ދެ ބޯޓުގެ މައްސަލަ: ގެއްލުމުގެ ބަދަލު ހޯދުމަށާއި، އިދާރާތަކުގެ އިހުމާލު ތަހުގީގުކުރަން ސިޓީ ކައުންސިލުން ގޮވާލައިފި

Sep 14, 2026, 7:30 AM
ނަގިލި ކަހާލައިގެން ގޮސް ބޯޓު ބުރިޖަށް އުރިފައި. -- ފޮޓޯ: ސޯޝަލް މީޑިއާ

ނަގިލި ކަހާލައިގެން ގޮސް ބޯޓު ބުރިޖަށް އުރިފައި. -- ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖޭގެ ސަރަހައްދަށް ގާނޫނާ ހިލާފަށް އެތެރެވި ބޭރުގެ ދެ ބޯޓެއްގެ ނަގިލި ކަހާލައިގެން، މާލޭގެ އިރުމަތީ ފަރާތު ފަރަށާއި ސިނަމާލެ ބްރިޖަށް އުރުނު މައްސަލައިގައި، ދައުލަތުގެ އިދާރާތަކުގެ އިހުމާލު އޮތްތޯ ތަހުގީގުކޮށް، ހާދިސާގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.

އެމްޓީ ކޭޖީ 1 އަދި އޭއެލް 1 ނަމަކަށް ކިޔާ މި ދެ ބޯޓު އެފްރިކާއިން ފުރައިގެން ރާއްޖޭގެ ސަރަހައްދަށް ވަގަށް ވަދެފައިވަނީ އޭޕްރީލް 26، ގަ އެވެ. ނަމަވެސް އެ ދެ ބޯޓު ވަގަށް ވަދެފައިވާކަން ކަމާބެހޭ އިދާރާތަކަށް އެނގުނީ މާލެއާ ކައިރީގައި ބަނދަރުކޮށްގެން އޮންނަތާ ހަފުތާއެއް ފަހުންނެވެ.

މި ދެ ބޯޓު މައްސަލަ ހައްލުކުރަން ދިގުލައިގެން ދިޔައިރު، މި މަހުގެ 10 ވަނަ ދުވަހުގެ ރޭ  ދެ ބޯޓުގެ ނަގިލި ކަހާލައިގެން އޮޔާގޮސް، މާލޭ ފަރަށާއި ސިނަމާލެ ބްރިޖަށް އުރުނެވެ. 

މި ހާދިސާއާ ގުޅިގެން ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، މިކަމުގައި ކަމާބެހޭ އިދާރާތަކުގެ އިހުމާލު އޮތް ކަމަށް ތުހުމަތުކޮށް، އެކަންކަން މިނިވަންކަމާއެކު ބެލުމަށް އިލްތިމާސްކޮށްފަ އެވެ. މި އުޅަނދުތައް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި މާލޭ ބަނދަރުގައި އޮތްއިރު، އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާކަން ވެސް ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ. 

މި ހާދިސާ ހިނގައިދިޔަ ގޮތުގެ ސައްހަ މައުލޫމާތު ދައުލަތުގެ އިދާރާތަކުން މިހާތަނަށް ރައްޔިތުންނަށް ހާމަކޮށްފައި ނުވާތީއާއި، މިއީ މުއައްސަސާތަކުން ގާނޫނީ ޒިންމާ އަދާނުކުރުމުގެ ސަބަބުން ހިނގި ކަމެއް ކަމަށް ތުހުމަތު ކުރަމުންދާތީ ކައުންސިލުން ވަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީގެ އިހުތިސާސްގައިވާ ތިމާވެއްޓާއި، ފަރުތަކާއި، އުމްރާނީ ވަސީލަތްތައް ރައްކާތެރިކުރުމަކީ ކައުންސިލްގެ ޒިންމާއެއްކަން ފާހަގަކުރަމުން، ކައުންސިލުން ވަނީ މައިގަނޑު ތިން ކަމަކަށް ގޮވާލާފަ އެވެ.

އެއީ މި އުޅަނދުތައް ރާއްޖެއަށް އެތެރެވި ގޮތާއި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވައި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލައި، އިހުމާލުވި ފަރާތްތައް ކަށަވަރު ކުރުމަށް މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގައި އޭގެ ރިޕޯޓު އާންމުކުރުމެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ކައުންސިލުން އެދިފައިވަނީ، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ މެދުވެރިކޮށް ފަރަށް ލިބުނު ގެއްލުން ވަޒަންކޮށް، ބްރިޖަށް ލިބުނު ގެއްލުމުގެ މާލީ ބަދަލު ހޯދުމަށެވެ. އަދި ތިންވަނަ ކަމެއްގެ ގޮތުގައި، ދެ އުޅަނދު ޖެހުމުގެ ސަބަބުން ސިނަމާލެ ބްރިޖުގެ މައި ތަނބުތަކަށާއި ޕްލެޓްފޯމަށް ލިބުނު ގެއްލުންތައް އިންޖީނިއަރިންގ އޮޑިޓަކުން ކަށަވަރުކޮށް، ބްރިޖުގެ ރައްކާތެރިކަން އާންމުންނަށް ޔަގީންކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

މި ދެ ބޯޓު ރާއްޖޭގެ ސަރަހައްދުގެ 30 މޭލް ބޭރަށް އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ. ނަމަވެސް އޭގެ އެއްވެސް ފުޓޭޖެއް ހާމަކޮށްފައެއް ނެތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox