ސީރިއާ އާއި އަފްގާނިސްތާނުގެ ހަނގުރާމައިގައި ބައިވެރިވެފައި ހުރި ދިވެހި އާއިލާއެއްގެ އަންހެނަކާއި އޭނާގެ ހަތަރު ދަރިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ތުރުކީގެ އަންކާރާގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އަންހެންމީހާ އާއި ދަރިން ވަގަށް ތުރުކީއަށް އެތެރެވުމުން އެ ގައުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ދިވެހި އާއިލާއެއްގެ އަންހެނަކު އޭނާގެ ހަތަރު ދަރިންނާއެކު ސީރިޔާއިން ތުރުކީއަށް ގަވާއިދާ ހިލާފަށް އެތެރެވެ، އެގައުމުގައި އުޅެނިކޮށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނެސް ދިވެހިސަރުކާރަށް އެކަން އެންގުމާ ގުޅިގެން، މި މައްސަލަ ތަހުގީގުކޮށް، އެއާއިލާއަށް ނިސްބަތްވާ ކުޑަކުދިންގެ ރަށްވެހިކަމާއި ދަތުރުފަތުރާ ގުޅުންހުރި ލިޔުންތަކާއި އެފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނައުމަށް ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޓީމެއް މިވަގުތު ދަނީ ތުރުކީގައި، އެގައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަރަކާތްތެރި ވަމުން،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
އެ އަންހެން މީހާއަށް ދަރިން ލިބިފައި ވަނީ އަފްގާނިސްތާނާއި ސީރިއާގައި ހަރަކާތްތެރިވި ދިވެހި ދެ ފިރިހެނުންނަށް ކަމަށް ފުލުހުން ބުންޏެވެ. އަދި އެންމެ ހަގު ދެ ކުދިން ވިހާފައި ވަނީ ސީރިއާގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"އެންމެ ހަގު ދެކުދިން އުފަންވެފައިވަނީ އަފްޤާނިސްތާނާއި ސީރިޔާގައި ދިރިއުޅުނުއިރުކަމަށް ބުނެފައިވާތީ، މި ދެ ކުދިންނަކީ ދިވެހި އަންހެން މީހާގެ ދަރިންކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ދަނީ ކުރަމުން،" އެ ބަޔާނުގައިވެ އެވެ.

ހަނގުރާމައިގެ ސަރަހައްދުތަކުގައި އުޅެފައިވުމުން އެ އާއިލާއަށް ނަފްސާނީ ބޮޑު ބިރުވެރިކަންތައްގަނޑަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
"މި އާއިލާއަށް، ހަނގުރާމަވެރި ސަރަހައްދުތަކުގައި ތަފާތު ބިރުވެރި ތަޖުރިބާތައް ކުރެވި ނަފުސާނީގޮތުންނާއި ސިއްހީގޮތުންވެސް ބޮޑެތި އަސަރުތަކެއް ކޮށްފައިވާކަން ފާހަގަ ކުރެވިފައިވޭ،" ފުލުހުން ބުނެފައިވެ އެވެ.
އެ އާއިލާ ރާއްޖެ ގެނައުމަށް ހަމަކުރަންޖެހޭ ލިޔުންތައް ހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެމީހުން މުޖްތަމައަށް ނެރޭނީ ރިހެބިލިޓޭޓް ކުރުމަށްފަހު ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"މި ފަދަ ފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނެވޭ ހާލަތްތަކުގައި އެފަރާތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެންނައުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް މިނިސްޓްރީ އޮފް ހޯމް އެފެއަޒްގެ ދަށުން ހިންގާ ނޭޝަނަލް ރިއިންޓެގްރޭޝަން ސެންޓަރާ ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަން،" ބަޔާނުގައިވެ އެވެ.
ރާއްޖެ ގެނައުމަށްފަހު އެ އާއިލާގެ މައްސަލަ އިތުރަށް ތަހުގީގު ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.












