑްރެން އެންޑް އާސަން" ފޮތުގައި ހިމަނާފައިވާ ބައެއް ހޯދުންތައް
- ގަސްތުގައި އަލިފާން ރޯކުރާ ކުއްޖަކު އެހެން ކުށްތައް ވެސް ކުރޭ. އެގޮތުން ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމާއި ވައްކަން ކުރުން ހިމެނޭ.
- ގަސްތުގައި އަލިފާން ރޯކުރާ ކުދިންނަކީ އުނގެނުމުގެ މައްސަލަތައް އަދި ހައިޕާއެކްޓިވިޓީ ނުވަތަ ކުއްލި ކުއްލިއަށް ވިސްނާ ނުލާ ކަންކަން ކުރާ ހިތްވުމުގެ މައްސަލަ ދިމާވާ ކުދިން.
- ބައެއް ފަހަރު ކުދިން އަލިފާން ރޯކުރަނީ ވަރަށް ބޮޑަށް ސްޓްރެސްވުމާ ގުޅިގެން. އެގޮތުން އާއިލާގެ މީހަކު މަރުވުން ނުވަތަ އާއިލާ ރޫޅުން ފަދަ ކަންކަމުން އަންނަ ސްޓްރެސް ފާހަގަވޭ.
- ހުޅުޖަހާ އަންހެން ކުދިންގެ 40 ޕަސެންޓަކީ އާއިލާގެ މެމްބަރުންގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވެފައިވާ ކުދިން.
- ފިރިހެން ކުދިން އުމުރުން ހަތަރު އަހަރު އަދި އެއަށްވުރެ ހަގު އުމުރުގައި ވެސް އަލިފާނާ މެދު ޝައުގުވެރިކަން އުފެދޭ.
އެ ފޮތުގައިވާ ގޮތުން އަލިފާން ރޯކުރާ ކުދިން ބެހޭ ހަތަރު ގްރޫޕަށް ވެސް ދޭން ޖެހެނީ އެ ގްރޫޕަކަށް ހާއްސަ ފަރުވާ އެކެވެ. އެގޮތުން އަލިފާނަށް އޮންނަ ޝައުގެއްގެ ސަބަބުން ކުޅެމުން ދަނިކޮށް ރޯވާ ނަމަ، ގޭގައި އަދި ސްކޫލުގައި އަލިފާނާ މެދު ހޭލުންތެރި ކުރުވަން ޖެހެ އެވެ. އެފަދަ ކުއްޖަކަށް އެންމެ ރަނގަޅީ މައިންބަފައިންގެ ބެލުމުގެ ދަށުން އަލިފާނާ ކުޅެ، ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމެވެ.
ކުއްޖަކު ހުޅު ޖަހަނީ "ކްރައި ފޯ ހެލްޕް" ނުވަތަ ދިމާވެފައިވާ ހާލަތަކުން އަރައިގަތުމަށް އެހެން މީހުންގެ އެހީއަށް އެދުމުގެ ގޮތުން ކަމަށް ވެސް ވެދާނެ އެވެ. އެއީ އެކި ކަހަލަ އަނިޔާތައް ތަހައްމަލު ކުރާ ކުއްޖަކު ނުސީދާކޮށް އެހީއަށް އެދޭ ގޮތް ކަމަށް ވެދާނެ އެވެ. އެފަދަ ކުއްޖަކަށް އެހީވެވޭނީ ކައުންސެލިން އަދި ތެރަޕީ ދީގެންނެވެ.
ގަސްތުގައި ގެއްލުން ދިނުމުގެ ގޮތުން ރޯކުރާ ކުދިންނަށް ޖެހޭނީ އެކަމަށް ހާއްސަ އިސްލާހީ ޕްރޮގްރާމް ހިންގާށެވެ. ޕައިރޮމޭނިއެކްސް ނުވަތަ އަމިއްލަ ބާރެއް ނެތި ރޯކުރުމަށް ދެވިހިފާފައިވާ ކުދިންނަށް ދިމާވެފައި އެ ވަނީ ނަފްސާނީ މައްސަލަ އެކެވެ. އެކަމަށް ހާއްސަ ފަރުވާ އާއި ބޭސް ބޭނުން ކުރަން ޖެހިދާނެ އެވެ.
