ދީނީގޮތުން ހައްދުފަހަނާޅާފައިވާ ނުރައްކާތެރި މީހުން މުޖުތަމައުގެ ތެރޭގައި އުޅުނު ނަމަވެސް އެފަދަ މީހުން ހައްޔަރުކޮށްފައިވާ ބޭތިއްބޭނެ ގޮތެއް ގާނޫނުގެ ތެރެއިން ނުލިބޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ވާހަކަ ސާފުކޮށްދޭން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ އެވެ.
ތ.ތިމަރަފުށި، އަދި ތ.ވޭމަންޑޫގައި ފުލުހުންގެ މަރުކަޒެއް ގާއިމު ކުރެވޭނެ ތާރީހަކާ ގުޅޭގޮތުން ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރައްވާ ސުވާލަށް ޖަވާބު ދެއްވަން ހޯމް މިނިސްޓަރު މިދިޔަ ހޯމަ ދުވަހުގެ ޖަލްސާއަށް ހާޒިރުކޮށްފައިވާއިރު، އިތުރު ސުވާލު ކުރަން ލިބުނު ފުރުސަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް މެމްބަރުންގެ ސުވާލުތައް ވަނީ އެނބުރިފަ އެވެ.
މިގޮތުން، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ 2019 އަހަރުގެ ފަހު ކޮޅު، މަޖިލިސް ޗުއްޓީގައި އޮއްވައި މެމްބަރުން ނެރެގެން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ޓެރަރިޒަމް ގާނޫނު އިސްލާހުކޮށްދިނީ ހޯމް މިނިސްޓަރު އިސްވެ ވަރަށް ބޮޑަށް އެދިވަޑައިގެންނެވުމުން ކަމަށެވެ.
ހައްދުފަހަނާޅާފައިވާ ވިސްނުމުގެ ތެރެއިން ނުރައްކާތެރި ހަމަލާތައް ދިނުމުގެ ތަމްރީނާއި ގާބިލުކަން ހުރި 1،400 އެއްހާ މީހުން މުޖުތަމައު ތެރޭގައި އުޅެމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވެފައިވާއިރު، ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެ މީހުން އަދިވެސް ހައްޔަރުކޮށްފައި ނުވަނީ ކީއްވެގެންތޯ އިލްޔާސް ސުވާލުކުރެއްވި އެވެ.

އެ ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުން ވެސް އެފަދަ މީހުން ހައްޔަރުކޮށްފައި ބޭތިއްބުމަށް ހައްލެއް ހޯދައި ދެވިފައިވާ ނުވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
އެގޮތުން، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުކުރި ހަތަރު މީހުންގެ އިތުރުން ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުން އަންނައިރު، ހައްދުހަނައެޅުމުގެ ބޮޑުން ކަމަށް ބެލެވިގެން ހައްޔަރުކުރި މީހުން ވެސް ވަރަށް އަވަހަށް ބަންދުން ދޫކޮށްލަންޖެހޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.
އައްޑޫގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ވެސް ދެން ކޯޓުން އިތުރުކޮށްނުދީފާނެ ކަން މިސާލެއްގެ ގޮތުގައި އިމްރާން ފާހަގަކުރެއްވި އެވެ.
"އެފަދަ މީހުން ހައްޔަރުކޮށް ރީހެބިލިޓޭޓު ކުރެވެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބޭނެ ނިޒާމެއް ގާނޫނުގެ ތެރެއިން ލިބިދޭންޖެހޭ. މުޖުތަމައުގެ ތެރޭގައި އައިއީޑީ ހެދުމުގެ ގާބިލުކަން ހުރި މީހުން އެބަ ތިބި،" އިމްރާން ވިދާޅުވި އެވެ.
ނަމަވެސް، އައިއީޑީ ހެދުމުގެ ގާބިލުކަން ހުރިކަން ފުލުހުންގެ ރިޕޯޓުތަކުން އެނގުނު ނަމަވެސް، އެފަދަ ހަމަލާއެއް ރާވައި ނުވަތަ ހިންގަން ނޫޅޭހާ ހިނދަކު އެ މީހުން ބަންދުގައި ބޭތިއްބޭނެ މަގެއް ގާނޫނުގެ ތެރެއިން ނުލިބޭ ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން އެ ދުވަހު ވިދާޅުވި ވާހަކަ ސާފުކޮށްދޭން ބަންޑާރަ ނައިބު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ހުށަހަޅުއްވާފައިވަނީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ.
އެކަމާ ގުޅޭގޮތުން ވައްޑޭ މިއަދު "އަދަދު"އަށް ވިދާޅުވީ ހޯމް މިނިސްޓަރު ވިދާޅުވި ވާހަކައަކީ ބަންޑާރަ ނައިބުގެ އަރިހުން ސާފުކުރަންޖެހޭ މައުލޫމާތެއް ކަމަށެވެ.
އެއީ މަޖިލިސް ޗުއްޓީގައި އޮއްވައި، ނުކުމެ ގާނޫނުން އެ ބާރު ދިނީ ހޯމް މިނިސްޓްރީ އާއި ފުލުހުން އެދުނު ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ވެސް ކަންބޮޑުވާންޖެހޭ ވަރަށް އެ ބާރުތައް ދިނިން. އެކަމަކު މިހާރު އެ ބާރެއް ނެތޭ ވިދާޅުވީމާ އަޅުގަނޑުމެން އެބަޖެހޭ އެކަން ސާފުކުރަން،" ވައްޑޭ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ގާނޫނުން އެ ބާރުތައް ގާނޫނުގެ ތެރެއިން ނުލިބޭ ކަމަށް ބުނާއިރު، ނުލިބެނީ ކޮން ބާރެއްތޯ އާއި އެކަން އިސްލާހު ކުރަން ހުށަނާޅާ އޮތީ ކިއްވެތޯ ބަންޑާ ނައިބުގެ އަރިހުން ސާފުކުރަންޖެހޭ ކަމަށެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް 2019 ވަނަ އަހަރު ގެނެވުނު އިސްލާހުތަކުގައި ޓެރެރިޒަމްގެ ކުށްތައް ވަރަށް ފުޅާކޮށް، ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައިވެ އެވެ.













