ނޫ ރާއްޖެ ޕްރޮގްރާމުގެ ތެރެއިން ދެމެހެއްޓެނިވި ކަނޑުތަކުގެ ދިރުމަށް ދިވެހިން އަހުލުވެރިކުރުމުގެ ބޭނުމުގައި އެކި ދާއިރާތަކުގެ ފަންނީ މީހުންނަށް އަމާޒުކޮށްގެން އޯޝަން މެނޭޖްމަންޓް ކޯސްތަކެއް ހިންގަން އިއުލާންކޮށްފި އެވެ.
ނޫ ރާއްޖެ ޕްރޮގްރާމަކީ ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަނަކީ ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޖަމިއްޔާތަކެއް ގުޅިގެން އުފައްދާފައިވާ ވިއުގައެކެވެ. މި ކޯލިޝަނުގައި ހިމެނޭ ޖަމިއްޔާތަކުގެ ތެރޭގައި ވެއިޓް އިންސްޓިޓިއުޓް، ސްކްރިޕްސް އިންސްޓިޓިއުޓް އޮފް އޯޝަނޮގްރަފީ އަދި ނެޝަނަލް ޖޯގްރަފިކްގެ ޕްރިސްޓީން ސީސްގެ އިތުރުން އޯޝަންސް5 ފަދަ ޖަމިއްޔާތައް ހިމެނެ އެވެ.
ބްލޫ ޕްރޮސްޕަރިޓީ ޓްރެއިނިން ޕްރޮގްރާމް
ބްލޫ ޕްރޮސްޕަރިޓީ ޓްރެއިނިން ޕްރޮގްރާމުގެ ތެރެއިން ކަނޑުތަކުގެ ސައިންޓިފިކް ދިރާސާ އާއި ކަނޑުތަކުގެ ދިރުންތައް ބެލެހެއްޓުމާ ގުޅޭ ފަސް ކޯހެއް ހިންގާނެ އެވެ. މި ކޯސްތައް ހިންގާނީ ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ސެން ޑިއޭގޯ އެކްސްޓެންޝަނުންނެވެ.
މި ޓްރެއިނިން ޕްރޮގްރާމްތަކަކީ ދިވެހި ސަރުކާރާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް އަދި ވެއިޓް އިންސްޓިޓިއުޓާއި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންގެ ޕާޓްނަރުން ގުޅިގަން ފަރުމާކުރި ކޯސްތަކެކެވެ.

- ކޯސްތަކުގައި ބައިވެރިވާންވީ ކީއްވެ؟
ނޫ ރާއްޖެ ޕްރޮގްރާމުން މައުލޫމާތުދޭ ގޮތުގައި މި ކޯސްތަކުގައި ބައިވެރިވާ މީހުންނަށް މެރިން ސައިންސާއި ސިނާއަތްތަކާ ގުޅޭ މައުލޫމާތު އިތުރުކުރެވޭނެ އެވެ. އަދި އޯޝަން މެނޭޖްމަންޓުގެ ދާއިރާއިން ކެރިއާއެއް ފަށަން ބޭނުންވާ ބިންގާ އެޅޭނެ އެވެ.
ވަޒީފާގައި އުޅޭ މީހުންނަށް އުނދަގޫ ނުވާނެހެން ޝެޑިއުލް އޮންނަ މި ކޯސްތަކަކީ ކަނޑުތަކުގެ ސިއްހަތު ރައްކާތެރިކުރުމަށް އަހުލުވެރިވާން ރަނުގެ ފުރުސަތެކެވެ.
މިއީ ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ޓްރެއިނިން ޕްރޮގްރާމްތަކެކެވެ. މިހާރު ވަނީ ބައިވެރިވާން ބޭނުންވާ މީހުންނަށް އާންމުކޮށް ހުޅުވާލާފަ އެވެ. ސެޓިފިކެޓު ލިބޭ މި ކޯސްތަކުގައި ބައިވެރިވާން އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ އެވެ.
ބްލޫ ޕްރޮސްޕަރިޓީ ޓްރެއިނިން ޕްރޮގްރާމުތަކުގައި ކިޔަވައިދޭނީ ދާއިރާގެ ތަޖުރިބާކާރުންނެވެ. ތިން ހަފުތާގެ މުއްދަތަށް ދެމިގެންދާ މި ކޯސްތަކުގައި ރެކޯޑަޑް ލެކްޗަރުތަކާއި ލައިވް ލެކްޗަރުތައް އޮންނާނެ އެވެ.
ބްލޫ ޕްރޮސްޕަރިޓީ ޓްރެއިނިން ޕްރޮގްރާމްގެ ތެރެއިން ހިންގާ ކޯސްތައް
- ކޮރަލް ސާވޭ ސައިންސް 1 (ޖޫން 14 - ޖުލައި 2)
މި ކޯހުގެ ތެރެއިން މެރިން ފީލްޑް ސާވޭތައް ކާމިޔާބުކަމާ އެކު ފަރުމާކޮށް ހިންގަން ބޭނުންވާ އިލްމާއި ފަންނީ ހުނަރު އުނގަންނައިދޭނެ އެވެ.
