ށ. މިލަންދޫގައި ފައިބަރު މަސައްކަތްކުރާ ތަނެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ ތިން ޑިންގީއަކަށް ރޭ ގެއްލުންވެއްޖެ އެވެ.
ފުލުހުން ބުނީ ފައިބަރު މަސައްކަތްކުރާ ތަނުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ރޭ 23:09 ހާއިރު ލިބިގެން އެތަނަށް އެޓެންޑުވެ، އާންމުންނާ ގުޅިގެން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ ދަންވަރު 01:00 ހާއިރު ކަމަށެވެ.
މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ފުލުހުން ބުނީ ހާދިސާގައި ތިން ޑިންގީގެ އިތުރުން ޑިންގީ އެޅުމަށް ބޭނުންކުރާ ތައްގަނޑުތަކާއި ފައިބަރު މަސައްކަތްކުރަން ބޭނުންކުރާ ތަކެއްޗަށް ގެއްލުންވި ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އާންމުން ވަނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ބައެއް ޑިންގީތައް ސަލާމަތްކޮށް، އެ ސަރަހައްދުން ނެރެފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް އެ މުއައްސަސާއިން ބުންޏެވެ.














