ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި އޮތް ކުޑަ ފިރިހެން ކުއްޖަކަށް ގަދަކަމުން ޖިންސީ އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ ފިރިހެން ނަރުހަކު ރާއްޖެއިން ފުރުވާލުމަށްފަހު އެ މައްސަލަ ހޮސްޕިޓަލުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ނަރުހަކު އެތަނުގައި އޮތް ކުޑަކުއްޖަކާ ބެހުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަން އެ އިދާރާއިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ތުހުމަތު ކުރެވޭ މީހާ ރާއްޖޭގައި ނެތުމުން ފުލުހުންނަށް އޭނާ ތަހުގީގަށް ހާޒިރުކޮށް މައްސަލަ ބެލޭނެ ގޮތެއް ނެތުމުން އެ މައްސަލަ ވަނީ ފައިލުކޮށްފަ އެވެ.
އެ މައްސަލައިގެ އަޅާ ފިޔަވަޅެއްގެ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމާއެކު މަޝްވަރާ ކުރުމަށް ފަހު އެ ބިދޭސީ މީހާ ރާއްޖެ ނާދެވޭ ގޮތަށް އިމިގްރޭޝަން މެދުވެރިކޮށް ބުލެކް ލިސްޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހާގެ މައްސަލަ ޓްރީޓޮޕް ހޮސްޕިޓަލުން ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ވަނީ މިދިޔަ ޖެނުއަރީ، 14، ގަ އެވެ. އޭގެ ކުރިން ހޮސްޕިޓަލުން އޮތީ ނަރުސް މީހާ ފުރުވާލައިފަ އެވެ.
މި މައްސަލައިގައި ޓްރީޓޮޕް ހޮސްޕިޓަލަށް ގުޅުމުން އަދި ހޮސްޕިޓަލުން އެދުނު ގޮތަށް އީމެއިލް ކުރުމުން ވެސް މައްސަލައިގައި ކޮމެންޓެއް ކުރުމަށް ވަނީ ދެކޮޅު ހަދައިފަ އެވެ.

ކުޑަކުއްޖާއާ ބެހުނު ނަރުހަކީ ކޮން ގައުމެއްގެ މީހެއް ކަމެއް ނޭނގެ އެވެ. އަދި މި ކުޑަކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ވެސް ނޭނގެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ބުނާގޮތުން ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގައިފި ނަމަ އެއީ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްތަކަށް ޖަލަށް ލެވޭ ކުށެކެވެ.
އިތުރުބާރު ކުރަންޖެހޭ މަގާމުތައް ގާނޫނުގައި މާނަ ކޮށްފައިވާއިރު ހޮސްޕިޓަލް، ނުވަތަ ކްލިނިކް، ނުވަތަ ކުޑަކުދިން ބަލަހައްޓައިދޭ ގެ ފަދަ ހިދުމަތްދޭ ތަންތަނުގެ މީހުން ހިމެނެ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގައި ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ އެހެން މައްސަލަތަކެއް ވެސް މީގެ ކުރިން ފެންމަތިވެފައިވެ އެވެ. އެގޮތުން އެތަނުގެ ފިރިހެން ޑޮކްޓަރަކު އަންހެން މުވައްޒަފަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު މައްސަލައެއް ވެސް މީގެ ކުރިން އޮތީ ފެންމަތިވެފައިވެ އެވެ.












