ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާ ކުރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ނުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.
ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު މިއަދު "އަދަދު"އަށް ވިދާޅުވި ގޮތުގައި އަބްދުއްރަހީމްގެ މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އިތުރަށް ކުރިއަށް ނުދާން މިހާރު ވަނީ ނިންމާފަ އެވެ.
އަބްދުއްރަހީމް، ދައުވާއިން ސަލާމަތްވެފައިވަނީ އޭނާގެ ސާމްޕަލް ނެގުމުގައި ފުލުހުން ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފުވެފައިވާތީ އެވެ. އެއީ، އެ ގާނޫނުގެ 48 ވަނަ މާއްދާއަށެވެ.
މާއްދާގައިވާ ގޮތުން، މީހަކު ހަނުހުރުމުގެ ހައްގުގެ ބޭނުން ހިފައި ނަމަ، އެމީހެއްގެ ހަށިގަނޑުން އެއްވެސް ސާމްޕަލެއް ނަގައިގެން ނުވާނެ އެވެ. އަބްދުއްރަހީމް ތަހުގީގަށް ހާޒިރުކުރުމުން އޭނާ ހަނުހުރުމުގެ ހައްގު ބޭނުން ހިފުމުން ވެސް ފުލުހުން ވަނީ އޯޑިއޯ އަދި ވީޑިއޯ އެނާލިސިސް ރިޕޯޓް ހެދުމަށް ސާމްޕަލް ނަގައިފަ އެވެ.
ގާނޫނުގައި ބުނެފައިވަނީ، ކުށުގެ ތުހުމަތުގައިވާ މީހާއަށް ސާމްޕަލް ދިނުމަށް ލާޒިމުކުރުވުމަކީ އޭނާގެ ބަޔާން މަޖުބޫރުން ހޯދުންކަމުގައި ގާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ބޭނުމަށްޓަކައި ބެލޭނެ ކަމާއި އަދި އެފަދައިން ހޯދާ ބަޔާން، ޝަރީއަތުގެ މަޖިލީހުގައި ހެއްކެއްގެ ގޮތުގައި ބަލައެއް ނުގަނެވޭނެ އެވެ. އަދި، އެފަދަ ބަޔާނެއް ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތެއް ވެސް ނޯންނާނެ ކަމަށެވެ.

އެހެންވެ، އެކަން އަބްދުއްރަހީމްގެ ފަރާތުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅުމުން އެކަމަށް ރިއާޔަތް ކުރައްވައި، ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވީ، އެއީ މައުޟޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށެވެ.
އަބްދުއްރަހީމްގެ މައްޗަށް މި ދައުވާ ދައުލަތުން އުފުލީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް އިއްވުމާ އެކު، އެ ކޯޓުގެ ބޭރުގައި ހުންނަވައި ލައުޑްސްޕީކާ ބޭނުންކޮށްގެން ގާޒީއަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން މުއާމަލާތް ކުރެއްވި ކަމަށް ބުނެ އެވެ.












