މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑް-19 ބާރަށް ފެތުރެމުންދާތީ ސަރުކާރުގެ އޮފީސްތައް ބުދަ ދުވަހު މާދަމައިން ފެށިގެން ބަންދު ކުރަން ނިންމާފައިވީ ނަމަވެސް ކޯޓުތަކުގެ ހިދުމަތްތައް މެދުކެނޑުމެއްނެތި އާންމުންނަށް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީ އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ބަލިމަޑުކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާއްސަ ފިޔަވަޅުތައް އަޅާފައިވާ ރަށްތަކުގައި "ކޯޓުތަކުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް" އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
"ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކޯޓުތަކުން ލިބޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް އާންމުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް މި ކޮމިޝަނުން 4 މެއި 2021 ގައި ބޭއްވި މި ކޮމިޝަނުގެ 36 ވަނަ ޖަލްސާއިން ނިންމައިފިން،" އެ ބަޔާނުގައިވެ އެވެ.
ކޮވިޑް-19 އިންތިހާއަށް ގިނަވެފައިވާތީ މާލޭގައި ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމާއި ގައި ދުރުކޮށްގެން ނަމާދު ކުރުން ހިމެނެ އެވެ. އަދި ދަންވަރު 12:00 އިން 4:00 ހަމައަށް ވެހިކަލް ދުއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.
ބުދަ ދުވަހުން ފެށިގެން އަޅާ ފިޔަވަޅުތައް
- ސަރުކާރު އޮފީސްތައް ބަންދުކުރުން
- ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައި ދިނުން
- ޕާކުތަކާއި، ކުޅިވަރު ދަނޑުތަކާއި، ސްވިމިން ޓްރެކުތައް ބަންދުކުރުން
- މިސްކިތްތަކުގައި މާސްކު އެޅުމާއެކު ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުން
- ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް މެނުވީ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުން
- ވެކްސިން ފުރިހަމަ ކުރުމުން ދަތުރުކުރުމަށް ދީފައިވާ ލުއި މެދުކަނޑާލުން
- އިންޑިއާ އިން އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑާސް 14 ދުވަހަށް ކަރަންޓީނުވުން
މާލެ ސަރަހައްދު ފިޔަވައި އިތުރު ރަށްރަށުގައި އަޅާ ފިޔަވަޅުތައް
ރަށްރަށުގައި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް މެނުވީ މީހުން ދިރިއުޅޭ ރަށްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްތަކަށް ދަތުރުކުރުން ހުއްޓާލަން ވަނީ އަންގައިފަ އެވެ.

އަދި ކޮވިޑް-19 އިގެ ވެކްސިން ފުރިހަމަ ކުރުމަށްފަހު 14 ދުވަހުގެ މުއްދަތަށްފަހު ރަށްރަށަށް ދަތުރުކުރުމަށް މީގެ ދޭން ނިންމާފައިވާ ލުއި މެދުކަނޑާލެވިފައިވާކަމަށް އެޗްޕީއޭއިން މިރޭ ބުންޏެވެ.
މީގެ އިތުރުން، މިހާރު މުޅި ދުނިޔޭގައި ބަލި އެންމެ ބޮޑަށް ފެތުރެމުންދާ އަވަށްޓެރި އިންޑިއާ އިން ރާއްޖެ އަންނަ މީހުންނާމެދު އަޅާފައިވާ ފިޔަވަޅު ވެސް މިރޭ ވަނީ އިތުރަށް ހަރުކަށިކޮށްފަ އެވެ.
މިގޮތުން، އިންޑިއާ އިން އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑާސް 14 ދުވަހަށް ކަރަންޓީނުވުމަށްފަހު، ޕީސީއާރު ޓެސްޓު ހަދަންޖެހޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.