މި ހަތަރު ގްރޫޕުގެ ތެރެއިން ގަސްތުގައި ރޯކުރާ ކުދިންނާއި ކޮންޓްރޯލެއް ނެތި ރޯކުރާ ކުދިން ހުޅު ޖެހުމުން ހިތަށް ބޮޑު ތަސައްލީއެއް ލިބޭ ކަމަށް ފޮތުގައި ވެ އެވެ. އެއީ އަމިއްލަ ބާރާއި ކޮންޓްރޯލް ގާއިމްކުރަން ބޭނުންވެފައި ތިބޭތީ އެކަން ހާސިލްވިކަމުގެ އިހުސާސެކެވެ. އަދި އެ ކުދިންނަކީ ބުނާ ގޮތް ނުހަދާ، އެހެން ކުދިންނާ ނުގުޅޭ އަދި ރުޅި އައުމުން އެކަން ސީދާ ހާމަނުކޮށް ހިފަހައްޓައިގެން ތިބޭ ކުދިންނެވެ.
ހިޔާގައި ތިބީ ފަރުވާ ދޭން ޖެހޭ ކުދިން
ތަކުރާރުކޮށް ރޯވާ މައްސަލާގައި ކަމާ ބެހޭ ފަރާތްތައް މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރުމުން މިނިސްޓަރު އައިޝާ ވިދާޅުވީ ހިޔާގައި ތިބި 50 ކުދިންގެ ތެރެއިން ގިނަ ކުދިން ރަށްރަށުގެ އަމާން ހިޔާތަކަށް ބަދަލުކޮށް، ވިލިމާލޭގައި މިހާރު ތިބީ މަދު ކުދިންތަކެއް ކަމަށެވެ. އެ ކުދިންގެ ތެރެއިން ބައެއް ކުދިންނަކީ ކުށުގެ ވެށިން ގެންގޮސްފައި ތިބި ކުދިންނެވެ. އެއީ ފަރުވާ ދޭން ޖެހޭތީ ބައިތިއްބާފައި ތިބި ކުދިންނެވެ.
އެ ކުދިންނަކީ މާފުށީގައި ކުރިން ހިންގި އެޑިއުކޭޝަން އެންޑް ޓްރެއިނިން ސެންޓާ ފޯ ޗިލްޑްރެން (އީޓީސީސީ) ގައި ބަންދުކޮށްފައި ތިބި ކުދިންނެވެ. އީޓީސީސީ ބަންދު ކުރުމާއެކު އެ ކުދިން ހިޔާއަށް ބަދަލުކުރި އިރު، ފަރުވާ ދޭނެ އެކަށީގެންވާ ޕްރޮގްރާމް ހިންގާފައެއް ނުވެ އެވެ.
އެކަން ފާހަގަކޮށް، ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން މަޖިލިސް ކޮމިޓީގައި ކަންބޮޑުވުން ވެސް ފާޅުކުރި އެވެ. އޭގެ އިތުރުން ޗިލްޑްރަންސް އޮމްބަޑްޕާސަން ނިއުމަތު ޝަފީގް ވެސް ވަނީ ކުދިންގެ ފަރާތުން ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން އަންގައި، ރައްކާތެރިކަން ނެތް ކަމުގެ ކަންބޮޑުވުން ފާހަގަކުރައްވާފަ އެވެ.
އެޑްވޮކޭޓިން ފޯ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން ކަންބޮޑުވުން ފާޅުކުރުމަށް ފަހު ބުނީ ތަކުރާރުކޮށް ރޯވާން ދިމާވަނީ އެޗްއާރުސީއެމާއި ޗިލްޑްރެންސް އޮމްބަޑްސްޕާސަން ދީފައިވާ ލަފައަށް އަމަލު ނުކުރާތީ ކަމަށެވެ. އަދި މިކަން ތަކުރާރުވާ ނަމަ ކުއްޖެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދިނެވެ.
ކަމާ ބެހޭ އިދާރާތަކުގެ ވާހަކަތަކަށް ބަލާއިރު، އެ ކުދިންނަކީ ކުށުގެ ވެށިން އައިސްފައިވާ ކުދިންނަށް ވާތީ ހާއްސަ ރިހެބިލިޓޭޝަން ފަރުވާ ދޭން ޖެހެ އެވެ. އޭގެ އިތުރަށް އަލިފާން ރޯކުރުމުގެ "އާދައެއް" ފެށިފައި ވާތީ އެކަމަށް ހާއްސަ ފަރުވާއަކީ ވެސް އެ ކުދިން ކުށުގެ ވެށިން ނެރުމަށް ކޮންމެހެން މުހިއްމު ކަމަކަށް މިހާރު މި ވަނީ ވެފަ އެވެ.