މިއީ ކަނޑުއަޑީގެ ދިރާސާ ކުރުމުގައި ކޮންމެވެސް ވަރަކަށް ތަޖުރިބާ ހުރި މީހުންނަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ.
- މެރިން ސްޕޭޝަލް ޕްލޭނިން (ޖުލައި 12 - ޖުލައި 30)
މި ކޯހުގެ ތެރެއިން މެރިން ސްޕޭޝަލް ޕްލޭނިން ކޮންސެޕްޓުތަކާއި، ޓޫލްތަކާއި ޕްރޮސެސްތަކުގެ މައުލޫމާތު ލިބޭނެ އެވެ. އަދި އިންޓަނެޓުގެ ބޭނުންކުރާ ވަސީލަތްތަކުގެ ޒަރިއްޔާއިން މައުލޫމާތު އެއްކޮށް، އިވެލުއޭޓްކޮށް، ޒޯނިން ސިނާރިއޯ ޑިވެލޮޕްމަންޓުތަކާއި ޕާޓިސިޕޭޓަރީ ޕްލޭނިން ފަށަން ކޯހުގެ ބައިވެރިންނަށް ފުރުސަތު ލިބޭނެ އެވެ.
މިއީ ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފަންތީގެ ބޭފުޅުންނާއި ފަންނީ މުވައްޒަފުންގެ އިތުރުން އެންޖީއޯތަކަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ.
- ބްލޫ އިކޮނޮމީ/ނޫ އިގުތިސޯދު (އޮގަސްޓް 9 - އޮގަސްޓް 31)
މި ކޯހުގެ ތެރެއިން ނޫ އިގުތިސޯދުގެ މުހިއްމު ކޮންސެޕްޓުތަކާއި، އުކުޅުތަކާއި، ވަސީލަތްތައް ދަސްކޮށްދޭނެ އެވެ. އަދި ފިޔަވަޅު އެޅުމުގައި ހާސިލު ކުރާން ކަންކަން އިންތިޒާމުކުރާނެ ގޮތާއި ނޫ އިގުތިސޯދީ ސިޔާސަތުތައް ހިންގުމުގެ އޮނިގަނޑުގެ ތެރެއަށް ވައްދަން ކުރެވޭނެ ކަންކަން ދަރިވަރުންނަށް ކިޔައިދޭނެ އެވެ.
- ކޮރަލް ސާވޭ ސައިންސް 2 (ސެޕްޓެމްބަރު 6 - ސެޕްޓެމްބަރު 24)
މި ކޯހުގެ ތެރެއިން މެރިން ފީލްޑް ސާވޭތަކުން ލިބޭ ޑޭޓާ އެނަލިސިސް އަދި ޑޭޓާ ވިޝުއަލައިޒޭޝަންގެ އެޑްވާންސް ޓްރެއިނިން ލިބޭނެ އެވެ.
މިއީ ކަނޑުއަޑީގެ ދިރާސާ ކުރުމުގައި ކޮންމެވެސް ވަރަކަށް ތަޖުރިބާ ހުރި މީހުންނަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ.
- ދެމެހެއްޓެނިވި މަސްވެރިކަމާއި ހިމާޔަތްކޮށްފައިވާ ކަނޑުފަޅުގެ ސަރަހައްދުތައް (އޮކްޓޫބަރު 4 - އޮކްޓޫބަރު 22)
މި ކޯހުގެ ތެރެއިން ރަށްރަށާ ކައިރިން މަސްވެރިކަން ކުރަން ބޭނުންވާ ޑޭޓާގެ މުހިއްމުކަން ދެނެގެނެ، ތަފާތު އުކުޅުތަކާއި ވަސީލަތްތައް ބޭނުންކޮށްގެން އެ ޒާތުގެ މަސްވެރިކަން މެނޭޖުކުރާނެ ގޮތްތައް ކިޔައިދެވޭނެ އެވެ. އަދި ކަނޑުތައް ހިމާޔަތްކުރުމުގެ މުހިއްމުކަން ކިޔައިދެވޭނެ އެވެ.
ދިވެހި ސަރުކާރުން އަމާޒު ހިފާފައިވަނީ ނޫ ރާއްޖެ ޕްރޮގްރާމުގެ ތެރެއިން ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ކަނޑުފަޅުތަކުން 20 ޕަސެންޓު ހިމާޔަތްކުރުމަށެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގެ އެންމެ މުހިއްމު ދެ ސިނާއަތް ކަމުގައިވާ ޓޫރިޒަމާއި މަސްވެރިކަމުގެ އިގުތިސޯދީ މުސްތަގުބަލު ރައްކާތެރިކުރަން މަގުފަހިވާނެ ކަމަށެވެ.












