ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބުރާސްފަތި ދުވަހުގެރޭ މާލޭގައި ދިން ޓެރަރިސްޓް ހަމަލާގެ އެއްވެސް މައުލޫމާތެއް އާއްމުންނަށް ނޭގި އޮތުމުން އެކަމާ ސުވާލު އުފެއްދެވީ ކަމުން ބަރީއަވެ އާއްމުން ބަދުނާމްކުރަން ނޫން ކަމަށާއި އެ ވާހަކަތަކުން ރައްޔިތުންނަށް އޮޅުން އަރައިފައިވާ ނަމަ މައާފަށް އެދޭ ކަމަށް އެމްއެންޑީއެފްގެ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފް އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަކަރިއްޔާ އެ ސުވާލު އުފެއްދެވީ، މި ހަމަލާގެ ޖާސޫސީ އެއްވެސް މައުލޫމާތެއް ފުލުހުންނާއި ސިފައިންނަށް ލިބިފައިނުވާތީ އެކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުތައް ކުރުމުންނެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު އެ ސުވާލު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާށް އަމާޒުކުރައްވާފައިވަނިކޮށް، ޒަކަރިއްޔާ އަށް ފުރުސަތު ލިބިވަޑައިގަތުމުން، ވިދާޅުވީ އެކަކު އަނެކަކު ކުށްވެރިކުރުމުގެ ކުޅިވަރަކަށް ދިއުމަކުން ވާނެ ފައިދާއެއް ނެތް ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސްއަށް އެއްވެސް ކަހަލަ އިޝާރާތެއް ލިބިފައި އޮތް ނަމަ އެފަދަ ކަމަކަށް އެއްވެސް މީހަކު ހުށަހެޅޭ ގޮތަށް ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާއްމުން ހިތްހަމަނުޖެހުނީ ސަލާމަތީ ބާރުތަކަށް އެއްވެސް މައުލޫމާތެއް ލިބިފައި ނުވުމުން އެކަމާ ނޫސްވެރިން އުފެއްދި ސުވާލުތަކަކަކީ ބްލޭމް ގޭމެއް ކަމަށް ޒަކަރިއްޔާ ސިފަކުރެއްވުމަށް ފަހު، އާއްމުންނަށް މިފަދަ އެއްވެސް ކަމެއް އެނގިފައިނުވާތީ އެކަމާ ހައިރާންވެ ހުންނަވާ މޭރުމަކުން ވާހަކަދެއްކެވުމުންނެވެ.
"އަޅުގަނޑު ހިތަށް އަރާ، ހަމަ މިފަދަ ޑިވައިސެއް ހަދާ އައިއީޑީއެއް ހަދާ ތަނެއްގައި ބައިންދާ މި ހުރިހާ ކަމެއް ކުރިއިރު ހަމަ އަޅުގަނޑުމެން ތެރެއިން ހަމަ އެއްވެސް އާއްމު ރައްޔިޔަަށް ނޫނީ އެއްވެސް ބޭފުޅަކަށް އެއްވެސް ހިލަމެއް ހުވަމެއް ވެސް ހަމަ ނުވޭބާވާއޭ؟ ހަމަ މިނިސްޓަރު ވެސް ވިދާޅުވިގޮތަށް ހަމަ ކިރިޔާ ވެސް ޝައްކެއްވާ ގޮތަށް މީހެއްގެ ހަރަކާތެއް ހުއްޓަސް އެ ވާހަކަ އަންގަވައިދެއްވާށޭ،" ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް ޒަކަރިއްޔާ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

އެ ފާޑުކިޔުންތަކާ ގުޅޭގޮތުން "އަދަދު" އިން މިރޭ ޒަކަރިއްޔާއާ ސުވާލުކުރުމުން ވިދާޅުވީ އޭނާ ދެއްކި ވާހަކަތަކަށް މީޑިއާތަކުން އިން އައުޓް އޮފް ކޮންޓެކްސްކޮށް ނަގައި، ޓްވިސްޓްކޮށްފައިވާ ކަމަށެވެ. ޓީވީން ވަގުތުން ދެއްކި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކަށް ސާފުކޮށްދެއްވަމުން ޒަކަރިއްޔާ ވިދާޅުވީ، ޓެރަރިޒަމްގެ މިފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގާނޫނަށް އިސްލާހު ގެނެވިފައިވާ ކަމަށާއި އޮޕަރޭޝަނަލް ލެވެލްގައި ކޮން ބަޔެއް ކުރަންވީ ކޮން ކަމެއްކަން އެނގޭ ގޮތަށް ވެސް ގާނޫނަށް ބަދަލުގެނެވިފައިވާ ކަމަށެވެ.
