އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނޭ ހަތަރު ކުންފުންޏެއް އުވާލުމުގެ މަރުހަލާގައި!

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނޭ ހަތަރު ކުންފުންޏެއް އުވާލުމުގެ މަރުހަލާގައި!

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ލިސްޓުގައި ހިމެނޭ ވިޔަފާރިތަކުގެ ތެރެއިން ތިން ކުންފުންޏެއް އުވާލުމުގެ މަރުހަލާ ފަށާފައިވާކަން "އަދަދު" އަށް އެނގިއްޖެ އެވެ.

ހިޔާނާތުގެ ފައިސާ ލިބުނު ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އިތުރަށް ސުވާލުކުރަން ބޭނުންވާ ލިސްޓުގައި 50 ވިޔަފާރިއެއް ހިމެނެ އެވެ. އޭގެ ތެރޭގައި މި ހިޔާނާތް ހިންގަން ބޭނުންކުރި އެސްއޯއެފް އާއި އެ ކުންފުނީގެ ދަށުން ހިންގާ ކުންފުންޏެއް ހިމެނޭ ގޮތަށް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 43 ކުންފުންޏެއް ހިމެނެ އެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ހުރި ކުންފުނިތަކާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން ލިބެން ހުރި މައުލޫމާތުތަކުން ދެނެގަނެވުނީ، ހިޔާނާތުގެ ފައިސާ ލިބުނު ލިސްޓުގައި ހިމެނޭ ތިން ކުންފުންޏަކާއި އެ ފަރާތްތަކާ ގުޅުންހުރި އެއް ކުންފުނި މިހާރު އޮތީ "ވައިންޑިން އަޕް" މަރުހަލާގައި ކަމެވެ.

މިއީ ލިކުއިޑޭޝަން މަރުހަލާ ނުވަތަ ކުންފުނި އުވާލުމުގެ މަރުހަލާ އެވެ.

މި މަރުހަލާގައި ކުންފުނިން ވިޔަފާރިކުރުން ހުއްޓާލާން ޖެހޭނެ އެވެ. އަދި ކުންފުނި އުވާލުމުގެ ކަންކަން ކުރަން ލިކުއިޑޭޓަރަކު އައްޔަންކުރުމާއި ދަރަނިތައް އަދާކުރުމާއި ހިއްސާދާރުންގެ މެދުގައި ކުންފުނީގައި ހުރި ހަރުމުދާ ބެހުމުގެ ކަންކަން ކުރަން ޖެހޭނެ އެވެ.

އުވާލުމުގެ މަރުހަލާގައި އޮތް ކުންފުނިތަކުގެ ތެރޭގައި މި ހިޔާނާތުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައިވާ ހާމިދު އިސްމާއިލް (ހާމިދު ސޭޓު)ގެ ކުންފުންޏަކާއި ހިޔާނާތުގެ ކަޅު ފައިސާ ދޮންނަން ބޭނުން ކުރި އެސްއޯއެފް ކުންފުނީގެ މައި ހިއްސާދާރު މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ ހިއްސާ އޮންނަ ކުންފުންޏެއް ހިމެނެ އެވެ.

ބިޒްނަސް ޕޯޓަލްއިން ވައިންޑިން އަޕް މަރުހަލާގައި އޮތް ކަމަށް ދައްކާ ކުންފުނިތަކަކީ:

  • މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ސްޓޮކް ބްރޯކާސް
  • ދިވެހި މީޑިއާ ގްރޫޕް
  • އެޓޯލް ހައިޑްއަވޭ ހޮލިޑޭސް މޯލްޑިވްސް
  • އެކޯ ޒޯން މޯލްޑިވްސް

މި ކުންފުނިތައް އުވާލުމުގެ މަރުހަލާ ފަށާފައިވާ އިރު، އެޓޯލް ހައިޑްއަވޭ ހޮލިޑޭސް މޯލްޑިވްސް ފިޔަވާ އެހެން އެއްވެސް ކުންފުންޏެއްގެ ތަހުގީގު ނިމިފައެއް ނުވެ އެވެ. އެޓޯލް ހައިޑްއަވޭ މައްސަލައިގެ ތަހުގީގު ނިމުނު ކަމަށް ލިސްޓުން ދެއްކި ނަމަވެސް، މިހާތަނަށް މި ކުންފުންޏާ ދެކޮޅަށް ދައުލަތުގެ ފަރާތުން އެއްވެސް މައްސަލައެއް ހުށަހަޅާފައިވާކަން އެނގޭކަށް ނެތެވެ.

މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ސްޓޮކް ބްރޯކާސް

މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓު ސްޓޮކް ބްރޯކާސްގެ މެނޭޖިން ޑިރެކްޓަރަކީ ހާމިދު އިސްމާއިލެވެ. ހާމިދުގެ އިތުރުން އެ ކުންފުނީގެ ހިއްސާދާރަކަށް ހުންނަނީ އަމްޖަދު އިސްމާއިލެވެ. އަމްޖަދާ ހާމިދަކީ އެއް ބަނޑު އެއްބަފާ ދެ މީހުންނެވެ. އަދި މި ދެ މީހުންނަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އިސްކޮށް ހަރަކާތްތެރިވި އެކަކު ކަމުގައިވާ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ގާތްތިމާގެ މީހުންނެވެ.

ހިޔާނާތުގެ ލިސްޓުގައި އޮތީ މި ދެ މީހުންގެ ނަން މަތީގައި ރަޖިސްޓްރީ ކޮށްފައިވާ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓު ކުންފުންޏެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވުމުގެ ކުށުގައި ޖަލަށް ލެވުނު ހަމައެކަނި އާންމުންގެ މީހަކީ ހާމިދެވެ. އޭނާގެ މައްޗަށް ސާބިތުވީ ޅ. މާބިންހުރާގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވުމުގެ މައްސަލަ އެވެ.

އެ ކުށުގައި ހާމިދުގެ މައްޗަށް އިއްވުނު ދެ އަހަރާ ނުވަ މަހާ 18 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރުމަށް ފަހު އޭނާ މިނިވަންވީ އޮގަސްޓު 25، 2018ގަ އެވެ.

ރައްޔިތުންގެ މަޖިލިހާއި އެސެޓް ރިކަވަރީ ކޮމިޝަނުން ހިއްސާކުރި ލިސްޓުގައި މިލޭނިއަމް މައްސަލައިގެ ތަހުގީގު އޮތީ "އިންފޮމޭޝަން ކަލެކްޝަން" މަރުހަލާގަ އެވެ. މި މަރުހަލާގައި އޮންނަނީ ކަމާބެހޭ އިދާރާތަކުންނާއި ބޭންކުތަކާއި އެހެނިހެން ތަންތަނުން މައްސަލައާ ގުޅޭ މައުލޫމާތު އެއްކުރުމެވެ. މާނައަކީ މައްސަލަ އޮތީ ތަހުގީގުގެ އެންމެ ފުރަތަމަ މަރުހަލާގަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައިވާ ގޮތުގައި، އެ ދުވަސްވަރު ދައުލަތުން ވަގަށް ނެގި ފައިސާގެ ތެރެއިން މިލޭނިއަމްގެ އެކައުންޓްތަކަށް ޖަމާވީ ޑޮލަރާއި ފައިސާގެ އަދަދު 232 މިލިއަން ރުފިޔާއަށް ވުރެން އިތުރެވެ. އެސްއޯއެފް ނަގާފައި ހިޔާނާތުގެ ފައިސާގެ އެންމެ ބޮޑު ބައެއް ލިބުނު އެއް ކުންފުންޏަކީ މިލޭނިއަމް އެވެ.

މިލޭނިއަމްއަށް ޖަމާވި ފައިސާގެ ތެރޭގައި ރިސޯޓްތަކަށް ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ އަދި ލިބުނު އެކުއިޒިޝަން ކޮސްޓުގެ ތެރެއިން 12.6 މިލިއަން އެމެރިކާ ޑޮލަރާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް މިލޭނިއަމްގެ އެކައުންޓްތަކަށް ޖަމާކުރި 38.3 މިލިއަން ދިވެހި ރުފިޔާ ހިމެނެ އެވެ.

