މާލޭ ދެކުނު ފަރާތު ބަނދަރު، ފަޅުތެރޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި ލޯންޗުތަކެއް ބޭނުން ނުކުރެވޭ ވަރަަށް އަނދައި ހުލިވެ މިލިއަނުން ގެއްލުން ލިބިއްޖެ އެވެ.
މޭރީބްރައުން ކުރިމަތީގައި ހިނގި މި ހާދިސާގައި ބިދޭސީއަކު ފިހި އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ. އޭނާއަކީ ރޯވި ލޯންޗެއްގައި ހުރި މީހެކެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ވި ލޯންޗެއް. -- ފޮޓޯ/ އަދަދު

އެ ސަރަހައްދުގައި ހުރި "އަދަދު"ގެ ނޫސްވެރިޔާ ބުނީ ހަތަރު ލޯންޗެއް ވަރަށް ބޮޑަށް އަނދާފައިވާ އިރު ކައިރީގައި އޮތް ލޯންޗަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށެވެ. އެ ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި ދުވުމާއި ކަސްރަތުގައި ތިބި މީހުންނަށް ބާރުއަޑުފައްގަނޑެއް އިވުނު ކަމަށް ވެ އެވެ.
އޭނާ ބުނިގޮތުގައި އަލިފާނުގެ ހާދިސާގައި ގެއްލުންވެފައި ވަނީ ތިން މަސް ލޯންޗާއި ދެ ޕެސެންޖާ ލޯންޗަށެވެ. އެންމެ ބޮޑަށް އެނދި ކޮންމެ ލޯންޗެއްގެ އަގު ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ އަށް އަރާނެ ކަމަށް ބެލެވެ އެވެ.

އަލިފާނުގެ ހާދިސާގައި ލޯންޗުތައް ބޭނުން ނުކުރެވޭ ވަރަށް އަނދާފައި. --- ފޮޓޯ/ އަދަދު
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ އަލިފާނުގެ ހާދިސާގައި ހަ ލޯންޗަކަށް އެކިވަރުގެ ގެއްލުންތައް ލިބުނު ކަމަށެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އެ ހާދިސާގައި ރޯވީ ތިން ލޯންޗެއްގަ އެވެ. އެކަމަކު އެހެން ލޯންޗަކަށް ވެސް ގެއްލުންވީ އަލިފާނުގެ އަސަރުކޮށްގެން ކަމަށް ބުންޏެވެ.

ލޯންޗުތަކުގައި ރޯވެ ގެއްލުން ވެފައި. މި ހާދިސާ ހިނގި ގޮތް ފުލުހުން އަންނަނީ ތަހުގީގު ކުރަމުން.
މި ހާދިސާ ހިނގި ގޮތެއް އަދި ސާފެއް ނުވެ އެވެ. އެމްއެންޑީއެފާއި ފުލުހުން އެ ސަރަހައްދުގައިި އަންނަނީ ހަރަކާތްތެރިވަމުންނެވެ.