"އެއާ އެކު މިފަދަ ކަންކަން ހުއްޓުވުމަށް އާއްމުންގެ އެހީތެރިކަން ވެސް ބޭނުންވޭ. އަޅުގަނޑު އާއްމުންނަށް ކުރި އިލްތިމާސަކީ އެކަހަލަ ކަމެއް އެނގުނަސް، ކުޑަކުޑަ އިޝާރާތެއް ވިޔަސް އަންގަވަމުން ގެންދަވާށޭ. އެނގިވަޑައިގަންނަވާނެ މިފަދަ ކަމެއް އެކަކު އެކަންޏެއް ނުވާނެކަން. ދެ ވަނަ މީހަކު ހުންނާނެ. އަދި ތިން ވަނަ މީހަކު ވެސް ހުންނާނެ. ޝައްކުވާ ގޮތަށް އުޅެންޏާ ބަޔަކަށް އެކަން އެނގިފައި އޮވެދާނެ. އަވަށްޓެރިޔާ އަށް އެނގިފައި އޮވެދާނެ. މިކަން މިއޮތީ ހިނގައިފައި. އަޅުގަނޑު އެދުނީ މީގެ ފަހުން ޝައްކުވާ ބަޔަކު އުޅެންޏާ ލަސްނުކޮށް އަންގަވަދެއްވާށޭ،" ދިވެހި އަސްކަރިއްޔާ އަށް 37 އަހަރު ހިދުމަތްކުރައްވާފައިވާ ޒަކަރިއްޔާ ވިދާޅުވި އެވެ.
ކޯސްޓް ގާޑުގައި ވެސް ގިނަ ދުވަސްތަކެއް މަސައްކަތްކުރައްވާފައިވާ ޒަކަރިއްޔާ ވިދާޅުވީ އޭނާ އަކީ ކަނޑުމަތީގައި ހާދިސާތަކާއި އެ ނޫން ވެސް ބޮޑެތި ކަންކަމުގައި އާއްމުން ހޭލުންތެރިކުރުވުމުގައި މަސައްކަތްކުރި މީހެއް ކަމަށާއި އެހެންވެ ބޭނުންވީ މިކަމުގައި ވެސް އާއްމުން ހޭލުންތެރިކުރުވައި ކުޑަވެސް އިޝާރާތެއް ލިބިފައިވާ ނަމަ ކަމާބެހޭ ފަރާތްތަކާށް އަންގަން ބާރުއެޅުން ކަމަށެވެ.
"އެއްވެސް ހާލެއްގައި، އަޅުގަނޑުގެ ނިޔަތަކީ ކުޑަ މިންވަރަކަށް ނަމަވެސް މިކަމުގައި ރައްޔިތުން ބަދުނާމު ކުރުމެއް ނޫން. އެނގިވަޑައިގަންނަވާނެ ކުދިކުދި އިންފޮމޭޝަނުން ވެސް އެބަހުރި ކަންކަން ހުއްޓިފައި. އެހެންވެ އަޅުގަނޑު ހަމައެކަނި ސިވިލް ސޮސައިޓީގެ އެހީތެރިކަމަށް ގޮވާލީ،" ނޮވެމްބަރު ތިނެއްގެ މެޑަލް ހާސިލްކުރައްވާފައިވާ ޒަކަރިއްޔާ ވިދާޅުވި އެވެ. "އެއްގޮތަކަށް ވެސް ރައްޔިތުންނަށް ބަދުނާމު ކުރުމުގެ ނިޔަތެއް އަޅުގަނޑުގެ ހިތުގައި ނެތް. އެކަމަކު އަޅުގަނޑު ދެއްކި ވާހަކައިން އާއްމުންނަށް އެ މާނަ ނެގިފައިވާ ނަމަ އެކަމަށް މައާފަށް އެދެން."












