ނޭޝަނަލް ރިޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގެ ދަށުން އެކަށައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރަން ކުރާ މަސައްކަތުގެ ތެރެއިން މި އަހަރު ނިމުމުގެ ކުރިން 2019 ވަނަ އަހަރުގެ އިގުތިސޯދީ ހާލަތަށް އަނބުރާދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ފިނޭންސްގެ އަންދާޒާތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ އިގުތިސޯދު 34 ޕަސެންޓް ދަށަށް ދިޔަ އެވެ. އެއާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް 15 ބިލިއަން ރުފިޔާ ގެއްލުންވި އެވެ.
ކުދި ވިޔަފާރިތަކަށް ހާއްސަ އާ ލޯން ސްކީމް މިއަދު ތައާރަފްކުރުމާ ގުޅިގެން ދެއްވި މެސެޖެއްގައި އަމީރު ވިދާޅުވީ އާމްދަނީ ދަށަށް ދިޔަ ނަމަވެސް ސަރުކާރުން ލޯނު ދޫކުރަމުން އަންނަނީ ކުރިން ހުރި އިގުތިސޯދަށް އަނބުރާ ދާން ކަމަށެވެ. އަދި މިދިޔަ އަހަރުން ފެށިގެން އެކަމަށް ބޮޑު ހޭދައެއް ސަރުކާރުން ކުރުމުގެ ބޭނުމަކީ އެ ހާލަތަށް ވާސިލުވެވޭނެ މަގުފަހި ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހުރިހާ ލޯންތައް އަދި ސްޓިމިއުލަސް ޕެކެޖްތަކުގެ ހަގީގީ ބޭނުމަކީ ވީހާވެސް އަވަހަކަށް މި އިގްތިސާދީ ކާރިސާއިން އަރައިގަތުން. 2019 ގައި އޮތް އިގްތިސާދަށް ދާން މަގުފަހިކުރުން،" އަމީރު ވިދާޅުވި އެވެ.
އަމީރު ވަނީ 2019 ގައި އޮތް އިގުތިސޯދީ ހާލަތަށް އަނބުރާ ދާން ކުރަންޖެހޭ ހަރަދުތައް ސަރުކާރުން ކުރިޔަށް އޮތް ތަނުގައި ވެސް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވައިފަ އެވެ.
މިހާތަނަށް ބީއެމްއެލް އަދި އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ދޫކުރި ލޯނުތަކުގެ އަގު 1.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ ގާތްގަނޑަކަށް ޖީޑީޕީގެ ހަ ޕަސެންޓާ އެއްހަމަ އަދަދެކެވެ.
މިއީ ކުރިން ނުދެކޭވަރުގެ އިންޓްރެސްޓް ރޭޓް ކުޑަ، ލުއި ލޯނެއް: އަމީރު
ސަރުކާރުން މިފަހަރުގެ ލޮކްޑައުންއާ ގުޅިގެން ދެ ލޯން ސްކީމެއް ވަނީ ތައާރަފުކޮށްފަ އެވެ. އޭގެ ތެރެއިން އެއް ލޯނަކީ ބީއެމްއެލްއިން ދޫކުރާ އިކޮނޮމިކް ސްޓިމިއުލަސް ލޯނެވެ. އަނެއް ލޯނަލީ އެސްޑީއެފްސީން ދޫކުރާ ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނެވެ.
މި ލޯނުތަކާ ގުޅިގެން އަމީރު ވިދާޅުވީ މިއީ މިހާތަނަށް ރާއްޖޭގައި ދޫކުރެވޭ އެންމެ އިންޓްރެސްޓް ރޭޓް ކުޑަ، ލުއި ލޯންތައް ކަމަށެވެ. އެގޮތުން ދިހަ މިލިއަން ރުފިޔާއާ ހަމައަށް ލިބޭ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެކަނި ބަލާލި ނަމަވެސް، އެ ލޯނަކީ މިހާރު އެއްވެސް މާލީ އިދާރައަކުން ލިބެން ހުރި ލޯންތަކަށް ވުރެ ދަރަނި ނެގުމުގެ އަގު (ކޮސްޓް އޮފް ބޮރޮއިން) ކުޑަ ލޯންތަކެއް ކަމަށް ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ މިހާރު ކުރެވޭ މަސައްކަތްތަކާއި އަދި ހުރި ސިޔާސަތުތަކުގެ ސަބަބުން އަހަރު ނިމުމުގެ ކުރިން ޑިސެމްބަރު، 2019 ގައި އިގުތިސޯދު އޮތް ހާލަތަށް އަނބުރާ ދެވޭނެ ކަމަށެވެ.
ފިނޭންސުން އެންމެ ފަހުން ހިއްސާކުރި އަދަދުތައް ބުނާ ގޮތުން މި ބަލިމަޑުކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާ ގެއްލުން ވާނެ އެވެ. ނަމަވެސް އަންނަ އަހަރުގެ ނިޔަލަށް ލިބުނު ގެއްލުންތަކުން އަރައިގަނެވޭނެ ކަމަށެވެ.
މިހާރު ހުރި ދުވެލީގައި މިއަހަރު ރާއްޖޭގެ އިގުތިސޯދު 18 ޕަސެންތް ކުރިއަރާނެ ކަމަށް ލަފާކުރެވެ އެވެ.










