ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އިންޓެލިޖެންސް މައުލޫމާތާގުޅޭ އޮޑިޓު ހަދަން ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ކޮމިޓީން، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އުފެއްދި ޓީމުން ޕީޖީއާ ބައްދަލުކޮށް އިންޓެލިޖެންސާއި ތަހުގީގުތަކާއި ދައުވާ ކުރުމުގެ ނިޒާމުގައި ހުރި މައްސަލަތާ ގުޅޭ ގޮތުން ވާހަކަ ދެއްކި ކަމަށެވެ.
އިންޓެލިޖެންސް އޮޑިޓު ހެދުމަށް ރައީސް އެކުލަވާލި ކޮމެޓީގައި ރައީސް އޮފީހާއި ބަންޑާރަ ނައިބުގެ އޮފީހުގެ ޓީމެއް ހިމެނެ އެވެ.
ނަޝީދަށް ދިން ހަމަލާގެ ކުރިން އެއްވެސް މައުލޫމާތެއް އިންޓެލިޖެންސްއަށް ލިބިފައި ނުވާ ކަމަށް ސިފައިންނާއި ފުލުހުން ވެސް ވަނީ ބުނެފަ އެވެ.

އިންޓެލް އޮޑިޓު ހަދަން ހާއްސަ ކޮމިޓީއެއް އެކުލަވާލީ، ނަޝީދަށް ހަމަލާދޭން އުޅުމުގެ މައުލޫމާތެއް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހިއްސާކުރެއްވި ކަމަށް މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެފައިވަނިކޮށެވެ.
އެކަން ފުލުހުންނަށް ރިޕޯޓްކުރަން އެންގެވި ކަަމަށް މާރިޔާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރުމުން އިލްޔާސް ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.
ދިރިއުޅުއްވާ ގެކޮޅު ކައިރިން، ކާރަށް އަރައިވަޑައިގަންނަވަނިކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. ނަޝީދުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ގިނަ ސާޖަރީތައް ކުރުމަށްފަހު އެމަނިކުފާނު މިހާރު ވަނީ އިތުރު ފަރުވާއަށް ޖަރުމަނުގަ އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ ތިން މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުންއޮތް މީހުން ކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެ އެވެ.












