ފުލުހުންގެ ހިދުމަތުގެ އިސްލާހަށް މިހާރު ކުރަމުން އަންނަނީ ފުލުހުންގެ އިސް ސަފުގައި ތިބީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރަން ގާބިލް އަދި ފުރިހަމަ ތަމްރީން ލިބިފައި ތިބި އޮފިސަރުންތޯ ޕޮލިސް ބޯޑުން ކަށަވަރުކުރުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން "އަދަދު" އަށް ވިދާޅުވީ ފުލުހުންގެ އާ ގާނޫނުގެ ތިން ވަނަ މާއްދާގެ (ނ) ގައި ލާޒިމްކުރާ ބަދަލުތައް ގެނައުން އެންމެ އިސްކަމެއްގެ ގޮތުގައި ކުރިއަށް އެބަދާ ކަމަށެވެ. މިހާތަނަށް ވެސް މިކަމާ ގުޅޭ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ގާނޫނުން ކަނޑައެޅިފައި އޮތް މުއްދަތުގެ ތެރޭގައި އެ ބޭފުޅުންނަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް," އިމްރާން ވިދާޅުވި އެވެ.
އާ ގާނޫނުގެ ދަށުން އާއްމު ހަތް މެމްބަރެއްގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑު އައްޔަންކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. ވަޒީރަށް ލަފާ ދޭ އެންމެ އިސް ފަރާތެއްގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައިވާ ބޯޑަށް މަތިކޮށްފައިވާ މުހިއްމު ޒިންމާއަކީ އައްޔަންކުރާ ތާރީހުން ފެށިގެން ހަތަރު މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ އިސް ސަފަށް ހަރުދަނާ ބަދަލުތައް ގެނައުމެވެ.
އޭގެތެރޭގައި ގާނޫނަށް އަމަލުކުރަން ފަށާއިރު ފުލުހުންގެ ހިދުމަތުގައި ތިބި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑަންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބަލަން ޖެހެ އެވެ.

އޭގެއިތުރުން ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓު ކުރެވިފައިވާ އޮފިސަރުންނަކީ އެ މަގާމުތަކަށް ގާބިލު އަދި މަގާމާ އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާއާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުންކަމާ މެދު ޕޮލިސް ބޯޑުން ގޮތެއް ކަނޑައަޅަންވާނެ ކަމަށް ގާނޫނުގައި ބުނެ އެވެ.
ގާނޫނުގައި ބުނާ މުއްދަތުގައި އެކަން ނިންމުމަކީ މުއައްސަސާގެ އިތުބާރު ބޮޑުވެގެންދާނެ ކަމެއްގެ ގޮތުގައި އިމްރާން ދެކެވަޑައިގަންނަވަ އެވެ.

މިނިސްޓަރު އިމްރާން "އަދަދު"އަށް ވާހަކަ ދައްކަވަނީ: ފުލުހުންނަށް އިތުބާރު ބޮޑުވެއްޖެ ކަމަށް ވިދާޅުވި. -- ފޮޓޯ: ހުސެއިން ޝަޔާހް / އަދަދު
މިނިސްޓަރު އިމްރާން ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ އިތުރަށް ފުލުހުންގެ ގާނޫނުން ލާޒިމްކޮށްފައިވާ ބައެއް ގަވާއިދުތައް ހެދުމުގައި މިނިސްޓްރީއަށް ބޯޑުން އަންނަނީ ލަފާ ވެސް ދެމުންނެވެ. އެ ލަފާތަކުގެ މައްޗަށް ގަވައިދުތައް ބައްޓަންކޮށް އިސްލާހުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ޖަވާބުދާރީ ކުރުވޭނެ
މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ވަންނަން ނުޖެހޭ ނުފޫޒެއް މި ސަރުކާރަކުން ނުވައްދާނެ ކަމަށެވެ. ސަރުކާރުގެ ބާރު ދެމަހެއްޓުމާއި އަމިއްލަ މަސްލަހަތުތައް ކުރިއަށް ނެރުމަށް ފުލުހުންނަށް ގާނޫނާއި ހިލާފު ކަންކަން ނުކުރުވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ފުލުހުންގެ މުއައްސަސާ ހިނގާނީ ފުލުހުންނަށް ފުރިހަމަ އިހްތިޔާރާއި މިނިވަންކަން އޮވެގެން ކަމަށް ވެސް ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި ފުލުހުންގެ އިސްލާހަށް ގެނެވޭ އެންމެ ބޮޑު ބަދަލަކީ ގާނޫނާ ހިލާފު ކަންކަމަށް އަރައިގަންނަ ފުލުހުން ޖަވާބުދާރީ ކުރުވައި ފިޔަވަޅު އެޅުމެވެ. އެ އޮނިގަނޑުތައް އަންނަނީ ފުރިހަމަކުރުމެވެ.