މި ދިވެހި ފައިސާއަކީ އެމްޕީއެލްއަށް ޑޮލަރު ގަންނަން އެ ކުންފުނިން އެމްއެމްޕީއާރްސީއަށް ފޮނުވި ފައިސާގެ ތެރެއިން ބަޔެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެ އެވެ.

ދިވެހި މީޑިއާ ގްރޫޕް

ހިޔާނާތާ ގުޅުންހުރި މީހުންގެ ހިއްސާ އޮތް އަނެއް ކުންފުންޏަކީ ދިވެހި މީޑިއާ ގްރޫޕެވެ. މި ކުންފުނީގެ ތިން ހިއްސާދާރުންގެ ތެރޭގައި މޮހޯ އަދި ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މަޖިލިސް މެމްބަރުންގެ ތެރޭގައި ހިމެނޭ ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން ރަޝީދު ހިމެނެ އެވެ.

ޔާމީން ރަޝީދަކީ އެ ކުންފުނި އުފެދުނީއްސުރެ މިއަދާ ހަމައަށް ކުންފުނީގެ ބޯޑު މެމްބަރެއް އަދި ހިއްސާދާރެކެވެ. މޮހޯ އެ ކުންފުނީގެ ހިއްސާދާރަކަށްވީ ކުންފުނި އުފެދުނުތާ މަސް ދުވަސް ފަހުންނެވެ. އެކަމަކު އޭނަ ކުންފުނީގެ ބޯޑަކު ނުހުރެ އެވެ.

ލިސްޓުގައި އޮތް ގޮތުން މި ކުންފުނީގެ މައްސަލަ އޮތީ "އިންވެސްޓިގޭޝަން އޮންގޮއިން" މަރުހަލާގަ އެވެ. މި މަރުހަލާގައި އޮންނަނީ މައުލޫމާތު އެއްކޮށް، އެ ތަރުތީބުކުރުމަށް ފަހު، އޭ މައުލޫމާތުގެ ތެރެއިން މައްސަލައެއް ސާބިތުކުރަން ކޯޓަށް ހުށައެޅޭ ވަރުގެ ބުރަދަން ހުރި ހެކިތައް ދެނެގަތުމެވެ.

އޭސީސީގެ ރިޕޯޓުގައި ހުރި މައުލޫމާތުން އެނގެނީ މި ކުންފުނީގެ އެކައުންޓަކަށް 130،000 ޑޮލަރު އެސްއޯއެފްގެ އެކައުންޓަކުން ޓްރާންސްފާ ކޮށްފައިވާ ކަމެވެ. މި ފައިސާ ޓްރާންސްފާ ކުރީ ދައުލަތަށް ލިބެން ޖެހޭ އެކުއިޒިޝަން ކޮސްޓު ފައިސާ ޗެކުތައް ޖަމާކުރި އެސްއޯއެފްގެ ބީއެމްއެލް އެކައުންޓަކުންނެވެ.

އެޓޯލް ހައިޑްއަވޭ ހޮލިޑޭސް މޯލްޑިވްސް

އެޓޯލް ހައިޑްއަވޭ ހޮލިޑޭސް ކުންފުންޏަކީ 2006 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުންޏެކެވެ. މި ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި މި ވަގުތު ތިބީ މުހުތާރު އާދަމް އަދި އައިމިނަތު އަފްރާހު މުހުތާރެވެ.

އެޓޯލް ހައިޑްއަވޭ ކުންފުނީގެ އެއްވެސް ހިއްސާދާރެއްގެ މިހާތަނަށް ހިޔާނާތުގެ ފައިސާ ލިބުނު ލިސްޓުގައި ހިމެނިފައެއް ނުވެ އެވެ. ނަމަވެސް މި ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުގައި ގިނަ މައްސަލަތަކެއް ހިނގަމުންދާ ކަން ފާހަގަ ވެއެވެ.

އެޓޯލް ހައިޑްއަވޭއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށައެޅިފައިވާ ގިނަ މައްސަލަތަކީ މުދަލާއި ހިދުމަތަށް ލިބެންޖެހޭ ފައިސާ ނުލިބިގެން އެ ކުންފުންޏާ ދެކޮޅަށް ހުށައަޅާފައިވާ މައްސަލަތަކެވެ. އަދި މީރާއިން ވެސް މި ކުންފުންޏާ ދެކޮޅަށް މައްސަލައެއް ހުށައަޅާފައި އޮތްކަން ފާހަގަކުރެ ވެ އެވެ.

އޭގެ އިތުރުން އެ ކުންފުނީގެ ކުރީގެ ހިއްސާދާރުންނާ ދެކޮޅަށް މިހާރުގެ ހިއްސާދާރުން ހުށަހަޅާފައިވާ މައްސަލައެއް ވެސް ހިމެނެ އެވެ. މި ހިޔާނާތް ހިނގި ދުވަސްވަރު ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބި ފަރާތްތަކުގެ މައުލޫމާތު އޮޅުންފިލާ ގޮތެއް ނުވި އެވެ.

އެޓޯލް ހައިޑްއަވޭގެ މައްސަލައިގެ ތަހުގީގު ވަނީ ނިމިފަ އެވެ. ނަމަވެސް މި ކުންފުންޏާ ދެކޮޅަށް ދައުވާކުރުމާ މެދު ގޮތެއް ނިންމާފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. އަދި ތަހުގީގަށް ފަހު މި މައްސަލައިގައި އެ ކުންފުންޏާ ދެކޮޅަށް އުފުލަނީ މަދަނީ ދައުވާއެއްތޯ ނުވަތަ ޖިނާއީ ދައުވާއެއްތޯ ސާފެއް ނުވެ އެވެ.

މިހާތަނަށް ހިޔާނާތުގެ މައްސަލައިގައި ވިޔަފާރިތަކާ ދެކޮޅަށް ދައުވާކުރަން ފޮނުވި ހުރިހާ މައްސަލައެއް ވެސް ފެތެނީ މަދަނީ މިންގަނޑަށެވެ.

އޭސީސީގެ ރިޕޯޓުގައި ހުރި މައުލޫމާތު އެނގެނީ މި ކުންފުންޏަށް އެސްއޯއެފްގެ އެކައުންޓަކުން 150،000 ޑޮލަރު ޓްރާންސްފާ ކޮށްފައިވާ ކަމެވެ. މި ކުންފުންޏަށް ފޮނުވި ފައިސާއަކީ އެކުއިޒިޝަން ކޮސްޓް ފައިސާއަށް ހިޔާނާތްތެރިވުމަށް ފަހު އެސްއޯއެފްގެ އެކައުންޓަކުން ފޮނުވާފައި ހުރި ފައިސާ އެވެ.

އެކޯ ޒޯން މޯލްޑިވްސް

އެކޯ ޒޯން މޯލްޑިވްސްގެ ހިއްސާދާރުންނަކީ ސޯލިހު މޫސާ އަދި މަރިޔަމް ރަޝީދާ އެވެ. މެނޭޖިން ޑިރެކްޓަރަކީ ސޯލިހު މޫސާ އެވެ.

މި ކުންފުނި ރަޖިސްޓްރީކުރީ 2014 ވަނަ އަހަރު އެވެ. އަދި، ކުންފުނީގެ ހިއްސާދާރެއްގެ ނަން ހިޔާނާތުގެ ލިސްޓުން ފެންނާކަށް ނެތެވެ.

މީރާ އާއި ކޯޓު ރެކޯޑްތަކުން ފެންނަ ގޮތުގައި މި ކުންފުންޏަކީ ޓެކްސް ނުދައްކައިގެން މައްސަލައެއް ސާބިތުވެފައިވާ ކުންފުންޏެކެވެ. މީރާއާ އެއްކޮޅަށް ނިމުނު އެ މައްސަލައިގައި މިއަދާ ހަމައަށް ވެސް މި ކުންފުނިން ލިބެން ޖެހޭ ފައިސާ ނުލިބިގެން، އެ ހުކުން ތަންފީޒުކުރަން މީރާއިން ވަނީ ސިވިލް ކޯޓަށް ހުށައަޅާފަ އެވެ. އެންމެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރީ ނިމުނު އޭޕްރިލް މަހުގެ ތެރޭގަ އެވެ.

