ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މިނިވަން މެންބަރެއްގެ ގޮތުގައި އިންތިހާބުވެވަޑައިގަތް، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމު ޕާޓީއަކާ ގުޅިވަޑައިގެންނެވީ ރައްޔިތުންނާ މަޝްވަރާ ކުރެއްވުމަށްފަހު ރައްޔިތުންގެ މަންފާއަށް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިހާބަށް ނުކުންނަވައި، އޭނާ ވަނީ މިނިވަން މެންބަރެއްގެ މުހިންމު ކަމުގެ ވާހަކަ ދައްކަވާފަ އެވެ. އަދި ފަސް އަހަރު ދައުރު ނިންމަވާލައްވަނީ މިނިވަން މެންބަރެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އަމިއްލަ ގޮތުން ވާދަކުރައްވައި އުޝާމް، ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީ އާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާ ވެސް ވާދަކުރައްވަ އެވެ. އަދި އެ ގޮނޑިއަކީ އެ އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދި އެމްޑީޕީއަށް ތިން ސިޓީގެ ގޮނޑިތަކުގެ ތެރެއިން ވެސް ގެއްލުނު ހަމައެކަނި ގޮނޑި އެވެ.
މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްކޮށް ހުންނަވައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް ވުދޫޖުކޮށްފައިވާއިރު، އެ ޕާޓީގައި އުޝާމް ވެސް އިސްކޮށް އުޅުއްވަ އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމަކީ އުޝާމުގެ ދެބެންގެދެދަރި ބޭބެ އެވެ.
އެ ޕާޓީން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ޕާޓީއަކާ ގުޅިވަޑައިގަންވަން ނިންމެވި ސަބަބާ މެދު "އަދަދު"ން ސުވާލު ކުރުމުން އޭނާ ވިދާޅުވި ގޮތުގައި، އެ ނިންމުން ނިންމާފައި ވަނީ ދާއިރާގެ ރައްޔިތުންނާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

އުޝާމް ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުގައި ކުރެވުނު ތަޖުރިބާއަކީ މަޖިލީހުގައި އަމިއްލަ މެމްބަރެއްގެ ގޮތުގައި މަސައްކަތްކޮށްގެން ދާއިރާއަށް އެއްވެސް ކަމެއް ނުކޮށްދެވުނު ކަމަށާއި އަމިއްލަ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ދަތި ކަމެއް ކަމަށެވެ.
"އެކަމާ ގުޅޭގޮތުން އަޅުގަނޑު ދާއިރާގެ ވަރަށް ގިނަ ރައްޔިތުންނާ މަޝްވަރާ ކުރިން. މެޖޯރިޓީ ގިނަ ބޭފުޅުންގެ ފަރާތުން އަޅުގަނޑަށް ލިބުނު އެޑްވައިސްއަކީ ދައިރާއަށް ކަމެއް ކޮށްދެވޭ ކަމަށްވާނަމަ ޕާޓީއާ ގުޅިވަޑައިގެން ކުރިއަށް ދާށޭ." އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ އިހްތިޔާރު ކުރަން ޖެހުނީ ދެ ގޮތުން ގޮތެއް ކަމަށެވެ. އެއީ، އަމިއްލަ މެންބަރެއްގެ ގޮތުގައި ކުރިއަށް މި އޮތް ތިން އަހަރު ދާއިރާއަށް މާ ބޮޑެތި ކަންތައްތަކެއް ނުކޮށްދެވި، ހޭދަ ކުރުން ނުވަތަ ކުރިއަށް އޮތް ތިން އަހަރު ޕާޓީއަކާ ގުޅިގެން ދާއިރާއަށް ރަނގަޅު ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރުން ކަމަށް އުޝާމް ވިދާޅުވި އެވެ.
ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އުޝާމް ވިދާޅުވި ގޮތުގައި މެންބަރު ކަމުގެ ހުވާ ކުރެއްވުމަށްފަހު މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ މަޝްވަރާ ކުރެއްވި އެވެ. އެގޮތުން އަމިއްލަ މެމްބަރުންނަކީ ތިބެންޖެހޭ ބައެއް ކަމަށް މަޖިލީހުގެ ރައީސް ވެސް ގަބޫލު ނުކުރައްވާ ކަމަށާއި މަޖިލީހުގެ ގަވާއިދު އެކުލަވާލާފައިވާ ގޮތުން މަޖިލީހުގެ ތެރެއިން މަސައްކަތް ކުރުމަށް އެކަށީގެންވާ ފުރުސަތެއް އަމިއްލަ މެންބަރުންނަށް ނެތް ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
"ޕާޓީއަކާ ގުޅިގެން ކުރިއަށް ދިއުމަށް ފައިނަލް ޑިޒިޝަން ނެގި ދުވަހަކީ ވަރަށް ފަހުން ހުށަހެޅި ނަފްރަތުގެ ބިލަށް ވާހަކަ ދައްކަން އޮތް ދުވަހެއްގަ އަޅުގަނޑުމެންނަށް (މިނިވަން ކެންޑިޑޭޓުންނަށް) ލިބުނީ އެ ބިލާ ގުޅޭގޮތުން ވާހަކަ ދައްކަން 30 ސިކުންތު." ކަމަށް އުޝާމް ވިދާޅުވި އެވެ.
އެމްއެންޕީއަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯދުމަށް އުފެއްދި ޕާޓީއެއް ކަމަށް އެ ޕާޓީގެ ފައުންޑާ އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
ނާޒިމާއެކު އެ ޕާޓީގައި އުފެއްދެވުމުގައި އިސްކޮށް އުޅުއްވަނީ އުޝާމުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ އިތުރުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދެވެ.













