ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ 241 ކޮމިޓީއަށް މިދިޔަ ހަފުތާގައި ބަޔާން ދެއްވާފައި ވަނިކޮށް، މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މިއަދު އެ ކޮމިޓީއަށް ހާޒިރުކޮށްފި އެވެ.
އިލްޔާސް މިދިޔަ ހަފުތާގައި ވަނީ 241 ކޮމިޓީގެ މަސައްކަތްތަކުން ތަނާޒުލްވެވަޑައިގެންފަ އެވެ. އެއީ ކޮމިޓީއަށް ޑިފެންސް މިނިސްޓަރު ހާޒިރުކުރުމުގެ ކުރިންނެވެ.
އިލްޔާސް މިއަދު ކުރެއްވި ޓުވީޓެއްގައި، ހަމަލާއާ ގުޅޭ ގޮތުން ބަޔާނެއް ދެއްވި ކަމަށާއި ކޮމިޓީގެ މަސައްކަތްތަކުން އެއްފަރާތްވެވަޑައިގެން ހުންނެވި ކަމަށް ވިދާޅުވި އެވެ.
އޭނާ ކޮމިޓީއަށް ބަޔާނެއް ދެއްވީ އަމިއްލައަށް އިސްނަގައިގެން ކަން އެނގިފައިވެ އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނީލޯފަރު މަގުގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާ އިން ނަޝީދުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވިއިރު، އެ ހަމަލާއާ ގުޅޭ ގޮތުން، ކަންބޮޑުވުން އިތުރުވީ މިނިސްޓަރު މާރިޔާ އާއި އިލްޔާސްއާ ދެމެދު ދެކެވުނު ކަމަށް ފެންމަތިވި ވާހަކަތަކުންނެވެ.
ރާއްޖޭގެ އިސްވެރިންގެ ތެެރެއިން އެންމެ ހައި ރިސްކް ބޭފުޅާ އަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތެއް ސިފައިންނާއި ފުލުހުންނަށް ވެސް ލިބިފައި ނުވާ ކަމަށް ހާމަކުރި ފަހުން، އިލްޔާސްގެ ފަރާތުން އެފަދަ މައުލޫމާތެއް ލިބުނު ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި ކަމަށް މީޑިއާތަކުން ރިޕޯޓްކުރީ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާއްމު މީހެއްގެ ފަރާތުން އިލްޔާސް ލަބީބަށް މައުލޫމާތު ލިބުނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ތިން މިލިއަން ޑޮލަރު ހަރަދުކޮށްގެން ބަޔަކާ ހަވާލުކޮށްފައިވާ ކަމެވެ. އެ މައުލޫމާތު ނަޝީދުގެ އިތުރުން މިނިސްޓަރު މާރިޔާއާ ހިއްސާކުރެއްވި އިލްޔާސް ވެސް ވަނީ ވިދާޅުވެފަ އެވެ.
މަޖިލީހުގެ އިންކުއަރީއަށް އިލްޔާސް ބަޔާން ދެއްވިއިރު، އޭނާ ވަނީ ހަމަލާއާ ގުޅޭ ގޮތުން ފުލުހުން ހިންގާ ތަހުގީގަށް ވެސް ބަޔާނެއް ދެއްވައިފަ އެވެ.
މިނިސްޓަރު މާރިޔާ ވެސް ވަނީ ހަމަލާއެއްގެ މައުލޫމާތު އުޅޭކަން އިލްޔާސް އެންގެވި ކަމަށާއި ލަފާ ދެއްވީ ފުލުހުންނަށް ރިޕޯޓްކުރަން ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އިލްޔާސް ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭނާއަށް ލިބިވަޑައިގަތް މައުލޫމާތު ފުލުހުންނަށް ރިޕޯޓްކުރާކަށް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
އިލްޔާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު އާއްމު މީހެއްގެ ފަރާތުން ލިބުމާ އެކު އެކަން ނަޝީދާ ހިއްސާ ކުރެއްވި ކަމަށެވެ. އަދި، އެމަނިކުފާނުގެ އިރުޝާދާ އެކު ޑިފެންސް މިނިސްޓަރަށް އެ މައުލޫމާތުގެ ތަފްސީލް އެރުވި ކަމަށެވެ.
"ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަން ޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓަރު ކަމަށްވާތީ އަޅުގަނޑު އެ މައުލޫމާތު އެ މުއައްސަސާއާ ހިއްސާކުރުމުން އެ މައުލޫމާތަށް ފުލުހަށް ނުވަތަ ކޮމިޝަނާ އޮފް ޕޮލިސްއަށް ހިއްސާކުރުމަށް އަޅުގަނޑަށް އެ ފަރާތުން އެއްވެސް ހާލެއްގައި އަންގާފައެއް ނުވޭ،" އިލްޔާސް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގަށް އޭނާގެ ފަރާތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ އެވެ.
ހަމަލާއާ ގުޅޭ ގޮތުން 241 ކޮމިޓީގެ އިންކުއަރީ އަށް ގިނަ ބައަކު ހާޒިރުކޮށް ބަޔާން ވަނީ ނަގައިފަ އެވެ. އޭގެތެރޭގައި ސިފައިންގެ އިސްވެރިންނާއި ނަޝީދުގެ ބޮޑީގާޑުންނާއި ފުލުހުން ވެސް ހިމެނެ އެވެ. މި އިންކުއަރީގެ ރިޕޯޓް މި މަހުގެ ނިޔަލަށް އެކުލަވާލާނެ ކަމަށް ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.