މި ކުންފުންޏާ ގުޅޭ ތަހުގީގު އޮތީ އިންވެސްޓިގޭޝަން އޮންގޮއިން މަރުހަލާ ގައެވެ. އޭސީސީ ރިޕޯޓުގައި ހުރި މައުލޫމާތުން އެނގިފައިވާ ގޮތުގައި މި ކުންފުންޏަށް ހިޔާނާތުގެ ފައިސާއިން 110،000 ޑޮލަރު ލިބުނެވެ.

ކުންފުނިތައް އުވާލައިފިއްޔާ ވާނީ ކިހިނެއް؟

ރާއްޖޭގެ ކުންފުނިތަކާ ބެހޭ ގާނޫނު ބުނާ ގޮތުން ކުންފުންޏެއް އުވާލެވޭނީ އެ ކުންފުންޏެއް އުވާލަން ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ހުށައެޅުމުން ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބަލަން އިއުލާންކުރުމަށް ފަހު އެވެ. މައްސަލަ ހުށައަޅަން ދޭން ޖެހޭ މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން މައްސަލައެއް ހުށައަޅައިފި ނަމަ، އެ ކުންފުންޏެއް އުވާލަން ހުށައަޅަން ޖެހޭނީ ސިވިލް ކޯޓަށެވެ.

މި ކުންފުނިތަކާ ދެކޮޅަށް ޝަރުއީ ކޯޓެއްގައި ދައުވާއެއް ނުއުފުލާހާ ހިނދަކު، އަދި ދަރަނީގެ މައްސަލައެއް ނެތް ނަމަ ކުންފުނި އުފުވާލުމަށް ގާނޫނީ ހުރަހެއް ނެތެވެ.

މީގެ ތެރެއިން ތިން ކުންފުންޏަކާ ގުޅޭ މައްސަލަތައް ކޯޓުގައި ކުރިއަށް ދެއެވެ.

މި ހާލަތުގައި ކުންފުނި އުވާލުމުގައި އިކޮނޮމިކް މިނިސްޓްރީން އަމަލުކުރާނެ ގޮތް އޮޅުންފިލުވައި ދެއްވަމުން ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް "އަދަދު" އަށް ވިދާޅުވީ، ކުންފުންޏެއް ވައިންޑިން އަޕް ނުވަތަ ލިކުއިޑޭޝަން ސްޓޭޓަސްއަށް ބަދަލުވަނީ ކުންފުނި އުވާލަން ބޯޑު މެމްބަރުންގެ ހާއްސަ ގަރާރަކުން ނިންމާ، ލިކުއިޑޭޓަރަކު އައްޔަނުކުރުމަށް ފަހު އެ މައުލޫމާތު ރަޖިސްޓްރާއާ ހިއްސާކުރުމުން ކަމަށެވެ.

މި ކުންފުނިތައް އުވާލަން ގާނޫނީ ހުރަހެއް ނެތް ނަމަވެސް، އޮންނަ އުސޫލުގެ ތެރެއިން ކުންފުނިތައް އުވާލަން އިއުލާނުކުރުމުން އެއްވެސް ތަހުގީގީ އިދާރާއަކުން އެ ކުންފުނިތަކުގެ މައްސަލަ ބަލަމުންދާކަން އަންގައިފި ނަމަ، ކުންފުނި އުވާލުން މަޑުޖައްސާލާނެ ކަމަށް ވިސާމް ވިދާޅުވި އެވެ.

މި ކުންފުނިތައް އުވާލަން އިއުލާނުކޮށްފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް ކުންފުންޏެއް އުވާލާފައެއް ނުވެ އެވެ.

މީގެ ތެރެއިން އެއްވެސް ކުންފުންޏަކާ ދެކޮޅަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން މައްސަލައެއް ހުށަހަޅާފައި ނުވާކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox