އައްޑޫ ސިޓީގައި ޕައިލަޓުން ތަމްރީނުކުރާ އޭޝިއަން އެކެޑެމީ އޮފް އެއިރޮނޯޓިކްސް (އޭއޭއޭ)އާ އެވިކް ކޮލެޖުން މިއަދު ހަވާލުވެއްޖެ އެވެ.
މައްސަލަ ބޮޑުވެފައިވާ އައްޑޫ ފްލައިސް ސްކޫލާ އެވިޑް ކޮލެޖުން ހަވާލުވުމަށްފަހު އެ ކޮލެޖުން ވަނީ އެ އެކެޑެމީ އެވިޑްގެ ފެކަލްޓީއަކަށް ބަދަލުކޮށްފަ އެވެ. އަދި މިއަދުން ފެށިގެން އޭއޭއޭ ހިންގާނީ އެވިޑް ސްކޫލް އޮފް އެއިރޮނޯޓިކްސް (އޭއެސްއޭ) ގެ ނަމުގަ އެވެ.
މިކަން އިއުލާންކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގު ރަޝާދު ވިދާޅުވީ، މިއީ ޕައިލެޓުކަން ކިޔަވާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގެ މަގުސަދުގައި އެވިޑުން ފެށި މަސައްކަތެއް ކަމަށެވެ. އަދި މިހާރު މިކަމަށް ބޭނުންވާ އެއްބަސްވުމުގައި ސޮއިކުރެވިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެވިޑް ކޮލެޖުން މައުލޫމާތު ދިން ގޮތުގައި އެއްބަސްވުމުގެ ދަށުން މިހާރު އޭއޭއޭގެ ދަށުގައި ހުރި ހުރިހާ މުދަލެއް އެވިޑް ކޮލެޖުގެ ނަމަށް ބަދަލުކޮށްފަ އެވެ. އަދި މިހާރު ކުރެވެމުންދާ މަސައްކަތްތަކާ އެކީ އިންތިގާލީ މަރުހަލާ (ޓްރާންސިޝަން ފޭސް)އަށް ހަ މަސް ދުވަސް ހޭދަވާނެ ކަމަށް އެވިޑުން ލަފާކުރެ އެވެ.
މި މުއްދަތަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ފްލައިން ސްކޫލް ހިންގަން އޭއޭއޭއަށް ދޫކޮށްފައި އޮތް ލައިސެންސް އެވިޑް ކޮލެޖުގެ ދަށަށް ބަދަލުކުރަން ހިނގާނެ މުއްދަތެވެ.

އެހެން ނަމަވެސް، މި މުއްދަތުގެ ތެރޭގައި ވެސް ދަރިވަރުންގެ ކިޔެވުން ފަށަން ބޭނުންވާ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް އެވިޑުން އަންނަނީ ކުރަމުންނެވެ. އެ ކޮލެޖުން އުއްމީދުކުރަނީ މި އަހަރު ސެޕްޓެމްބަރު މަހު ދަރިވަރުންގެ ކިޔެވުން ފެށޭނެ ކަމަށެވެ.
އެވިޑް ކޮލެޖުން މިހާރު ކުރަމުން އަންނަނީ ގްރައުންޑް ވެފައިވާ ފްލައިޓްތަކަށް ބޭނުންވާ ސްޕެއާތައް ހޯދައިގެން ވީހާ ވެސް އަވަހަށް އެ ފްލައިޓްތައް ފްލައިން ކޮންޑިޝަނަށް ގެނައުމުގެ މަސައްކަތެވެ. އަދި މިހާރު ބައެއް ސްޕެއާތައް ލިބިފައި ހުރި ނަމަވެސް، އިތުރު ސްޕެއާތައް ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މިތަކެތި ގަންނަން ބޭނުންވާ ޑޮލަރު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރާއި ބޭންކުތަކާ މަޝްވަރާތައް ދަނީ ކުރިޔަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިވަގުތު އޭއޭއޭގެ އެއްވެސް ފްލައިޓެއް އުދުހެވޭ ހާލަތުގައި ނެތެވެ. އެ ފްލައިން ސްކޫލްގެ ދަށުގައި އޮތް 14 ފްލައިޓް ވެސް އޮތީ ގްރައުންޑްވެފަ އެވެ.
ރެގިއުލޭޓަރީ ކަންކަމާއި އެހެނިހެން އިދާރީ ކަންކަން ހަމަޖައްސަން ވަގުތު ނެގި ނަމަވެސް، އެވިޑް ކޮލެޖުން ބުނީ އަމާޒަކީ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުން ކަމަށެވެ. އަދި މިހާތަަނަށް ދަރިވަރުންނާ ބެލެނިވެރިންނާ ކުރެވުނު މުއާމަލާތްތަކުން އެވިޑުން މިކަން ކުރަން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަަމަށް އެވިޑުން ބުނެ އެވެ.
އޭއޭއޭއިން ކިޔަވަމުން އަންނަ 178 ދަރިވަރުންގެ ކިޔެވުން ފުރިހަމަ ނުވެ ގިނަ ދުވަސްވާ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް މި މައްސަލަ ހައްލު ނުވެ ގިނަ ދަރިވަރުންގެ ކިޔެވުންތައް ހުއްޓިފައި އޮންނަތާ ދޮޅު އަހަރު ވެއްޖެ އެވެ.
އޭއޭއޭއިން ޕައިލެޓް ކޯސް ފުރިހަމަ ކުރަން 45،000 ޑޮލަރު ދައްކަން ޖެހެ އެވެ.













