ސަލްޓަން ޕާކާއި ރަސްފަންނާއި ތައިސޭ ކޮށި ހިމެނޭ ގޮތަށް މާލޭ ސިޓީ ކައުންސިލުގެ އިހުތިސާސުން ޖުމްލަ 14 ބިމެއް މިއަދު ސަރުކާރުން ވަކިކޮށްފި އެވެ.
އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.
އެ އިއުލާނުގައި ހަވާލާދީފައި ވަނީ ލާމަރުކަޒީ ގާނޫނުގެ 2-56 އަށެވެ. އެ މާއްދާގައި ބުނަނީ ކައުންސިލެއްގެ އިހްތިސާސުގައި އޮންނަ ބިމެއްގައި ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބޭނުންވެއްޖެ އެ ބިމެއް ކައުންސިލުގެ އިހުތިސާސުން ވަކި ކުރަން ވަޒީރުން މަޖިލީހަށް ނިންމިދާނެ ކަމަށެވެ.
ސިޓީ ކައުންސިލުގެ އިހުތިސާސުން މިއަދު ވަކިކުރި ބިންތަކުގައި ސަރުކާރުން ހިންގާނެ ތަރައްގީގެ މަޝްރޫއެއް އެ އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.
"[ބިންތައް ނެގީ] މާލޭގެ އަދި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތް ކުރުމަށާއި، އިންފްރާސްޓްރަކްޗާގެ ހިދުމަތް ދިނުމަށާއި، އެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ބެލެހެއްޓުމަށް ކޮންމެހެން ބޭނުންވާ ބިންތަކުގައި އެ ކަމާކާ ގުޅުންހުރި މަޝްރޫއުތައް ހިންގުމަށްޓަކައި،" އެ އިއުލާނުގައި ބުނެފައިވެ އެވެ.

ނަމަވެސް ކައުންސިލުން ވަކިކުރި ބައެއް ބިންތަކުގައި އެއްވެސް މަޝްރޫއުއެއް ނުހިންގަ އެވެ. އޭގެ ތެރޭގައި ރަސްފަންނާއި ތައިސޭ ކޮށި ހިމެނެ އެވެ.
މާލޭ ސިޓީ ކައުންސިލުން ވަކި ކުރި ބިންތައް
- ސަލްޓަން ޕާކު (އީ-ސްޕޯޓިން އެރީނާ އަދި މިއުޒިއަމް ޕާކެއް)
- ރަސްފަންނު (އިތުރު ކަމެއް ނުކުރޭ)
- މަސް މާރުކޭޓު އަޅަން ހިއްކި ސަރަހައްދު (ވެޓް މާކެޓެއް)
- ތައިސޭ ކޮށި (މަސައްކަތްތެރިންގެ ވަގުތީ އެކޮމޮޑޭޝަން ބްލޮކެއް)
- މަސް މާރުކޭޓު (އޮފީސް އަދި ކޮމާޝަލް އިމާރާތެއް)
- މަސްވެރިންގެ މައިޒާން (ޕަމްޕު ސްޓޭޝަނެއް / މިހާރު ވެސް އެބަހުރި)
- ލޯކަލް މާރުކޭޓު (މިކްސް ޔޫސްޑް ކޮމާޝަލް އިމާރާތެއް)
- ކާނިވާ (ރެކްރިއޭޝަން އަދި ކޮމާޝަލް އިމާރާތެއް)
- އާޓިފިޝަލް ބީޗު (އަޕްގްރޭޑްކޮށް އިތުރު ތަންތަން ހެދުން)
- ޕޭ ޓޮއިލެޓް ނަންބަރު 2 (ޕަބްލިކް ރެސްޓްރޫމް އަދި އިތުރު ފެސިލިޓީތައް)
- ވިލާ ހަކަތައިން ބޭނުން ކުރި ޕެޓްރޯލް ޝެޑް (އިލެކްޓްރިކް ވެހިކަލް ޗާގިން ސްޓޭޝަނެއް)
- ބޮންޑިބަތް ޕާކު (ޕާކިން ބިލްޑިންގެއް އަދި މިކްސް ޔޫސްޑް ކޮމާޝަލް އިމާރާތެއް)
- ގައުމީ ކުތުބުހާނާއަށް ދީފައި އޮތް ބިން (ކުޑަކުދިންގެ އެކްޓިވީ ސެންޓަރެއް އަދި ޑޭކެއާ ސެންޓަރެއް)
- މާލޭ ސިޓީ ކައުންސިލުގެ އެކޮމޮޑޭޝަން ބިން (ލޭބާ ރިލޭޝަންސްގެ އެކޮމޮޑޭޝަން)
ގާނޫނު ބަދަލުކޮށްފައި ވަނީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލެއްގެ އިހުތަސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު، ކައުންސިލުގެ މިލްކިއްޔާތުން އެ ތަނެއް ވަކިވާނެ ކަމަށެވެ. އަދި، އެ ތަނަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަނަށް ވެގެން ދާނެ އެވެ.
ހަމަ އެހެންމެ، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ.
މި ބަދަލުތަކާ ދެކޮޅު ހަދާ އާންމު ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން މި ބިލަށް ނަން ދީފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުންނެވެ. އެ ފަރާތްތަކުން ބުނަމުންދަނީ މި ބަދަލުތަކާއެކު ލާމަރުކަޒީ ނިޒާމުގެ ބާރު އެއްކޮށް ކެނޑިގެންދާނެ ކަމަށެވެ.