"އޭގެ ނަތީޖާއަކަށް ވާނީ ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރާއި އެހެނިހެން ބާރުތައް ރަނގަޅު ގޮތުގައި ބޭނުންކުރުން. އަދި އެކަން ނުކުރެވިއްޖެ ނަމަ ޖަވާބުދާރީކުރުވުން،" މިނިސްޓަރު ވިދާޅުވި އެވެ.
އެއާއެކު އެންމެ އިސް ވާޖިބަކީ ފުލުހުންނަށް ދޭންޖެހޭ ތައުލީމާއި ތަމްރީންތައް ފޯރުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
އިތުބާރު ބޮޑުވެއްޖެ
މިނިސްޓަރު ވިދާޅުވީ އާއްމު ރައްޔިތުން ފުލުހުންނާ މެދު ކުރާ އިތުބާރު ބޮޑުވަމުން އަންނަ ކަމަށް ފުލުހުންގެ ބޯޑުން މައުލޫމާތު ދީފައިވާ ކަމަށެވެ. ވޭތުވެދިޔަ އަހަރުތަކުގައި ފުލުހުންނާ މެދު ދެކެމުން އައި ބަދަލުވަމުން އަންނަ ކަމަށް ބޯޑުން ބުނަނީ އާއްމުންގެ ފަރާތުން ލިބޭ ކޮމެންޓްސްތަކަށް ބަލައިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ދެ އަހަރު ބައިގެ ތެރޭގައި ކުރެވުނު މަސައްކަތުން ވެސް އެ ބަދަލު އަންނަ ކަން އެބަ އިހްސާސް ކުރެވޭ," އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި ބޯޑުން ކުރަމުން އަންނަ މަސައްކަތްތަކާ އެކު މުޅި އޮނިގަނޑު ފުރިހަމަވެގެން ދިއުމުން އެކަމުގައި ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގެ ޔަގީންކަމެއް އެބައޮތެވެ.
މުއައްސަސާއެއް ހިނގަމުން އައި ގޮތަށް ބޮޑެތި ބަދަލުތަކަކާ އެކު އިސްލާހު ކުރުމަކީ އަހަރެއް, ދެ އަހަރެއްގެ ތެރޭގައި ކުރެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފުލުހުންގެ މުއައްސަސާގެ އިސްލާހަށް އަޅާ ފިޔަވަޅުތަކާއި ކުރާ މަސައްކަތްތައް ރަނގަޅު ކަމެއްގެ ގޮތުގައި ފުލުހުން ވެސް ބަލައިގަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އާ ގާނޫނާ އެކު ފުލުހުންގެ މުއައްސަސާއަށް ހަރުދަނާ ބަދަލުތަކެއް ގެނެވޭ ގޮތަށް އޮތްއިރު ފުލުހުންގެ ހިދުމަތް ލާމަރުކަޒު ކުރުމާއި ފުލުހުންގެ ކުރިއެރުމާއި ތަމްރީނަށް ވެސް އެ ބިލުން ފުރުސަތު ފަހިކޮށްދީފައިވެ އެވެ.













