ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވެސް ޕޮލިހަށް ހާޒިރު ކުރަން ނިންމައިފި އެވެ.
ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) އެމަނިކުފާނުގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި ޖިނާއީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.
އެ މައްސަލައިގެ ތުހުމަތަށް މިދިޔަ ހޮނިހިރު ދުވަހު ވެސް ޔާމީން ޕޮލިހަށް ހާޒިރު ކުރި އެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވީ މިއަދު 2:00 ޖަހާއިރު ޔާމީން ޕޮލިހަށް ހާޒިރު ވާން އަންގާފައިވާ ކަމަށެވެ. ބަލައި ނިންމަފައިވާ މަައްސަލައެއްގައި ޔާމީން ހާޒިރު ކުރާތީ ޖަމީލު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
"ބަޔާން ނަގައި ސޮއިކޮށްފައިވާ އެއްކަމެއްގައި އަނެއްކާވެސް މިހާޒިރުކުރަނީ. ފުލުހުންގެ އަމަލުތަކުން ރައީސް ޔާމީންގެ ގާނޫނީ ހައްގުތަކަށް ގެއްލުންވޭ އަދި ތަހުގީގުގެ އިންސާފުވެރިކަމަށް ހުރަސްއެޅޭ،" ޖަމީލް ވިދާޅުވި އެވެ.

ގޭ ބަންދުގައި ހުންނެވި ޔާމީންގެ މައްޗަށް އިތުރު މައްސަލައެއްގެ ތަހުގީގު ހިންގާއިރު، މަނީ ލޯންޑްރިންގެ ދައުވާއަކާއި ރިޝްވަތު ހިފުމުގެ ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ ކްރިމިނަލް ކޯޓުގައި އުފުލައިފަ އެވެ.
ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައީ ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް އަސްލު އޮޅުވާލައި މަންފާ ހޯދިކަން ސާބިތުވެގެންނެވެ. ޔާމީން ގެ ބަންދަށް ބަދަލު ކުރީ މާފުށީ ޖަލުގައި ކޮވިޑް ފެތުރޭތީ އެވެ.












