ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ގެސްޓްހައުސްތަކާއި ހޮޓާތަކަށް އިންޑިއާި ޓޫރިސްޓުން އައުން މަނާކުރުމުން ގެއްލުންވާ މައްސަލައިގައި ކަންބޮޑުވުންފާޅުކޮށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމަށް ހުށަހެޅުންތަކެއް ހުށަހަޅައިފި އެވެ.
ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން މިނިސްޓަރު ނަސީމާ އެކު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން އެތަނުގެ ސެކްރެޓަރީ ޖެނެރަލް ސައުދުﷲ ވިދާޅުވީ މިނިސްޓަރު ނަސީމަށް ތިން ހުށަހެޅުމެއް ހުށަހެޅި ކަމަށެވެ.
- ރާއްޖެ އަންނަ އިންޑިއާ ޓޫރިސްޓުން، ޕީސީއާރު ނަތީޖާ ލިބެންދެން ގެސްޓްހައުސްތަކުގައި ކަރަންޓީނު ވެގެން ތިބުން
- މާލެ ނުވަތަ ހުޅުމާލޭގައި 1-3 ދުވަސް ކަރަންޓީނު ވުމަށް ފަހު ރަށަކަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖެއްސުން.
- ކެފޭ/ރެސްޓޯރަންޓު ނުހުންނަ ގެސްޓްހައުސްތަކަށް ބޭރުން ކާއެއްޗެހި ގެނެވޭނެ ގޮތަށް އެތަންތަން ހުޅުވަން ހުއްދަ ދިނުން
ސައުދު ވިދާޅުވި ގޮތުގައި ގެސްޓްހައުސްތަކުން މިހާތަނަށް ވެސް އެސްއޯޕީތަކުގައި ހިފަހައްޓަމުން އައި ގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް އެސްއޯޕީތަކުގައި ހިފަހައްޓާނެ އެވެ.
މި ކަންބޮޑުވުންތައް އަޑުއައްސަވައި މިނިސްޓަރު އެދިވަޑައިގަތީ ވަގުތުކޮޅެއް ދެއްވުމަށެވެ.
ގޭމްއިން ބުނީ ނިންމުން މުރާޖައާކުރަން ދެ ހަފުތާއެއްހާ ދުވަސް ބޭނުންވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް އިންޑިއާގެ ޓޫރިސްޓުން އައުން މަނާކުރީ އޭޕްރީލް 25ގަ އެވެ. އިންޑިއާ ޓޫރިސްޓުން އައުން މަނާކުރީ އެ ގައުމުގެ ކޮވިޑް-19 ނުރައްކާތެރި މިންވަރަކަށް ފެތުރެމުން ދިޔުމާ ގުޅިގެންނެވެ. ދުވާލެއްގެ މައްޗަށް ރެކޯޑް އަދަދަކަށް އެ ގައުމުން ޕޮޒިޓިވް ކޭސްތައް އަންނަނީ ފެންނަމުންނެވެ.










