އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހަށް ދެންމެ ހާޒިރުކޮށްފި އެވެ.
ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ޔާމީން 2 ޖަހާއިރަށް ހާޒިރުކުރަނީ މި ސަރުކާރުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ނުހައްގު ތުހުމަތުތަކާއި ދައުވާތަކާ ގުޅިގެން ކަމަށެވެ. ސިޔާސީ ހުކުމެއްކޮށްގެން އެމަނިކުފާނު ގައިދުކޮށް، އަނިޔާ ދެމުންދާ ކަމަށާއި މިއަދު ވެސް ހާޒިރުކުރަނީ އެ ސަބަބާ ހެދި ކަމަށް ވިދާޅުވި އެވެ.
ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައީ ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް އަސްލު އޮޅުވާލައި މަންފާ ހޯދިކަން ސާބިތުވެގެންނެވެ. މި ހުކުމް މާފުށީ ޖަލުގައި ތަންފީޒުކުރެއްވި ޔާމީން މިހާރު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
ޔާމީން ފުލުސް އޮފީހަށް މިއަދު ހާޒިރުކުރި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ.
އިތުރު މައްސަލައެއްގެ ތަހުގީގު ޔާމީންގެ މައްޗަށް ހިންގާއިރު، މަނީ ލޯންޑްރިންގެ ދައުވާއަކާއި ރިޝްވަތު ހިފުމުގެ ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ ކްރިމިނަލް ކޯޓުގައި އުފުލައިފަ އެވެ.

އެކަމަކު މި ދައުވާތަކަށް އިންކާރުކުރައްވައި އެއީ ސިޔާސީ ދައުވާތަކެއް ކަމަށް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
އޭގެ އިތުރަށް ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) އެމަނިކުފާނުގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި ޖިނާއީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.
ޔާމީންގެ މައްޗަށް އުފުލަނީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ އިދިކޮޅުން ދަނީ އެމަނިކުފާނު މިނިވަންކުރަން ގޮވާލަމުންނެވެ.













