އދ އަތޮޅުގައި މިޔަރު މަސްވެރިކަން ކުރަމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ރާއްޖޭގައި މިޔަރަކީ ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. އެގޮތުން މިޔަރު ހިފުމާއި މިޔަރަށް ގޯނާ ކުރުމަކީ ވެސް މަނާ ކަމެކެވެ. ނަމަވެސް ގަވާއިދާއި ހިލާފަށް މިޔަރު ހިފާ އޭގެ އުރަހަ ވިޔަފާރީގެ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ ދޭތެރެ ދޭތެރެއިން އަންނަނީ ފެންމަތި ވަމުންނެވެ.
އެގޮތުން، އދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ދޯންޏަޔަކުން މިޔަރު މަސްވެރިކަން ފާޅުގައި ކުރަމުންދާ ކަމަށް ބުނެ، އޭގެ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި ވަނީ އާއްމުކޮށްފަ އެވެ. އަދި އެކަން ބަލައި ދިނުމަށް ކަމާގުޅޭ އިދާރާތަކުގެ ކިބައިން ވެސް އެދިފައި ވެ އެވެ.

މިޔަރު އުރަހަ ތަކެއް ހިއްކަން އަވީއްލާފައި: މިޔަރު މަސްވެރިކަން ކުރަމުންދާ އެ މީހުންނަކީ ބ އަތޮޅާއި ދ އަތޮޅުން މަސްވެރިކަން ކޮށް ނިންމުމަށްފަހު އައިސް މަޑުކޮށްގެންތިބި ބައެއް--- ފޮޓޯ/ ޕޮލިސް

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު"އަށް ވިދާޅުވީ އދ. އަތޮޅުގައި މިޔަރު މަސްވެރިކަން ކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ފުލުހުން އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ.
ނަމަވެސް އެ ސަރަހައްދުން މިޔަރު މަސްވެރިކަން ކުރަމުންދާ ދޯންޏެއް ފެނިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ ފަހުން ލިބުނު މައުލޫމާތަކާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ސަރަހައްދުގައި މިޔަރު މަސްވެރިކަން ކުރަމުންދަނީ އދ. ދަނގެތި އަށް ނިސްބަތްވާ ދޯންޏެކެވެ.
"އެ ދޯނި މީހުންނަކީ ބ. އަތޮޅުންނާއި ދ. އަތޮޅުން މިޔަރު ބާނައިގެން އައި ބައެއް. މިޔަރު ރާއްޖެއިން ބޭރަށް ގެންދިއުމާ ހަމައަށް ހިނގާ ހުރިހާ ކަމެއް، ލޮނު އެޅުމާއި އުރަހަ ހިއްކުމާ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަނީ އެ ރަށް ބޭރުގަ" ނަން ނުޖަހަން އެދި އޭނާ ކިޔައިދިނެވެ.
އެކަމާ ގުޅިގެން "އަދަދު" އިން ސުވާލު ކުރުމުން ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ މިޔަރު މަސްވެރިކަން ކުރަމުންދާ ކަމުގެ އެއްވެސް ޝަކުވާއެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
ސޯޝަލް މީޑިއާއިން އެފެދަ މައުލޫމާތެއް ލިބިފައިވީ ނަމަވެސް އެފަދަ މައްސަލައެއް ބަލަމުން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ފިޝަރީޒް މިނިސްޓްރީ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި ވެސް އދ. މަންދޫ ކައިރީގައި މިޔަރު މަސްވެރިކަން ކުރަމުންދިޔަ ހަތަރު މީހުން ދޯންޏާއެކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އޭރު ފުލުހުން ބުނެފައި ވަނީ އެ ދޯނި ބަލާ ފާސްކުރި އިރު ދޯނި ތެރެއިން މިޔަރާއި މިޔަރު އުރަހަ އަދި ލޮނު އަޅާފައި ހުރި މިޔަރު މަސް ފެނިފައިވާ ކަމަށެވެ.
އޭގެ އިތުރުން، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން ރާއްޖޭން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް ކަސްޓަމުން ވަނީ ހިފަހައްޓާފަ އެވެ.













