މީގެ ހަ ދުވަސް ކުރިން ފެށިގެން ހަބަރެއް ނުވެގެން ހޯދަމުން އައި އަހްމަދު ނައުފަލް "ގެއްލުނީ ނޫން ކަމަށާއި ފޯނު ހަލާކުވެގެން ނުގުޅުނީ ކަމަށް" އޭނާއާ ހަވާލާދީ އާއިލާ އިން މިރޭ ބުނެފި އެވެ.
ނައުފަލްގެ ހަބަރެއް ނުވެގެން މިދިޔަ ހޯމަ ދުވަހުން ފެށިގެން އާއިލާ އިން އަންނަނީ މާލެ އާއި ހުޅުމާލޭގެ އެކި ތަންތަން ބަލަމުންނެވެ. އޭނާ ގެއްލުނު ކަން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން ވެސް އޮތީ ހޯދަން އިއުލާންކޮށްފަ އެވެ.
އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ ނައުފަލްގެ ކޯލެއް އާއިލާ އަށް މިއަދު ހަވީރު ލިބުނު ކަމަށެވެ. ކޮއްކޮއަކަށް ގުޅާފައި އޭނާ ނުގެއްލޭ ކަމަށާއި ޗާންދަނީ މަގު ގެސްޓް ހައުސްއެއްގައި ހުރި ކަމުގެ މައުލޫމާތު ދިން ކަމަށް އާއިލާ އިން ބުންޏެވެ.

ނައުފަލް ބަލައި އެ ގެސްޓް ހައުސްއަށް ދިޔަ އާއިލާ މެމްބަރު "އަދަދު" އަށް މިރޭ ބުނީ ނައުފަލް ކޮއްކޮއަށް ގުޅީ ރައްޓެއްސެއްގެ ފޯނުން ކަމަށެވެ. ވޭތުވެދިޔަ ހަ ދުވަހު އޭނާއަށް ހަބަރެއް ނުވެވުނީ ފޯން ހަލާކުވުމުގެ ސަބަބުން ކަމަށް އޭނާ ބުނާ ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"އޭނާގެ ހާލު ރަނގަޅު. އެއްވެސް އަނިޔާއެއް ކަމެއް ވެފައެއް ނުވޭ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ޗާންދަނީ މަގުގައި ހުރި ގެސްޓް ހައުސްގައި ނައުފަލް އުޅުނީ އޭނާގެ އެކުވެރި ހާޝިމްއާއެކުގައި ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ. އޭނާ މާލެ އައިސް ކުރިން ވެސް އުޅެނީ އެ ހާޝިމާ އެކުގަ އެވެ.
ނަމަވެސް އެއީ ކާކުކަމެއް އެ އާއިލާއަކަށް ނޭނގެ އެވެ.
މިހާ ދުވަސްވީއިރު އަދި ގެއްލިގެން ފުލުހުން އިއުލާން ކުރުމުން ވެސް ނައުފަލް ހަބަރެއް ނުވީ ކީއްވެގެންތޯ ސުވާލު ކުރުމުން އާއިލާ މެމްބަރު ބުނީ މިވަގުތަކީ އެ ހުރިހާ ސުވާލެއް ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް ނުވާތީ އެހެން އަދި ނާހާ ކަމަށެވެ.
އދ. ކުނބުރުދޫ, ޒުވާން މަސްވެރިޔާ، ނައުފަލް 26, ގެއްލިގެން ހޯދަން ފެށީ މިމަހު 26 ވަނަ ދުވަހު އޭނާގެ މަންމައަށް ގުޅިފަހުން ދެން ހަބަރެއް ނުވެގެންނެވެ.
އޭނާގެ ބައްޕަ ދުއްވާ "ޒިކުރާ 2" ދޯނިން ކަންނެއްޔަށް ދާން އުޅޭ ނައުފަލް މި މަހު 20 ގައި މާލެ އައީ ދޯންޏަށް ވެއްޓި ފަޔަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށެވެ. މާލެ އައިސް އޭގެ އަނެއް ދުވަހު އޭނާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކައިފަ އެވެ.












