ގަލޮޅު ބުރުނީގޭގައި ހުންނަ ސަލަ ތައި ރެސްޓޯރަންޓު ގޯތި ތެރޭގައި ހުރި ބޮޑު ނިކަ ގަސް އެތަނުގެ ފާރު މައްޗަށް ވެއްޓި ޕާކުކޮށްފައި ހުރި ސައިކަލްތަތަކަކަށް ގެއްލުން ވެއްޖެ އެވެ.
މިއަދުގެ ހުކުރު ނަމާދު ވަގުތުގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާކަމަށް މައުލޫމާތު ލިބެ އެވެ. އެކަމަކު އޭރު މަގުމަތީގައި ޕާކުކޮށްފައި ހުރި ތިން ސައިކަލަކަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.

ސަލަ ތައި ރެސްޓޯރަންޓުގެ ފާރުގެ ދަށުވެފައި ހުރި ސައިކަލުތައް. -- ފޮޓޯ: ފޭސްބުކް/އަލީ މަސީހު
ފޮޓޯތަކުން ފެންނަ ގޮތުގައި އެ ގަސް ފާރު މައްޗަށް ވެއްޓުނީ އަރިއަޅާލައިގެންނެވެ. އަދި ފާރު ވެއްޓުނު ކައިރީގައި ގިނަ ސައިކަލްތަކެއް ޕާކުކޮށްފައި ހުރި ނަމަވެސް ސީދާ ފާރުގެ ދަށުވީ ތިން ސައިކަލެއް އެކަންޏެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވި ވަމުން އަންނަ ކަމަށެވެ. އަދި މިއީ މޫސުން ގޯސްވެ ވައި ގަދަވީ ވަގުތު ހިނގި ހާދިސާއެއް ނަމަވެސް، އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ.

މާލެ ސަރަހައްދު ހިމެނޭ ގޮތަށް މި ރެޔާ ހަމަޔަށް މެޓް އޮފީހުން ނެރުނު ވައިޓް އެލާޓުގައި، ގަޑިއިރަކު 22 މޭލާ 27 މޭލާ ދޭތެރޭ ވައި ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއިރަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެ އެވެ.












